ވޯލްޑް ކަޕް ކޮލިފައިން

ނުކުންނާނީ ގުއާމް ބަލިކުރަން، އޭޝިއަން ކަޕުގެ ޖާގައެއް ހޯދަން އަދިވެސް ރަނގަޅު ފުރުސަތެއް އެބައޮތް: ސެގަޓް

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ގުއާމްއާ ދެކޮޅަށް ނުކުންނާނީ އެޓީމު ބަލިކުރަން ކަމަށާއި އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ރަނގަޅު ފުރުސަތެއް އަދިވެސް އެބައޮތް ކަމަށް ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ހަވީރު ރާއްޖެއާއި ގުއާމް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ކޯޗު ބުނީ ގްރޫޕުގެ ކުރީގައި ނިންމާލުމުން އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި ނަމަވެސް ކޮންމެ ޓީމަކަށް އަދިވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަދިވެސް ކޮންމެ ޓީމަކަށް ވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް. އަހަރެމެންގެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުން. އަހަރެމެން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ކޮންމެ މެޗެއްގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިން. ފިލިޕީންސް އަތުން ވެސް ބަލިވީ ކުޑަ ތަފާތަކުން. ރަނގަޅު ކުޅުމެއް ދައްކައި، ސީރިއާ އަތުން ވެސް ބަލިވީ އެފަދަ ގޮތަކަށް. ޗައިނާ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން. އަދިވެސް އަހަރެމެން އޮތީ ރަނގަޅު މަގާމެއްގައި،" އޭނާ ބުންޏެވެ.

ސެގަޓް ބުނީ ގުއާމްގައި ކުރިން ކުޅުނު މެޗުން ރާއްޖެ މޮޅުވީ ވަރުގަދަ ފައިޓަކާއެކު ކަމަށާއި ގުއާމްއަކީ އެމެރިކާގެ ބައެއް ވީމަ، އެޓީމުގެ ކުޅުންތެރިންނަކީ އެމެރިކާގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިން ކަމަށެވެ. އަދި މާދަމާގެ މެޗަކީ ފަސޭހަ މެޗަކަށް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރަނގަޅު ގޭމަކަށް ވާނެ. އަހަރެމެން ބޭނުންވަނީ މެޗުން މޮޅުވާން. އަހަރެމެން ގުއާމްގައި މޮޅުވި. އެ މެޗަކީ ވަރުގަދަ ފައިޓަކާއެކު މޮޅުވި މެޗެއް. ގުއާމްއަކީ އެމެރިކާގެ ބައެއް ވީމަ، އެމެރިކާގައި ކުޅޭ ކުޅުންތެރިން އެޓީމުގައި އެބަތިބި. މާދަމާގެ މެޗު ފަސޭހަވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެން ގުއާމް ޓީމަށް އިހުތިރާމްކުރަން. އަހަރެމެން މޮޅުވާން ޖެހޭ. އެކަމަކު ފުރަތަމަ ދަނޑުމަތީގައި އަހަރެމެން އިހުތިރާމް ދޭން ޖެހޭ،" ކޯޗު ބުންޏެވެ.

ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ކޯޗު ބުނީ ފާޑުކިޔުންތަކަށް އިހުތިރާމު ކުރާ ކަމަށާއި އެ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށެވެ.

ކޮލިފައިންގައި ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައެވެ. މީގެ ކުރިން ގުއާމްގައި ކުޅުނު މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)ގެ ލަނޑުން ރާއްޖެ އެ މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ރާއްޖެއިން ވަނީ ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ފިލިޕީންސްއާ ދެކޮޅަށް ނުކުމެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 2-1ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ ނަތީޖާއާއެކު ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ބޮޑުވެފައެވެ.

ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ "ގްރޫޕު އޭ"ގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ސީރިއާއަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ ދެވަނައިގައި އޮތް ޗައިނާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް، އެއިން ކޮންމެ ޓީމަކަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ރާއްޖޭގެ ފަހަތުން ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.