ކޮލަމް

ކެޔޮނިރު ކޮލަމް: ފުރަތަމަ އަހަރުގެ ހަގީގީ ކާމިޔާބަކީ ހިސާބު އަދަދުތަކެއް ނޫނެވެ! ރައީސް ސޯލިހުގެ މިޒާޖުފުޅެވެ!

މުހައްމަދު ބުޝްރީ

4

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ކާމިޔާބުތައް ތަފާސް ހިސާބުތަކުން ފާހަގަ ކުރަމުން އެބަދެއެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފިއެވެ. ހިލޭ ޑިގްރީ އަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ. ސްޓޫޑެންޓް ލޯން 500 ދަރިވަރުންނަށް މިހާތަނަށް ދީފިއެވެ. ސްޓޫޑެންޓް ލޯންގެ އިންޓަރެސްޓް ރޭޓް ފަަސް ޕަސެންޓުން ތިން ޕަސެންޓަށް ކުޑަކޮށްފިއެވެ. މަތީ ވަނަތަކުން އޭލެވެލްގައި ފާސްވާ ކުދިންނަށް، ޔޫރަޕްގެ ޤައުމުތައްވެސް ހިމެނޭގޮތަށް، ބޭނުން ގައުމަކަށް ސްކޯލަރޝިޕް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

އަދި ނިމުނީއެއް ނޫނެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓި ސްކޭނާއި ހިތުގެ ފަރުވާ ފަށައިފިއެވެ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީ ހިމެނޭގޮތަށް ޓާޝަރީ ފެންވަރަށް ފަސް ހޮސްޕިޓަލް ތަރައްގީ ކުރަން ފަށައިފި އެވެ. މިފަސް ހޮސްޕިޓަލުގައިވެސް ސީޓީ ސްކޭން ހެދޭނެ ކަމަށާއި އައްޑު އާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެމް.އާރ.އައި ހެދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ނެޝަނަލް ސެންޓަ ފޮ މެންޓަލް ހެލްތު އުފައްދައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ފަރުވާދޭން ފެށުމާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި 4000 އަށް ވުރެ ގިނަ މީހުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދައިފިއެވެ. ދުންފަތާއި ސިނގެރޭޓް މަދުކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

ނުރައްކާތެރި ކުށްތަކުގެ އަދަދު 2018 ވަނަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓް ދަށް ވެއްޖެއެވެ. ނުރައްކާތެރި ބޮޑެތި ކުށްތައް މަދުވެފައިވާ އިރު ގޭންގް މާރާމާރީގައި އެކަކު ވެސް މިދިޔަ އެއް އަހަރު ތެރޭ މަރެއް ނުވެއެވެ. ސަރުކާރުގެ މުވައްޒަފުންނަށް މުސާރައާ އެކު، މައިންނަށް 6 މަސްދުވަހުގެ އަދި ބަފައިންނަށް އެއް މަސް ދުވަހުގެ، ޗުއްޓީ ދޭން ފަށައިފިއެވެ. ކައުންސިލްތައް ބާރުވެރި ކުރުވަން ލާމަރުކަޒީ ޤާނުނަށް ބޮޑެތި ބަދަލުތަކެއް ހުށަހަޅައި ކައުންސިލްތަކަށް މިލިއަނުން، ބޮޑެތި އާމްދަނީ އާއި ބަޖެޓް ލިބި، އަމިއްލައަށް ކަންކަން ހިންގުމުގެ ބާރުވެރިކަން ދޭން ނިންމައިފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީކުރަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސް.އެމް.އީ ބޭންކެއް އުފައްދައިފިއެވެ. ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް، 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ ބިޑްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ކުދި ވިޔަފާރިތަކަށް ކަމަށް ކަނޑަ އަޅައި ފިނޭންސް މިނިސްޓްރީން މާލިއްޔަތު ގަވާއިދު އިސްލާހުކޮށްފިއެވެ. ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރަން 69 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފިއެވެ. އެއް އަހަރުގެ ތެރޭގައި ނުވަދިހަ ގެސްޓްހައުސް ހުޅުވައިފިއެވެ.

ކަނޑުމަހުގެ ބާވަތްތައް މަސްވެރިންގެ އަތުން ގަނެވޭނެ އެންމެ ކުޑަ އަގެއް ކަނޑައަޅަން ގާނޫނު ފާސްކޮށްފި އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރަން ހުއްދަދިނުން ހުއްޓާލައިފިއެވެ. ދޮށީގެ މަސްވެރިކަމުން ބާނާ ކަޅުބިލަ މަސް ގަނެ ޕްރޮސެސް ކުރުމަށް ހަމައެކަނި ވަކި ފަސް ކުންފުންޏަށް ދީފައިވާ ހުއްދަތައް އުވާލައި އެ ދާއިރާ ހުރިހާ ވިޔަފާރިވެރީންނަށް ހުޅުވާލައިފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

އަވިން ހަކަތަ އުފެއްދުން ފަދަ އިއާދަ ކުރަނިވި ހަކަތައިން މިސްކިތްތައް އެއާރކޯންކޮށް ފިނި ކުރުމުގެ މަސައްކަތް ފައްޓައިފިއެވެ. ތެއްތިރީސް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ޖުމުލަ ވިހި ރަށެއްގައި ބަނދަރު ހެދުމުގެ މަޝްރޫއު ފަށައިފިއެވެ. ކަރަންޓް ނުކެނޑި، ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން 58 ރަށަކަށް އާ ޖަނަރޭޓަރު ސެޓް ފޮނުވައިފިއެވެ. ކަރަންޓުގެ އަގު ހެޔޮ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގެ ވިޔަފާރިތަކަށް ކަރަންޓު ވިއްކާ ރޭޓް އެއްހަމަ ކޮށްފިއެވެ. އަތޮޅުތަކުގެ ޑޮމެސްޓިކް ކަރަންޓު ޓެރިފް މާލެއާ އެއްހަމަކޮށްފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

ހއ. ބާރަށު ކުޅި، ހދ. ނޭކުރެންދޫ ކުޅި، ހދ.ކޭލަކުނު އަދި ބޮޑުތިލަދުންމަތީގެ އިތުރުން އެތައް ސަރަހައްދެއް ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފިއެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަ ރިޒާވްގެ ދަށުން ހިމާޔަތް ކޮށްފައިވާ ދެ ސަރަހައްދު ކަމުގައި ހެދުމަށް "ނޮމިނޭޝަން ޑޮސިއާ" ތައްޔާރުކޮށް ޔުނެސްކޯއަށް ހުށައަޅައިފިއެވެ. އިރުގެ އަލިން ހަކަތަ އުފެއްދުމަށް ތޭރަ ރަށެއްގައި ސޯލާ ޕަވާ ސިސްޓަމް ގާއިމްކޮށްފިއެވެ. ކޮމަލްވެލްތުގެ މެންބަރަކަށް އަލުން ވުމުގެ މަސައްކަތް ފަށައިފިއެވެ. ފޮރިން މިނިސްޓަރު ކެނޑިނޭޅި ބޭރު ޤައުމުތަކަށް ފޮނުއްވައިގެން ހެޔޮއެދޭ ބޭރުގެ އެކި ގައުމުތަކުން ޖުމުލަ 3.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯދައިފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

މިހާރު ގުރައިދޫގައި ހިންގާ ދުވަސްވީ މީހުންގެ ހާއްސަ މަރުކަޒުގެ އިތުރުން ދުވަސްވީ މީހުންނަށް ޚާއްސަ އިތުރު ދެ މަރުކަޒު ގާއިމްކުރުމަށް ސަރުކާރުން ވައުދު ވެއްޖެއެވެ. 750 މިލިއަން ރުފިޔާގެ ސްޓޫޑެންޓް ލޯނު ކުރިއަށް އޮތް އަހަރު ދޫކުރަން ވައުދު ވެއްޖެއެވެ. އައްޑޫ ސިޓީގައި ބިން ހިއްކައި މަގު ހެދުމުގެ ބިޔަ ޕްރޮޖެކްޓެއް 2020 ގެ ބަޖެޓްގައި ހިމަނައިފިއެވެ. އެއްފަހަރާ ގިނަ ބޯޓުތަކަކަށް ޚިދުމަތް ދިނުމަށް މަގުފަހިކޮށް، ބޮޑެތި ބޯޓުފަހަރަށް ޚިދުމަތް ދިނުމަށް ފަސޭހަ ކުރުމަށްޓަކައި ގުޅީފަޅު ޕޯޓް ޕްރޮޖެކްޓާއި، ގުޅީފަޅާ މާލެ ގުޅާލާ ބުރިޖުގެ މަސައްކަތް 2020 އަށް ބަޖެޓްކޮށްފިއެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

އަބުރުގެ ގާނޫނުގެ ނަމުގައި ނޫސްވެރިކަން ކަސްތޮޅު އެޅުވި ގާނޫނު އުވާލައި، ނޫސްވެރިކަން މިނިވަންކޮށްދީފިއެވެ. ހިޔާލު ފާޅުކުރުމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ބިރުވެރިކަން ނައްތާލައި ފުރިހަމަ މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދީފި އެވެ. އިދިކޮޅު ސިޔާސީ ފިކުރުތަކަށް މިނިވަންކަމާ އެކު އަޑު އުފުލުމުގެ ފުރުސަތު ދީ ސިޔާސީން ހައްޔަރުކުރުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ. މިއީ ރައީސް ސޯލިހުގެ ފުރަތަމަ އެއް އަހަރަށް "އޭ" ރިޕޯރޓް ދޭން ޖެހޭ ސަބަބު ބާވައެވެ؟

ހަޤީގަތުގައި ރައީސް އިބްރާހިމް މުހައމަދު ސޯލިހުގެ ރައީސް ކަމުގެ ފުރަތަމަ އެއް އަހަރު، 17 ނޮވެމަބަރ 2019 ވީ އާދީއްތަ ދުވަހު ފުރުނު އިރު އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބަކީ މަތީގައި އެވާ ތަފާސް ހިސާބުތަކެއް ނޫނެވެ. އެންމެ ބޮޑު ކާމިޔާބަކީ ރައީސް ސޯލިހުގެ ޝަހްސިއްޔަތެވެ. ޒާތީ ކެރެކްޓަރ އެވެ. ހިތްޕުޅު ތިރި ކަމާއި، ކެތްތެރި ކަމެވެ. ރައްޔިތުންގެ މަޖުލިސް ތެރެއިން، ރައީސް ނަޝީދު މެދުވެރިވެގެން ނާއި އެނޫންވެސް ގޮތްގޮތުން މަޖުލިސް ތެރެއިން އަންނަ އެކި އެކި ސިޔާސީ ޕްރެޝަރު ތަކަށް ރައީސް ސޯލިހު ވަގުތުން ވަގުތަށް ރިއެކްޓް ނުކުރައްވަނީ އަލިފާނަށް ޕެޓްރޯލް ނާޅުއްވަން ވެގެން ކަމަށް ބެލެވެއެވެ. މަޑު މަޑުން ހުންނަވައިގެން، ކެތްތެރިކަމާއެކު ސިޔާސީ ފިޔަވަޅު އަޅުއްވަނީ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖުލިހަށް ތަފާތު ބިލްތައް ހުށަހަޅާނީ ދައުލަތުން ޑްރާފްޓްކޮށް، ދައުލަތުގެ ބަންޑާރަ ނައިބު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި އޮއްވައި އެކަމާ ޖަދަލު ކުރައްވައި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖުލިހުން ބިލްތައް ޑްރާފްޓް ކުރައްވަން ފެއްޓެވުމުންވެސް ރައީސް ސޯލިހު ފެންނަނީ ކެތްތެރިކަން އިސް ކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާ ތަނެވެ.

އެމް.ޑީ.އެން އުވާ ނުލުމަށް ބޭރުގެ ބާރުގަދަ ފަރާތްތަކުން ގޮވަމުން ދަނިކޮށްވެސް، ލަސްކަމަކާ އެކު ނަމަވެސް، ސަރުކާރުން ވަނީ އެމް.ޑީ.އެން ވެސް އުވާލަން ނިންްމާފައެވެ. ޖުމްހޫރީ ޕާރޓީ އާއި ޤާސިމް އިބްރާހިމް، ސަރުކާރު ކޯލިޝަނުން ބޭރު ކުރުމަށް އެމް.ޑީ.ޕީ ގެ އެކި ފަރާތް ތަކުން ކެނޑިނޭޅި ޕްރެޝަރު ކުރުމުންވެސް ކޯލިޝަން ދެމެހެއްޓުމުން، ރައީސް ސޯލިހު ވަނީ ވިދާޅުވާ ބަހުގެ މަތީގައި ކެތްތެރިކަމާއި އެކު ހުންނެވުމުގެ ސިފަ ދައްކަވާފައެވެ.

މިސަރުކާރަށް ވޯޓު ދިނީ ހަމައެކަނި އެމް.ޑީ.ޕީ މީހުން ނޫން ކަމާއި، ވޯޓު ދިން ހުރިހާ ރައްޔިތުންގެ މަސްލަހަތުވެސް ހިމާޔަތް ކުރައްވާނެ ކަމުގައި ރައިސް ސޯލިހު ފުރަތަމަ ދުވަހު ވެސް ވިދާޅުވެފަ ވެއެވެ. ރިއާސީ އިންތިހާބުގައި ރައީސް ސޯލިހަށް ވޯޓު ދިން، އެމް.ޑީ.ޕީ ނޫން ގިނަ މީހުން ވޯޓުދީފައި ވަނީ ނަޝީދަށް ބަލައިގެނެއް ނޫނެވެ. އެއީ ރައިސް ސޯލިހަށް ދިން ވޯޓެވެ. މަޖުލިސް އިންތިހާބުގައި އެމް.ޑީ.ޕީ އަށް 87 ގޮނޑި ލިބުނީ ވެސް މިސަބަބާ ހުރެ އެވެ. މިއީ ރައީސް ނަޝީދާއި އެމް.ޑީ.ޕީ އަށް ރައްޔިތުން ދިން އެންޑޯސްމެންޓެއް ނޫނެވެ. މިއީ ބޮޑު ކޯލިޝަނަކުން ނުކުތް ވެރިއަކަށް ދިން އެންޑޯސްމެންޓެކެވެ. ރައީސް ސޯލިހަށް ދިން އެންޑޯސްމެންޓެކެވެ. އެމަނިކުފާނުގެ މިޒާޖުފުޅަށް ބަލައި، އެމަނިކުފާނަށް އޮތް އިތުބާރަށް ދިން ވޯޓެކެވެ.

ރާއްޖޭގެ ސަރުކާރާއި، މިނިސްޓްރީ ތަކާއި، ރައްޔިތުންގެ މަޖުލިހުގައި ސިޔާސީ ބަހުސް ތަކާއި ސިޔާސީ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ސަރުކާރާއި އެމެް.ޑީ.ޕީ އަކީ މިހާރު ވަކި 2 ޝަހުސެކެވެ. އެމް.ޑީ.ޕީ ގެ ސަރުކާރެކޭ ބުންޏަސް ރައީސް ސޯލިހުގެ އަމަލުން ދައްކަވަނީ މިއީ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައެވެ. ހަގީގަތަކީ މިއީ އެވެ. ހިސާބު އަދަދަށް ވުރެ މަތީން ސްކޯ ކުރަނީ ރައީސް ސޯލިހުގެ ސޯލިހު ކަމެވެ. އެ މިޒާޖުފުޅެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ ހަގީގީ ކާމިޔާބަކީ އެއީ އެވެ.