ފުރާނަދަންދެން

ފުރާނަދަންދެން - 53

6

އަޒްކާގެ ބަނޑުން މާހިލްގެ ދަރިއެއް އުފަންވިކަން އިނގުމުން ހިތުގައި ބޮޑު ފާރުގަނޑެއް އުފެދުނު ކަހަލައެވެ. އޭނާ މަޑުމަޑުން ސިޑިން އަރައިގެން ދިޔައިރު އެ މައްސަލައިގައި އޭނާގެ ސިކުނޑި ނިންމާނެ ގޮތެއް ހުދު އޭނާއަށް ވެސް ނޭނގޭއެވެ. އިނގޭ އެއްޗަކީ އަޒްކާ އެއީ އޭނާގެ އަލަތު ލޯބިކަމެވެ.

ހަފްތާއެއްހާ ދުވަސް ފާއިތުވެ ދިޔައިރު ކުރިން އުޖާލާކަމާއި އުފާވެރިކަން މޫނުމަތިން ފާޅުވާން ހުރި އަޒްކާގެ އުންމީދުތައް ނިވިފައިވި ކަހަލައެވެ. ނާހިދްގެ އުޅުން ބަދަލުވެފައި ވުމުން އޭނާ ހިތް ދެވަނަ ފަހަރަށް މަރުވި ކަހަލައެވެ. ނާހިދްގެ ކޯލެއް ނުލިބޭތާ މެސެޖެއްހާ ހިސާބުވެސް ކޮށްނުލައެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. ނާހިދްގެ ސޫރަ ދެކިލާހިތުން އޭނާގެ ދެލޯ ހީވަނީ ފުންމައިގެން ތިރިއަށް ފައިބަން އުޅޭ ހެންނެވެ. ކިތަންމެ ފަހަރަކު އެގެއަށް ދާންވެސް ހިތަށް އަރައިފިއެވެ. ނަމަވެސް އިނާޝާ އާއި މޯހަންދާސްގެ ފޯނަށް ޖަވާބުނުދޭތީ އޭނާއަށް އެ ފިޔަވަޅު އަޅަންވެސް ނުކެރުނެވެ.

އެނދުގައި އޮތް އަޒްކާ ވަދެގެން އައި ނަތާޝާ އެނދުގައި އިށިން އިރު ވެސް ބަލައިނުލިއެވެ. ފޯނަށް ބަލަހައްޓައިގެން އޮތްއިރު އޭނާގެ އިންތިޒާރުތަކަށް ނިމުމެއް ނާދެއެވެ. އޭނާ އޮތީ ނާހިދްގެ ހަބަރެއް ނުވަނީސް އެއްވެސް މީހަކާ ކުރިމަތިލާން ބޭނުންނުވެފައެވެ.

"އަޒް ބޭނުންވަނީ އަނެއްކާ އެދުވަސްތަކަށް އެނބުރި ދާންތަ؟" ނަތާޝާ އަހައިލިއެވެ.

"ނޭނގެ މަށަކަށް... އެއީ ތަ މީހުން ލޯބިވާގޮތަކީ؟ އަހަރެން ބަނޑުބޮޑުވީ ނާހިދް ދެކެ ލޯބިވީފަހުންނެއްނޫން. ނާހިދަށްވެސް އެކަން އިނގޭނެ. ދެން ކީއްވެތަ އެގޮތަށް ކަންތައް އެކުރަނީ" އަޒްކާ އިށީނދެ ހެޑްބޯޑުގައި ލެގިލަމުން ބުނެލިއެވެ.

"އަހަންނަކަށް ހިއެއްނުވޭ. ނާހިދަށް ކަމެއްވީ ކަންނޭނގެ" ނަތާޝާ އޭނާއަށް ހީވާގޮތް ހާމަކުރިއެވެ. އަޒްކާގެ ވިސްނުން ހުރިގޮތަށް އޭނާގެ ވިސްނުން ބަހައްޓައިގެން އަޒްކާގެ ބޯހާސްކުރުވަން އޭނާ ބޭނުމެއް ނުވިއެވެ.

"ކޮންތާކު؟ ހަމަ ނުލަފާކަމުން... ނަތާ ބަލާތި. ކުރިއަށް މިއޮތް ދެ ދުވަސްތެރޭގައި ނާހިދްގެ ހަބަރެއް ނުވިއްޔާ އަހަރެން ކައިވެނިކުރާނީ ނިރާޝް އާ. ހަމަ ތެދެއް މިބުނީ... އަމުދަކުން މަށެއްވެސް ނޫޅޭނަން. ދިޔައިމަ ވީއެއްނުން އެ ނައިޝީ ކައިރިއަށް" ރުޅި މޫނު ހަދާލަމުން އަޒްކާ ވާހަކަދެއްކިއެވެ.

"ހެހެހެ... ފެންނަމުން މިދަނީ އަޒްކާގެ ހިތުގައި ނާހިދަށްޓަކައި އޮތް ލޯބި...." ނަތާޝާ ބުނެލިއެވެ.

"އެވަރު އޭނައަށް ނުވިސްނޭތީނު އެހެން އު އުޅެނީ..." އަޒްކާ ބުނެލިއެވެ.

"ލެޓްސް ސީ. އަޒްކީ! ދެން ދަނީ އިނގޭ. ރާދު އޭނަ ރައްޓިއްސެއްގެ އަތަށް އެއްޗެއް ދޭން ގެއަކަށް ވަނީމަ މިގެއަށް މިވަދެލީ. ހަމަ ޖެހިގެން މިގެއަށް ފަހުން އަންނާނަން އިނގޭ" ނަތާޝާ ދާން ހިނގައިގަތެވެ.

"އޭތް.. މަޑުކޮށްބަލަ... ޕްރެގްވާން ނޫޅޭތަ؟ ނޫނީ މިހާރު ލޯޑިންގަތަ؟" ނަތާޝާގެ ބަނޑުގައި އަތް ޖައްސައިލަމުން އަޒްކާ އަހައިލިއެވެ.

"ބަނޑޭ ކިޔާބަލަ... ދެން ތިދުވަސްވެސް ދުރަކު ނެތް ކަންނޭނގެ" އަޒްކާގެ އަތް ފޮޅުވާލަމުން ހިނިތުންވެފައި ނަތާޝާ ބުނެލިއެވެ.

"ސީރިޔަސްކޮށް ބުރުގާ އަޅާލާފައި ތިހެން ހުންނައިރު ނަތާ ވަރަށް ލޯބި" އަޒްކާ ބުނެލިއެވެ. ދޮރާއި ހަމަވެފައި ނަތާޝާ އެ އައި ގޮތަށް އަޒްކާގެ ހަށިގަނޑުގައި ބައްދައިލިއެވެ.

އެދުވަހުގެ ބާކީ އޮތް ވަގުތުތަކާ ރޭގަނޑު އެއްކޮށް އަޒްކާ ހޭދަކުރީ ވިސްނުމާ ފިކުރު ކުރުމުގައެވެ. ހަގީގަތް އިނގުމަށްފަހު ހަގީގަތުގައިވެސް ނާހިދް އެ ގުޅުން ކުރިއަށް ގެންދަން ބޭނުންނުވާ ކަމުގައި އޭނާގެ ހިތް ބުނަން ފަށައިފިއެވެ. އެހެންވިއްޔާ އެ ހިތާމައިގައި އޭނާ މަރުވެސް ވެދާނެއެވެ.

ވިސްނާ ވިސްނާ ބޮލުގައި ނުފިލާ ރިހުމެއް އުފެދުމުގެ ސަބަބުން އޭނާ ވަޒީފާ މަތިންވެސް ފޫހިވިއެވެ. އަމީޒާ އާއި ޙައްވަ އެތައް ނަޞޭޙަތެއް ދީފިއެވެ. ފެންވަރާހިތްނުވާތާ ފެން ފޮދެއް ބޯހިތެއްވެސް ނެތެވެ. އޭނާ ދުނިޔެއިން މޮޔަވާން ގާތްވެއްޖެއެވެ.

މަންމާ...!" ހިނގާ ރަށަށް ބަދަލުވާން" ސިޓިންގރޫމުގައި ރޭގަނޑުގެ ހަބަރު ބަލަން ގެއްލިފައި ތިބި ޙައްވަ އާއި ޙަމީދު އަދި އަމީޒާގެ ނަޒަރު އެއްކޮށް އަޒްކާއަށް ހުއްޓުނެވެ.

"ކީއްކުރަން؟ ކީއްވެ ދަރިފުޅު ތިގޮތަށް ތި ވިސްނީ" ޙައްވަ އަހައިލިއެވެ.

"ބޭނުމެއްނޫން. އަޅުގަނޑުގެ ބޯ ގޮވާފާނެހެން ހީވަނީ. އެހެންނޫނަސް މި މާލޭގަ އުޅޭތަ ރަނގަޅު ބައެއް؟ އަމިއްލަ އެދުމުން ފޯވެފައިވާ މީހުން އުޅެނީ" އަޒްކާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް އެ ނިސްބަތް ކުރީ ކާކަށް ކަން އެމީހުންނަށް އިނގުނެވެ.

"ދަރިފުޅާ ކަމެއް ވާއިރަށް އެހާ އަވަހަށް މާޔޫސްވާ އެއްޗެއް ނޫން. ހިތްއެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ހާސިލެއް ނުވާނެ. އެކަން ވާނީ ސުވަރުގޭގަ" ޙައްވަ އަޒްކާއަށް ނަޞޭޙަތްދިނެވެ.

"މާބޮޑަށް ކަންކަމާ ނުވިސްނާ ދޭބަލަ ކާންހަދާލަން. ބައްޕަ މީނީ ވަރަށް ބަނޑުހައިވެފަ" ޙަމީދު ބުނެލިއެވެ. އަޒްކާ ހިނގައިގަތެވެ.

ނާހިދަށް ކުދި ކިޔަމުން ދިޔަ އަޒްކާ މޭޒު މައްޗަށް ކާއެއްޗެހި އަރުވަމުން ދިޔައެވެ. ގުޅުން ކުރިއަށް ގެންދަން ބޭނުންނުވަންޏާ ރީތިކޮށް ބުނެވިދާނެނޫން ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް ގަދަކަމުން އުޅޭކަށް އަހަރެންވެސް ނޫޅެމެވެ. ނާހިދް ބޭނުންވާގޮތް ހާމަކޮށްފައި އެގޮތަށް އުޅުމުން އިތުރަށް އަހަރެންވެސް ބޯ ނުގޮވާނެނޫން ހެއްޔެވެ؟ އަޒްކާ ދިޔައީ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުންނެވެ.

ދޮރު ބެލް އަޅައިލި އަޑު އިވުނީ އޭނާ ކާން ހަދަމުން ދަނިކޮށެވެ. އޭނާ ބޯ އަރިކޮށްލާފައި ބަލައިލިއިރު ދޮރާ ދިމާލަށް އަމީޒާ ދާތަން ފެނުމުން އަލުން ކުރަން ހުރި މަސައްކަތަށް ރުޖޫޢަ ވިއެވެ.

"ދަރިފުޅާ! މަންމަމެންނަށް ނުބުނެވޭ ދޯ. މިއަދު ކެއުމުގަ މި އާއިލާ އަހަރެމެންނާ ބައިވެރިވާނެ" ބަދިގެ ބަޔަށް ވަން އަމީޒާ ބުނެލިއެވެ. އަޒްކާ ކުރިއަށް ޖެހިލާފައި ބަލައިލީ އަމީޒާ އެ ނިސްބަތްކުރި އާއިލާ މީހުންނަކީ ކޮންބައެއްތޯ ބަލައިލުމަށެވެ. އޭނާ ނިތަށް ރޫ އަރައިގެން ދިޔައީ ކުރިމަތީގައި ހެވިފައި ތިބި މޯހަންދާސްއާއި އިނާޝާ ފެނިފައެވެ. އެދެމަފިރިންގެ ފަހަތުގައި ފޯނަށް ބަލަން ހުރި ނާހިދް ފެނުމުން އަޒްކާގެ ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"ވަރަށް ޚައިރާންވެއްޖެ ދޯ. މިއީ ހަމަ އާއިލާއެއްނު" އަޒްކާގެ ބުރަކަށީގައި ފިރުމައިލަމުން ޙައްވަ ބުނެލިއެވެ. އަޒްކާގެ ކަޅި ނާހިދްގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ނައްޓައިގެން ނުދެއެވެ. އޭނާ ލަދުވެސްގަތެވެ. ގޭތެރޭ ލައި އުޅޭ ކަހަލަ ކުރު ޓީޝާޓް ކޮޅަކާއެކު ތިރިން ކަޅު ކުލައިގެ ކަކުލުން ތިރިއަށް ހުރި ޓައިޓެއް ލާފައި ހުރުމުންނެވެ. ނާހިދް ކުރިމައްޗަށް އޭނާ އަރަން ބޭނުންވަނީ އެގޮތަކަށް ނޫނެވެ. ބޮލުގައި ހުޅިއެއްވެސް ޖަހާފައި ހުރުމުން ޔަގީނުންވެސް މިހާރު ހުންނާނީ އުމުރުން ދުވަސްވީ މީހެއް ހެންނެވެ. އަޒްކާ އެއްފަރާތުން ނޭނގޭކަމަށް ހަދާފައި ކޮޓަރިއަށް ވަންނަން އުޅުނުވަގުތު މަޑުޖެހުނީ ނާހިދްގެ ލޮލާއި އޭނާގެ ލޮލާ ބައްދަލުވުމުންނެވެ. އަޒްކާ ހީލެވޭތޯ ބެލިއެވެ. ނަމަވެސް ނާހިދް އަޒްކާ އިގްނޯރ ކޮށްފައި ކުރިމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އަޒްކާ ދެރަވެ ހިތުގައިޖެހުނެވެ. ހެދުން ބަދަލުކުރަން ވަންނަންވެސް ފޫހިވިއެވެ. އޭނާ ރީތިވާންވީ ކާކަށް ދައްކަން ހެއްޔެވެ؟ ބަލަން ހުރި މީހާވެސް މޫނު އަނބުރާލީއެވެ.

އެންމެން ގޮނޑީގައި ހަމަޖެހުމާއެކު އިނާޝާ ވަކިން ދުރުގައި ހުރި އަޒްކާއަށް ބަލައިލިއެވެ. އޭނާ އަތުން ކައިރީގައި ހުރި މޯހަންދާސް އަތުގައި ކޮށްޓައިލުމަށްފަހު އަޒްކާ ދައްކައިލިއެވެ.

"ކީއްވެ ތިތާ ތިހުންނަނީ. ދަރިފުޅުވެސް ބައިވެރިވީމަ ދޯ އާއިލާ ފުުރިހަމަވާނީ" މޯހަންދާސް ބުނެލިއެވެ. އަޒްކާ މަޑުމަޑުން އައިސް އިށީނީ އަމީޒާއާއި ޙައްވަ އާ ދެމެދުގައި ހުސްކޮށް ހުރި ގޮނޑީގައެވެ. ނާހިދް ބަލައިވެސްނުލާ ހިމޭންކަމާއެކު ކަމުން ދިޔައެވެ. ކައިރީގައި އަޒްކާ އިނޭވެސް އޭނާގެ ހިތަށް ނާރައެވެ.

"ނާހިދް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭތާ އިރުގަނޑެއްވެއްޖެ" މޯހަންދާސް ބުނެލިއެވެ. ކާން ތިބި އެންމެންގެ ނަޒަރު ނާހިދަށް ހުއްޓުނެވެ.

"އަވަހަށްބުނޭ..." ޙަމީދު ބުނެލިއެވެ. އަޒްކާގެ ހިތް އަވަސްވެލިއެވެ. ނާހިދް ދައްކަން އެ އުޅެނީ އޭނާ އާ ގުޅުންހުރި ވާހަކަތަކެއްކަން އޭނާއަށް ހީވިއެވެ.

"އަޅުގަނޑު ދެކެނީ ތިއީ ވެސް އާއިލާ ގޮތުގައި. އަޅުގަނޑު ބުނަން އުޅުނު ވާހަކައަކީ ތިންމަސް ފަހުން އަޅުގަނޑު ކައިވެންޏެއް ކުރަން މިއުޅެނީ. އަޅުގަނޑު އެދެން އެންމެންވެސް ބައިވެރިވާން" ނާހިދް ވާހަކަދެއްކިއެވެ. އިނާޝާއާއި މޯހަންދާސް އިސްޖަހައިލިއެވެ. އަޒްކާގެ ހަގީގަތް ކިޔައިދިންފަހުން އޭނާ އެއްގޮތަކަށްވެސް އެދެމަފިރިން ކައިރީގައި އަޒްކާގެ ވާހަކައެއް ނުދައްކައެވެ. ނާހިދް އެކަހަލަ ނިންމުމެއް ނިންމަފާނެ ކަމަކަށް އެދެމަފިރިން ހީކޮށްފައެއްނެތެވެ.

ނާހިދް ދެއްކި ވާހަކައަކުން އަޒްކާއަށް ހީވީ އޭނާގެ ހިތުގައި ހިފާ އަނިޔާވެރި އަތަކުން އަނބުރާލި ހެންނެވެ. ހަގީގަތް އިނގުމާއެކު ނާހިދަށް ބަދަލު އެ އައީ ހާދަ ބޮޑަށެވެ. މީހުން ލޯބިވާގޮތަކީ އެއީ ހެއްޔެވެ؟ އިސާހިތަކު އަޒްކާގެ ދެލޯ ކަރުނުން ފުރުނެވެ. އޭނާއަށް ނޭފަތް ދަމާލި އަޑު އެންމެންނަށް އިވުމާއެކު ބަލައިލިއެވެ.

"މަންމާ!! އަޅުގަނޑު ވަރަށް ހޮޑުލަވާ އެބަ. ބަނޑުގައިވެސް އެބަރިއްސާ. ކޮޓަރިއަށް މިދަނީ" އެތަނުގައި އިންނަން އަޒްކާއަށް އުނދަގުވަމުން ދިޔައެވެ.

އިންތަނުން ނާހިދް ތެދުވީ ކުއްލިއަކަށެވެ. އޭނާ ޒިންކު ކައިރިއަށް ގޮސް އަތް ދޮވެލާފައި ބަލައިލިއިރު އަޒްކާވެސް އިނީ ބަލަހައްޓައިގެންނެވެ. އަޒްކާގެ ދެލޯ ކައިރިން ކަރުނައިގެ އަސަރު ފާޅުވާން ހުރުމުން އޭނާ ހިތުގައި ރިއްސައިލިއެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައި އައިސް އަޒްކާ އިން ގޮނޑި އާއި އަމީޒާ އިން ގޮނޑި ކައިރީގައި ތިރީގައި އެއް ފައި މައްޗަށް އިށީނެވެ. އަޒްކާ އިނީ ވިސްނަންވީ އެއްޗެއް ކިޔާނެ ބަހެއް ނޭނގިފައެވެ. ނާހިދް ކުރަން އުޅޭ ކަމެއް ނޭނގި އޮޅުމެއްގެ ތެރޭގައެވެ. ނާހިދް ކުރަން އުޅޭ ކަމެއް ނޭނގި ބަލަން އިނީ ކުޑަކުއްޖެއް ފަދައިން ދެލޯ ބޮޑު ކޮށްލައިގެންނެވެ.

އަޒްކާ އެންމެ ހައިރާންވީ ނާހިދް އެއްވެސް ބަހެއް ނުކިޔާ ލައިގެން ހުރި ލައިޓްގްރޭ ކުލައިގެ އަތްދިގު ގަމީހުގެ ވާއަތުގެ އަތުކުރި އޮޅަން ފެށުމުންނެވެ. ވާނުވާ ނޭނގި ކެއުން ހުއްޓާފައި ހުރިހާ އެންމެން އެދިމާ ބަލަމުން ދިޔައެވެ. ގަމީހުުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލުމަށްފަހު އަތުގެ މުލައްދަނޑި އަޒްކާއަށް ފެންނަހެން މޫނުމަތީގައި ހުރަސްކޮށްލިއެވެ. އެހިނދު ފެނުނު މަންޒަރަކުން އަޒްކާގެ މޫނުމަތި ލަދުން ރަތްވެގެން ދިޔައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ކަންފަތް ދަށުގައި މަރުހަބާ ކިޔާލި ކަހަލައެވެ. ދެ ތުންފަތް ހިނިތުންވުމަކުން ދެފަރާތަށް ދެމިލިއިރު ލަދުން މޫނުމަތީގައި ދެއަތް އެޅިއްޖެއެވެ. ވީ ކީއްކަން އިނގުމުން މަންޒަރު ބަލަން ތިބި މީހުންގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ނާހިދްގެ އަތުގައި ރަތް އަކުރުން 'ވިލް ޔޫ މެރީ މީ' ޖަހާލާފައިވާއިރު ތިރީގައި ހިތެއްގެ ބައްޓަމަށް ކުރަހާފައިވާ ކުރެހުމެއްގައި އަޒްކާގެ ނަން ޖަހައިލާފައި އިނެވެ.

"އަޒް ދެންވެސް ޖަވާބެއްދޭންވީނުން" އަމީޒާ އަޒްކާގެ ކަންފަތް ކައިރީގައި ބުނެލިއެވެ.

އަޒްކާ ބޯޖަހައިލިއިރު ނާހިދް އިނީ ލާނެއް ހިންޏެއް އައިއްސައެވެ. އޭނާ އަލުން ކޮޅަށް ތެދުވެ ލައިގެން ހުރި ޖީންސުގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު އަލުން އެއްކަކޫ ޖައްސާފައި އަޒްކާގެ ކުރިމަތީގައި އިށީނެވެ. އަޒްކާ ބަލައިލިއިރު ނާހިދްގެ އަތުގައި ވަނީ ހުދު ރަނުގެ އަނގޮޓިއެކެވެ. އެއީ މިވީ މަދު ދުވަސްކޮޅު އޭނާ މީހަކުލައްވާ މިކަމަށް ހާއްސަކޮށް ހެއްދި އަނގޮޓިއެކެވެ. އަޒްކާ ކުރިއަށް އަތްދިއްކޮށްލުމާއެކު އެ އަނގޮޓި ނާހިދްގެ އަތުން އަޒްކާގެ އިނގިލީގައި ލޯތްބާއެކު އަޅުވައިލިއެވެ.

އަޒްކާ އިނީ ހަގީގަތުގައިވެސް ލަދު ގަނެފައެވެ. މައިންބަފައިން ކުރިމަތީގައި ނާހިދް އެކަހަލަ ހިތްވަރެއް ކޮށްފާނެ ކަމަށް އޭނާ ހީކޮށްފައެއްނެތެވެ. އޭނާ އެންމެ ލަދުގަތީ ލޯބިވާ ބައްޕަ ކުރިމަތީގައި އިނުމުންނެވެ.

"އައިމް ރިއަލީ ސޮރީ. އަޒްގެ މާޒީއަކީ މާޒީ. އެ މާޒީގައި ކޮންމެ ކަމެއް ވެފައި އޮތް ނަމަވެސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް. އަހަރެން ލޯބިވަނީ އަޒްދެކެ" އަޒްކާގެ އަތުގައި ހިފަހައްޓައިގެން ހުރެ ނާހިދް ބުނެލިއެވެ. އޭނާ އަޒްކާގެ އަތުގައި ބޮސްދިނުމަށް ހިންއެދުނެވެ. އެހެންނަމަވެސް ދެފަރާތުގެ މައިންބަފައިންގެ ކުރިމަތީގައި އެކަން ކުރަން އޭނާ ފަސްޖެހުނެވެ.

ދެކުދިންގެ ކައިވެންޏާ ބެހޭ މަޝްވަރާތައް ކުރުމަށް ދެ ފަރާތުގެ ޢާއިލާ ސިޓިގްރޫމު ސޯފާތަކުގައި އިށީނދެ ހަމަޖެހިލިއެވެ. ނާހިދަށް އަޒްކާ ބަލައިލުމާއެކު ނާހިދް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އަޒްކާ ނާހިދް ބެލްކަންޏަށް ނިކުތެވެ. ރެއިލިންގައި އަތް އަޅުވާލައިގެން އަޒްކާ ހުއްޓުމުން ފަހަތުން ނާހިދް ހުއްޓުނީ އަޒްކާގެ ބުރަކަށީގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. އަޒްކާ އެނބުރުނު އިރު ނާހިދް ހުރީ ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ނާހިދްގެ ލޮލާއި އަޒްކާގެ ލޯ އަމާޒުވުމާއެކު އަޒްކާ ރަކި ހީލުމަކާއެކު އެސްފިޔަތައް ތިރިކޮށްލިއެވެ.

"ކީއްވެ އެގޮތަށް ކަންތައްކުރީ؟ ކީއްވެތަ މަންމަމެން ބައިވެރިކޮށްގެން ޑްރާމާ ކުޅުނީ" އަޒްކާ ނާހިދްގެ އަތުގައި ޖަހައިލަމުން ބުނެލިއެވެ.

"އެއީ ދުރުބައެއްތަ؟ އެހެންނޫނަސް އެއީ ވަރަށް ވަރަށް ލޯބިވާތީ" ނާހިދް ބުނެލިއެވެ. އަޒްކާ ހީލިއެވެ.

ދެން ވެރިވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.

"ހީވަނީ މިހާރުވެސް ކައިވެނި ކުރެވިއްޖެހެން" ނާހިދް ބުނެލިއެވެ.

"އަދި ނުކުރެވެއެއްނު އެކަމު. ތަންކޮޅެއް ދުރަށްޖެހިބަލަ. މަންމަމެންގެ މީހަކު އައިސްދާނެ" ނާހިދްގެ ބަނޑުގައި އަތްޖައްސާލާފައި ފަހަތަށް ކޮށްޕައިލަމުން އަޒްކާ ބުނެލިއެވެ.

"އަދިވެސް އަހަރެން ދުރުކޮށްލަނީތަ؟ ދެން ދުރަށް ކޮށްޕާލިއްޔާ އެނބުރި ނާންނާނަން" ނާހިދް ބުނެލިއެވެ. އަޒްކާ ނާހިދަށް ބަލައިލިއެވެ. ހަމަ އެހާ އަވަހަށް ނާހިދްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

"ތިހެން ނުބުނޭ. އަހަރެންނަށް ކެެތެއްނުވާނެ. ހަމަ މޮޔަވާނީ" އަޒްކާ ބުނެލިއެވެ. ނާހިދް ކައިރިއަށް ހިނިއައެވެ.

"އެހެންވިއްޔާ ކީއްވެ އަހަރެންދެކެ ލޯބިވާ ވާހަކަ ތި ދުލުން ނުބުނަނީ" އަޒްކާގެ ދެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ނާހިދް ބުނެލިއެވެ.

"އަދި ނުބުނެވިފައެއް ނެތެއްނު" އަޒްކާ ބުނެލިއެވެ.

"ހެޔޮނުވާނެ. ތި ދުލުން އެންމެ ފަހަރަކު ބުނެދީބަލަ؟ އެ އަޑު އަހާ ހިތުން އަހަރެން މޮޔަވަނީ މި" އަޒްކާގެ ދަތްދޮޅީ ކޮޅުގައި ހިފާ މައްޗަށް އުފުލައިލަމުން ނާހިދް ބުނެލިއެވެ.

"ނޫޅެން ބުނަން. ކީއްވެ އަހަރެން ދެރަކޮށްލީ. ކީއްވެ ފޯނު ނުނަގާ ހަބަރެއްނުވެ އުޅުނީ. އިނގޭތަ އަހަރެންނަށްވީ ވަރު" ކުޑަކުއްޖެއް ފަދައިން ތުން އޫ ކޮށްލަމުން އަޒްކާ ބުނެލިއެވެ.

"ސޮރީ. ހަމަ ލޯބިވާވަރުން ސަމާސާއެއް ކޮށްލީ. އަހަރެން ކިހިނެއް އަޒް އާ ދުރުގަ ހުންނާނީ" ނާހިދް ބުނެލިއެވެ.

ވާހަކަ އެހިސާބަށް ދިޔަތަނާ މޯހަންދާސް ނާހިދަށް ގޮވައިލި އަޑު އިވުނެވެ.

"ގެއަށް ދާން އެވީ. ދާހިތެއްނެތް" މޫނުމައްޗަށް އުދާސްކަން ވެރިކުރުވަމުން ނާހިދް ބުނެލިއެވެ.

"އޯކޭ. އަވަހަށް ދޭ.... އިންތިޒާރުކުރޭ" އަޒްކާ ބުނެލިއެވެ.

ނާހިދް ހިނގައިގަތްތަނާ އަޒްކާ ނާހިދް އަތުގައި ހިފިއެވެ. ނާހިދް ހުއްޓި އަޒްކާގެ މޫނަށް ބަލައިލިއެވެ. އެހިނދު އަޒްކާ ކުޑަކޮށް ނާހިދްގެ ގާތަށް ޖެހިލިއެވެ. އަދި ނާހިދްގެ އުނަގަނޑުގައި ދެފަރާތުން ކުޑަކޮށް ހިފައިލުމަށްފަހު ހިއްލިލާފައި ނާހިދްގެ ކޯތާފަތުގައި ބޮސްދިނެވެ. ނާހިދްގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.

"ތެންކިޔު... " ނާހިދް އަޒްކާގެ އަތްތިލައަށް ފިތައިލަމުން ބުނެލިއެވެ.

ބަދިގެ ތެރޭގައި މެންދުރަށް ކެއްކުމުގެ ކަންތަކުގައި އީވްއާ އެކީގައި ނަތާޝާ އުޅުނެވެ. ތަޢުފީގާއި ހީނާ ފުރައިގެން ދިޔުމުން ބަދިގޭ ކައްކަން ގެނައި ބޭރު މީހާ ފޮނުވައިލިއެވެ. ބަދިގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރަން ނޭނގޭ މީހާ މިވީ ކުޑަ ދުވަސްކޮޅުގައި ކެއްކުމުގެ އެތައް ކަމެއް ދަސްކޮށްފިއެވެ. އެގޭގައި ކޮންމެ ގަޑިއަކު ކެއްކުމުގައި އީވްއާއި އެކީގައި ނަތާޝާ ބައިވެރިވެއެވެ.

ވާހަކައެއް އަހާލަންތަ؟" މަސައްކަތްތަކުގެ ތެރެއިން އީވް އަހައިލިއެވެ.

"ދޮންބެދައްތަ އަހާފަތަ ވާހަކަވެސް އަހަނީ" މޭޒު ކައިރީގައި ފަތްކޮށަން އިން ނަތާޝާ ހީލަމުން އަހައިލިއެވެ.

"ހެހެހެ.. އެހެނެއްނޫން... އަޒްކާ އާ ނަތާ ވަރަށް ކުރިންވެސް ފްރެންޑްތަ؟ މިހެން މިބުނީ ނައިޝީ ބުނި އަޒްކާ އާ ނާހިދާ ގުޅުމެއް އޮވެއޭ" އީވް ވާހަކަދެއްކިއެވެ.

"އަސްލު ދޮންބެދައްތައަށް އިނގޭތަ! އަޒްކީ ގެ ސްޓޯރީ އިނގިއްޖިއްޔާ ނަތާއަށް ހަމަ ޔަގީން ދޮންބެދައްތަ ރޯނެކަން. އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އެހާ ޔަންގްކޮށް ހުއްޓަ ޕްރެގްވެ ލިބުުނު ބޭބީވެސް ބަނޑުތެރެއަށް މަރުވީ" ނަތާޝާ ވާހަކަދެއްކިއެވެ.

"އަޒްކާ ޕްރެގްވެސްވިތަ...؟" ޚާއިރާންކަމާއެކު އީވް އަހައިލިއެވެ.

"އާނ. އެވަރަށް ކުރިން... ދޮންބެދައްތައަށް ކިޔައިދީފާނަން. އެކަމަކު ނަތާ ބޭނުމެއްނޫން މިވާހަކަތައް ދޮންބެދައްތަ އެހެން މީހަކަށް ކިޔައިދޭން. ނައިޝީއަކީ ދޮންބެދައްތަގެ ބެސްޓްފްރެންޑަށް ވިޔަސް އޭނައަށް ވެސް ކިޔައިދޭން" ނަތާޝާ ވާހަކަދެއްކިއެވެ.

"ނައިޝީ އަކާ މިހާރު ގުޅުމެއްނެތް. ގުޅުމެއް ބާއްވާހިތެއްވެސް ނެތް" އީވް ބުނެލިއެވެ.

ދެން ފާއިތުވެގެން ދިޔަ ވަގުތުތަކުގައި ނަތާޝާ އީވް އަށް އަޒްކާގެ ވޭނުން ފުރިފައިވި ހިތި ދުވަސްތަކުގެ ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ނަތާޝާ ބުނިހެން އެ ވާހަކަތައް ނިމުނުއިރު އީވްގެ ދެލޯ ވަނީ ކަރުުނުން ތެންމާލައިފައެވެ.

ދުނިޔޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ގަޑިތަކުން މިނިޓަކަށްފަހު މިނިޓެއް ފާއިތުވަމުން ދިޔައެވެ. ކަލަންޑަރުތަކުން ފަހަތަށް ގަނޑު އުކެމުން ދިޔައެވެ. އިންސާނުންގެ ހަޔާތުން ބައެއް އާ ސަފްޙާތައް ހުޅުވެމުން އަނެއްބައި މީހުންގެ އަޖަލު ހަމަވަމުން އެތައް އާ ފުރާނަތަކެެއް ދުނިޔެއަށް ލޯ ހުޅުވަމުން ދިޔައެވެ. އެއްބަޔަކު އުފާކުރާނެ ހަބަރުތަކާ އަނެއް ބަޔަކު ހިތާމައިން ރޮއެ ކަރުނައަޅަންޖެހޭ ފަދަ ވޭންދެނިވި ދުވަސްތަކެއް ކުރިމަތިވަމުން ދިޔައެވެ. އެފަދައިން އަޒްކާގެ ހިތާމަވެރި ދުވަސްތަކަށް ފަސްއަޅާ ފޮރުވިއްޖެއެވެ. އޭނާއަށް އަޑިގަނޑުން އަރައިގަނެވިއްޖެއެވެ. އުސްގަނޑާ ކުރިމަތިލިއިރު މާދަމާ ވާނެގޮތެއް ނޭނގޭތީ ހިތުގައި އަބަދުވެސް ނުތަނަވަސްކަމެއް ވިއެވެ. ނަމަވެސް އުފާކުރަންވީ އިއްޔެއާ މެދު ނޫންކަމާ މިއަދު މާތްﷲ ގެ ހަޟްރަތުން ދެއްވާފައިވާ އެއްޗަކާއިމެދުކަން އޭނާއަށް ވިސްނިއްޖެއެވެ. ޔަގީނުންވެސް މާދަމާ އަކީ އަންނާނެ ދުވަހެއްކަމާ މާދަމާއަށްޓަކައި ހެއްދެވި ފަރާތަށް ޙަމްދުކުރުން ނޫން ގޮތެއް ނެތްކަން އޭނާއަށް އިނގެއެވެ. ކޮންމެގޮތެއްވެސް ވާނީ އެކަލާނގެ ނިޔާ ކަނޑައަޅުއްވާފައިވާ ގޮތަކަށްކަން އޭނާ ހަނދާނުން ފިލުވައެއް ނުލައެވެ.

ކެތްތެރިކަމާއެކު އަޒްކާ އިންތިޒާރުކުރަމުން އައި ދުވަސް ބޯމަތިވެއްޖެއެވެ. އޭނާ އެތައް ދުވަހަކުން ފަށައިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވާން މަދު ވަގުތުކޮޅަކަށް ވެއްޖެއެވެ. އޭނާ އެންމެ ހިނދުކޮޅަކަށްވެސް އެކަލާނގެ ލެއްވި ރަހްމަތުގެ މަތިން ހަނދާން ނައްތައެއްނުލައެވެ. އޭނާގެ ތުންފަތްމަތިން ހިނިތުންވުން ފަނޑުވެގެން ނުދެއެވެ.

ކައިވެނި ކުރުން ހަމަޖެހިފައި އޮތީ ނާހިދްގެ ގޭގައެވެ. އެއީ އަޒްކާ ބޭނުންވިގޮތެވެ. އޭނާގެ ހިތުގައި ނާހިދަށްޓަކައި ލޯބީގެ އެންމެ ފުރަތަމަ ވިންދުޖަހައިލީވެސް އެގޭ ހަތަރުފާރުން އެތެރޭގައި އޭނާ ހުއްޓައެވެ. އެހެންކަމުން އޭނާ ބޭނުންވީ ކައިވެނީގެ ހުރިހާކަމެއް އެގޭތެރޭގައި ކުރިއަށް ގެންދާށެވެ. ހަރަދުބޮޑު ޕާޓީއެއްބާއްވާ އަގުބޮޑު ހެދުންތަކާ ގަހަނާތަކަށްވެސް އޭނާ ދިނީ ފުރަގަހެވެ. އޭނާ ދެކޭ ގޮތުގައި ކައިވެންޏެއް ދެމެހެއްޓޭނީ ކައިވެންޏަށްޓަކައި އަގުބޮޑެތި ހަރަދުތައް ކޮށްގެނެއް ނޫނެވެ. ސިމްޕަލް ހަފްލާއަކުން ވެސް އެތައް ހަނދާންތަކެެއް ރައްކާ ކުރެވިދާނެއެވެ.

ކައިވެނި ކުރެވޭ ވަގުތު ޖެހުނުއިރު އަޒްކާގެ ދެއަތްތިލަ ވަނީ ފިނިވެފައެވެ. ތައްޔާރުވެގެން އޭނާގެ މައިންބަފައިން ކުރިމަތީގައި ހުރިއިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ހަޔާތުގައި އެންމެ ހަނދާނުން ނުނެތޭނެ ހިނދުކޮޅު އަންނައިރު އޭނާ ބޭނުންވަނީ އޭނާގެ މައިންބަފައިން އޭނާގެ ލޮލަށް ފެންނަ ހިސާބުގައި ހުންނާށެވެ.

ގާޒީއާއި ހެކިވެރިން މޭޒު ކައިރިއަށް ޖަމާވިއިރު ނާހިދެއް ނެތެވެ. އެހެންނަމަވެސް މާގިނަ އިރެއް ނުވެ ނާހިދް އިމްރާނާ އެކު ސަކަރާތް ޖަހަމުން އައިސް މޭޒު ކައިރީގައި އިށީނދެއްޖެއެވެ. ނާހިދުގެ ކައިވެންޏަށްޓަކައި ބުރުހާނުއްދީން މާލެ އައިސް ހުރިއިރު އޭނާ ވަރަށް ބޮޑަށް ހިކިފައި ހުރިކަން ނާހިދް ފާހަގަކުރިއެވެ. ލޯބިވާ ބައްޕަގެ ގައިގައި އޭނާ ބައްދައިލިއެވެ. ފުރަތަމަ ފަހަރަށް މާހިލް އާ ބެހޭގޮތުން ސުވާލުކުރިއެވެ.

"މާހިލް އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވަން ވަރަށް މަސައްކަތް އެބަކުރޭ. ވަގުތާއެކު މުޅި އިންސާނާ ބަދަލުވެއްޖެ. ދަރިފުޅާ! މި ބައްޕައަށްޓަކައި އެސޮރަށް މަޢާފްކުރޭ! އަހަރެމެން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ފާއިތުވެ ދިޔަ އެއްވެސް ދުވަހެއް އެއީ އިންސާނާއާ ކުރިމަތިނުވާ ދުވަހެއް ކަމުގައެއް ނެހެދޭނެ" އަސަރާއެކު ބުރުހާނުއްދީން ނާހިދާ ވާހަކަދެއްކިއެވެ.

"އަޅުގަނޑުގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް. އަޒްކާ އަޅުގަނޑުގެ އަންބަކަށް ވާ ހިސާބުން ފެށިގެން މިދުނިޔެއިން އަޅުގަނޑު އެންމެބޮޑަށް އެދުނު އެދުން ފުރިހަމަވީ.. އަލްހަމްދުﷲ. މާހިލް ކައިރީގައި ބުނެދީ އަޅުގަނޑު ކޮއްކޮއެއްގެ ގޮތުގައި މާހިލް ބަލައިގަނެފިމޭ" ނާހިދް ވާހަކަދެއްކިއެވެ. ބުރުހާނުއްދީންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އިނާޝާ ނާހިދަށް ދީފައިވާ ތަރުބިއްޔަތަށް އޭނާ ހިތާހިތުން ތަޢުރީފް ކުރިއެވެ.

ކައިވެނި ކުރެވޭ ވަގުތު ކުޑަތަންވެފައި ވަނިކޮށް ސިޑިން ފައިބައިގެން އައި އަޒްކާ ނާހިދަށް ފެނުނެވެ. އޭނާގެ ދެލޯ އެހެންދިމާލަކަށް ބަލައިލަން ނުކުޅެދުނެވެ. ކްރީމް ކުލައިގެ ބޮޑު ހެދުން މާބޮޑަށް ޖަރީކޮށްފައި ނެތަސް ބަލާ މީހަކަށް އެއީ އާދައިގެ ހެދުމެއްކަން އިނގޭނެއެވެ. ހެދުން އިނީ އޭނާގެ ދެފައިތިލަ ފޮރުވޭ ވަރަށެވެ. ތިރިއަށް ފުޅާކޮށް ހުރިއިރު ހެދުމުގެ ފަސްބައި އިނީ މަލެއްގެ ފިޔައެއްގެ ބައްޓަމަކަށެވެ. ދެއަތުން ހެދުން ކުޑަކޮށް ކޮށިކޮށްލައިގެން ހުރިއިރު ތުންފަތުގައި ވަނީ މަޑު ރަތް ކުލައެކެވެ. ކޮށްފައިވާ ސިމްޕަލް މޭކަޕް އޭނާ އާ ނުލާހިކު ގުޅެއެވެ. މެއާއި ބަނޑާ ގުޅުނު ހިސާބުން ހުދުކުލައިގެ މިނާތަކަކުން ބެލްޓެއް ގޮތަށް އިންއިރު އޭނާ އިތުރަށް ހިކިކަމަށް ދައްކައެވެ. އަރާފައި ހުރި ހުދުކުލައިގެ ބޫޓުން އޭނާ އިސްކޮޅު ހުރީ ނާހިދާ ދާދި އެއްވަރެއްގައެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހާފްބަމްޕެއްގޮތަށް އިންއިރު އަނެއް ބައި ހުރީ ތިރިއަށް އެއް އިސްތަށިކޮޅު އަނެއް އިސްތަށިކޮޅާ އެއްކޮށް ނަންނުގައްޗެއްގެ މިސާލަށް ބަނޑިބަނޑި ލައްވާފައި އެއްކޮށްލާފައެވެ. އެގޮތަށް އަޒްކާ ހެއަރ ސްޓައިލް ހުރިއިރު ކުރިއާ ބަލާފައި އިސްތަށިގަނޑު ކުރުކަމަށް ދައްކައެވެ. އެހެންނަމަވެސް އައިބެއް ނެތެވެ. އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު އަޒްކާގެ އިސްތަށިގަނޑުގެ ކުލަ ހުރީ ކޮންމެސް ވަރަކަށް ބަދަލުކޮށްލައިފައެވެ. ކަޅު އިސްތަށިގަނޑުގެ ދޭތެރެއަކުން މަޑު ރަތްކުލައެއް ފާޅުވާން ހުރުމުން އަޒްކާ ފެންނަނީ ތަފާތު ގޮތަކަށެވެ.

ނާހިދަށް އެތަނުގައި އިންނަން އުނދަގުވިއެވެ. އޭނާ ތެދުވެގެން މަޑުމަޑުން އަޒްކާ އާ ދިމާލަށް ހިނގައިގަތެވެ.

(ނުނިމޭ)