ރައީސް ޔާމީން

ގައުމަށް ކޮށްދިނީ އިހުލާސްތެރި ޚިދުމަތް، ނަތީޖާ ގަބޫލުކޮށްފިން: ރައީސް

އިއްޔެގެ ވޯޓުގައި ރައްޔިތުންގެ ބަސް އިއްވައިފި ކަމަށާއި، ނަތީޖާ ގަބޫލުކުރާ ކަމަށް ރައީސުލް ޖުމްހޫއްރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިއްޔެގެ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިއްޔެ ދިވެހި ރައްޔިތުން އެމީހުން ތިބި ގޮތް ބުނެދީފި ކަމަށާއި، އެ ނަތީޖާ ގަބޫލުކުރާ ކަމަށެވެ.

"އިއްޔެ ދިވެހި ރައްޔިތުން އެމީހުން ބޭނުންވާ ގޮތް ބުނެދީފި. އެ ނަތީޖާ އަޅުގަނޑު ބަލައިގަންނަން. މިއަދު ކުޑައިރުކޮޅެއް ކުރިން ދެން ރައީސަކަށް އިންތިހާބު ކޮށްފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާވެސް ދަންނަވައިފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ކުރެއްވީ އިހުލާސްތެރި ހިދުމަތް ކަމަށާއި، އެކަން ބަލައިގަތް އެތައް ބަޔަކު ވޯޓުވެސް ދެއްވި ކަމަށެވެ.

"އަޅުގަނޑު ގައުމަށް ކުރެއްވީ އިހުލާސްތެރި ހިދުމަތް. އެކަން އެތައް ހާސް ނަޔަކު ބަލައިގަތް. އެމީހުންނަށް ޝުކުރު އަދާކުރަން. މިދިޔަ ފަސް އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ އިގުތިސާދީ ގޮތުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފި. އަޅުގަނޑު އެދެނީ އިބްރާހީމް މުހައްމަދު ސޯލިހް ވެސް އެ ހިދުމަތްތަކާ އެކު ކުރިއަށް ދިއުމަށް،" ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބަޔާނުގައި ރައީސް ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ކޮށްދެއްވާފައިވާ ބައެއް ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ވެރިކަމަކަށް ކުރިމަތިލި އިރު، ރާއްޖެ އޮތީ ނާމާންކަމާއެކު ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. މައްސަލަތައް ބައިވަރު ހުރިކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބެއްލެވީ ރައްޔިތުން ބޭނުންވެފައިވާ ކަންތަކަށް ކަމަށާއި، ބަނދަރު ހެދުމާއި ނަރުދަމާގެ އިތުރުން ހާއްސަ ކަންކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމަށް ބެލި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގައުމަށް ކޮށްދެވުނު ހިދުމަތަކީ ބުރަ މަސައްކަތެއް ކަަމަށާއި، އެކަން ކުރުމަށް އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ޓީމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ހާއްސަކޮށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތުންއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.