ޚަބަރު

ޑރ.ޝަހީމު ބަދުނާމުކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވީ އަފްރާޝީމް ރިޕޯޓު ރަނގަޅަށް ވިދާޅުނުވެ: އުމަރު ނަސީރު

މަރިޔަމް ޝަހުދާ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަދުނާމުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކާފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓު ރަނގަޅަށް ވިދާޅުނުވެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިއަދު ވިދާޅުވީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ނެރެފައިވާ 121 ސަފުހާގެ ރިޕޯޓު އެއްކޮށް ވިދާޅުވެ ނިންމަވައިފި ކަމަށެވެ. ރިޕޯޓު ކިޔައި ނިމުނު އިރު ރިޕޯޓުގެ އެއްވެސް ބަޔެއްގައި ޑރ. ޝަހީމާ މެދު މަރާ ގުޅުން ހުރި ތުހުމަތެއް ރިޕޯޓުގައި ކޮށްފައި ނުވާކަން އުމަރު ނަސީރު ފާހަގަ ކުރެއްވިއެވެ.

ޑރ. ޝަހީމްގެ މައްޗަށް މަރުތައް ބަލާ ކޮމިޝަނުން ކުރި ތުހުމަތަކީ ހަމައެކަނި ދޮގު މައުލޫމާތު ދެއްވިކަމުގެ ތުހުމަތު ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި އެއީ ދޮގަކަށް ވިޔަސް، ނުވަތަ ތެދަކަށް ވިޔަސް އެކަމުން ޑރ. އަފްރާޝީމްގެ މަރަށް އެއްވެސް އަސްރެއް ނުފޯރާނެކަން ރިޕޯޓުން ހާމަވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ނެރެފައިވާ ރިޕޯޓުން އެނގެނީ ޑރ. ޝަހީމް އަމަލުކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުންކަން ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި ޑރ. ޝަހީމް މަސައްކަތް ކުރެއްވީ އިލްމުވެރިންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމެއް ނައްތާލައްވައި އިލްމުވެރިންގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ކަމަށާއި، މިއީ އެކަމަކާ ގުޅިގެން ޑރ. ޝަހީމްއަށް ޝުކުރު އަދާ ކުރުން ހައްގު ކަމެއް ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ އެއްވެސް ރިޕޯޓަކާ ގުޅިގެން އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން މުޅި ރިޕޯޓު ކިޔައި ދިރާސާ ކޮށްގެން ނޫނީ އެ ރިޕޯޓަކާ މެދު ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މި ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު ތަކުން އެމަނިކުފާނު ވާހަކަދައްކަވާފައިވަނީ ރިޕޯޓު ވިދާޅުނުވެކަން ސާފުވާ ކަމަށް އުމަރު ވިދާޅުވިއެވެ.