ވޯލްޑް ކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: މިއަދުގެ މެޗަށް ގުއާމް ނުކުންނަނީ ބަދަލުހިފަން، ރާއްޖެއަށް ވަރުގަދަ ޗެލެންޖެއް!

މިއަދަކީ އަނެއްކާވެސް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ބޮޑު ދުވަހެކެވެ. މިއަދަކީ ގައުމީ ޓީމު އިތުރު އިމްތިހާނަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެއިން ގުއާމްއާ ދެކޮޅަށް ނުކުންނާނެއެވެ.

މެޗަށް ނުކުންނަ އިރު، ރާއްޖޭގެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ މި މެޗަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މެޗަކަށް ވުމެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުން ކުރިމަތީ ރަނގަޅު ނަތީޖާއެއް ނެރެން މަޖުބޫރުވާނެތީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއް ވެސް އޮންނާނެއެވެ. ހާއްސަކޮށް މޮޅެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވުމުން، ގުއާމް އަތުން މޮޅުވާން ޖެހުމުން އޮންނަ ޕްރެޝަރެވެ.

ގާއަމް ނުކުންނަނީ ރާއްޖެ ބަލިކުރަން

ކޮލިފައިންގައި ގުއާމްގެ ނަތީޖާތައް ވަރަށް ގޯހެވެ. ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި 1-0ގެ ނަތީޖާއަކުން ރާއްޖެ އަތުން ވަނީ ބަލިވެފައެވެ. އެ މެޗަށްފަހު އަމިއްލަ ގައުމުގައި ފިލިޕީންސް އަތުން ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ.

ޗައިނާ އާއި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ގުއާމް ވަނީ ބަލިވެފައެވެ. އެ ދެ މެޗު ކުޅެފައިވަނީ ރަށުން ބޭރުގައެވެ. ޗައިނާ އަތުން 7-0ގެ ނަތީޖާއަކުން ގުއާމް ބަލިވި އިރު، ސީރިއާ އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާތަކުގެ ސަބަބުން ރާއްޖެ މެޗަކީ އިތުބާރު ހޯދުމަށް ގުއާމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. ގުއާމްގެ ކޯޗު ކާލް ޑޮޑް ބުނެފައިވާ ގޮތުގައި ކުރިން ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކުރަން ރާއްޖެ މެޗު ވަރަށް މުހިންމެވެ. އަދި ގުއާމަށް ރާއްޖެ ބަލިކުރެވޭނެ ކަމަށް ވެސް އޭނާ ގަބޫލު ކުރެއެވެ.

ގުއާމް އިން ބޭނުންވަނީ ރާއްޖެ އަތުން ބަދަލު ހިފާށެވެ. ރާއްޖެއިން ރަށުން ބޭރުގައި ނަތީޖާ ނެރުނު ގޮތަށް ގުއާމް އިން ބޭނުންވަނީ ރާއްޖޭގައި ފުރަތަމަ ތިން ޕޮއިންޓް ހޯދާށެވެ. އެހެންކަމުން ރާއްޖެއަށް މިވަނީ ބޮޑު ޗެލެންޖަކާ ކުރިމަތިލާން ޖެހިފައެވެ.

ސަޕޯޓަރުންގެ އިތުބާރު ހޯދަން ރާއްޖެއަށް މުހިންމު މެޗެއް

ރަށުން ބޭރުގައި ގުއާމް ބަލިކުރެވުނު ނަމަވެސް، ރާއްޖެއަށް މިއަދުގެ މެޗު ފަސޭހަކޮށްލެވޭކަށް ނެތެވެ. އޭޝިއަން ކަޕަށް އަމާޒު ހިފާފައިވާ އިރު، ރާއްޖެއަށް އެންމެ ތިން ޕޮއިންޓު ހޯދައިގެން ގްރޫޕު ސްޓޭޖު ނިންމާލެވޭކަށް ނެތެވެ.

ކޮލިފައިންގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ރާއްޖެ ވަނީ ބަލިވެފައެވެ. އެހެންކަމުން ސަޕޯޓަރުންނަށް އުންމީދު ގެނެސްދީ، އިތުބާރު ހޯދަން ގުއާމް ބަލިކުރަން ޖެހެއެވެ. ރަށުން ބޭރުގައި ގުއާމް ބަލިކޮށްފައިވުމުން، ޕޮއިންޓެއް ހޯދައިގެން ފުއްދާލެވޭކަށް ވެސް ނެތެވެ.

ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ބުނިގޮތުގައި ގުއާމްއަކީ އެމެރިކާގެ ބައެއް ވީމަ، އެޓީމުގެ ކުޅުންތެރިންނަކީ އެމެރިކާގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ. އެހެންކަމުން އެ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ކޯޗު ބުނެފައިވެއެވެ.

"ރަނގަޅު ގޭމަކަށް ވާނެ. އަހަރެމެން ބޭނުންވަނީ މެޗުން މޮޅުވާން. އަހަރެމެން ގުއާމްގައި މޮޅުވި. އެ މެޗަކީ ވަރުގަދަ ފައިޓަކާއެކު މޮޅުވި މެޗެއް. ގުއާމްއަކީ އެމެރިކާގެ ބައެއް ވީމަ، އެމެރިކާގައި ކުޅޭ ކުޅުންތެރިން އެޓީމުގައި އެބަތިބި. ކުރިއަށް އޮތް މެޗު ފަސޭހަވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން ގުއާމް ޓީމަށް އިހުތިރާމްކުރަން. އަހަރެމެން މޮޅުވާން ޖެހޭ. އެކަމަކު ފުރަތަމަ ދަނޑުމަތީގައި އަހަރެމެން އިހުތިރާމް ދޭން ޖެހޭ،" ކޯޗު ބުންޏެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ފަސޭހަވާނީ ގްރޫޕުގެ ކުރީގައި އޮވެގެން ނިންމާލުމުން

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕުގެ ކުރީގައި އޮވެގެން ނިންމާލުމުން ރާއްޖޭގެ އަމާޒު ކަމުގައިވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުރަން ޖެހޭ ދަތުރަށް ލުއިކަމެއް އަންނާނެއެވެ. ގްރޫޕުގެ ފަހަތުން ނިންމާލާ ޓީމުތަކަށް ވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ކޮލިފައިވުމަށް ކުރަން ޖެހޭ ދަތުރު ދިގުވާނެއެވެ.

ގްރޫޕުގެ އެއްވަނަ ހޯދާ ޓީމަށް އިތުރު ބުރެއް ނުކުޅެ، ސީދާ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. ދެވަނަ ހޯދާ ޓީމަށް އޭޝިއަން ކަޕުގެ ސީދާ ޖާގައެއް ލިބޭނީ ރަނގަޅު އަދަދަކަށް ޕޮއިންޓް ހޯދައިގެންނެވެ. އެހެންނޫން ނަމަ، ކޮލިފައިންގެ ތިންވަނަ ބުރު ކުޅެން ޖެހޭނެއެވެ. ތިންވަނަ ހޯދާ ޓީމު ވެސް އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރު ކުޅެން ޖެހޭނެއެވެ. ހަތަރުވަނަ ހޯދާ ޓީމު ރަނގަޅު އަދަދަކަށް ޕޮއިންޓް ހޯދައިފި ނަމަ، ތިންވަނަ ބުރުން ޖާގަ ލިބޭނެއެވެ. އެހެންނޫން ނަމަ، އެޓީމު ތިންވަނަ ބުރުން ޖާގަ ހޯދުމަށް ޕްލޭ އޯފް ބުރުން މޮޅުވާން ޖެހޭނެއެވެ. އަދި ގްރޫޕުގެ ފުލުގައި އޮންނަ ޓީމަށް ވެސް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގައެއް ހޯދުމަށް ޕްލޭ އޯފް ބުރުން މޮޅުވާން ޖެހޭނެއެވެ. އެހެންކަމުން ކޮންމެ ޓީމަކަށް ވެސް އޭޝިއަން ކަޕުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ "ގްރޫޕު އޭ"ގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ސީރިއާއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ޗައިނާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ރާއްޖޭގެ ފަހަތުން ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

މިއަދުގެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، ރާއްޖެއަށް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުވާނެއެވެ. އަދި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ ފަހު މެޗުން މޮޅެއް ހޯދައިފި ނަމަ، އެ ފުރުސަތު އިތުރަށް ބޮޑުވެގެންދާނެއެވެ. ފަސޭހަ މަގަކުން އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް އޮތް ފުރަތަމަ އިމްތިހާނަކީ ގުއާމްއެވެ.