ދުނިޔެ

އިންޑިއާއިން އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމެއް ގަންނަނީ

މުހައްމަދު އައުޒަމް

އިންޑިއާއިން އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމެއް ގަތުމުގެ މަސައްކަތް ފަށައިފިއެވެ.

ރަޝިޔާއިން އުފައްދައިފައިވާ އެސް - 400 މަރުކާގެ އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމް ގަތުމަށް 800 މިލިޔަން ޑޮލަރު އެޑްވާންސް ފައިސާގެ ގޮތުގައި ވަނީ ރަޝިޔާއަށް ދައްކާފައެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ މި މިސައިލް ސިސްޓަމް އިންޑިއާއަށް ގެންދިއުމަށް ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިޔަށް ދާކަމަށް ވިދާޅުވެފައެވެ.

ރަޝިޔާއާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިސައިލް ސިސްޓަމްގެ ބާކީ ފައިސާ 2025 ވަނަ އަހަރާ ހަމައަށް ދައްކައި ހަލާސް ކުރަން ޖެހެއެވެ.

މިދިޔައަހަރުގެ އޮކްޓޯބަރު މަހު ރަޝިޔާގެ ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ވަނީ ފަސް ބިލިޔަން ޑޮލަރުގެ އަގުހުރި ލޯންގް ރޭންޖު ސާފޭސް ޓު އެއާ މިސައިލް ސިސްޓަމެއް ގަތުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

ރަޝިޔާއަކީ އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ ގައުމެވެ. ފާއިތުވެދިޔަ ފަސް އަހަރުތެރޭ އިންޑިއާ އަށް އެތެރެކޮށްފައިވާ %62 ހަތިޔާރަކީ ރަޝިޔާއިން އެތެރެކޮށްފައިވާ ހަތިޔާރެވެ. އިންޑިއާއަށް ދެން އެންމެ ގިނައިން ހަތިޔާރު އެތެރެކުރަނީ އެމެރިކާ އަދި އިސްރާއިލުންނެވެ.