ޚަބަރު

ޖަމާލުއްދީން ސްކޫލްގެ ސެލެބްރޭޝަން ނައިޓް ބާއްވައިފި

މަރިޔަމް ޝަހުދާ

އިންޓަރ ސްކޫލް މުބާރާތްތަކުން މި އަހަރު ތެރޭ ހޯދި ކާމިޔާބީތައް ފާހަގަ ކުރުމަށް ޖަމާލުއްދީން ސްކޫލް، (ޖޭއެސް) އިން ސެލެބްރޭޝަން ނައިޓެއް ބާއްވައިފި އެވެ.

ރޭ ޖަމާލުއްދީން ސްކޫލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.

މިއަހަރު ތެރޭ ޖަމާލުއްދީން ސްކޫލުން ވަނީ ތަފާތު 11 ދާއިރާއަކުން 24 މުބާރާތެއްގައި ބައިވެރިވެފައެވެ. އެއީ 66 ޓީމާއެކު ޖުމުލަ 410 ދަރިވަރުންނެވެ. މި މުބާރާތްތަކުން ދަރިވަރުން ވަނީ ފާހަގަ ކޮށްލެވޭ ކާމިޔާބީ ތަކެއް ހޯދާފައެވެ.

ޖަމާލުއްދީން ސްކޫލުން މިއަހަރު ހޯދި ކާމިޔާބީތަކަށް ބަލާއިރު މުބާރާތްތަކުގައި ބައިވެރިވި 66 ޓީމުގެ ތެރެއިން 11 ޓީމަކުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ރަނަރަޕްގެ ގޮތުގައި ފަސް ޓީމެއް ހިމެނިފައިވެއެވެ. މީގެ އިތުރުން ހަ ޓީމަކަށް ބައިވެރިވި މުބާރާތުން ތިން ވަނަ ލިބިފައިވާ ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.