މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފަށައިފިއެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ އާދިއްތަ ދުވަހު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މި ހިދުމަތާއިއެކު މި ހޯދުނީ ބޮޑު ކާމިޔާބީއެއް ކަމަށާއި މި ކާމިޔާބަށް ވާސިލް ވުމަށް އެމްއޭސީއެލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އަދި ހިދުމަތް ފެއްޓުމަށްޓަކައި ސީޕްލޭން ޓާމިނަލް އެޅުމަށް ބިން ހަމަޖައްސައިދިނުމާއި ބޭނުންވާ ބައެއް ވަސީލަތްތައް ހަމަޖައްސައިދެއްވި ކަމަށްޓަކައި އެމްއޭސީއެލް އަށް ޝުކުރު ދަންނަވާ ކަމަށް ވެސް ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް ސީޕްލޭން އޮޕަރޭޓް ކުރާ ދެ ކުންފުންޏެއް އޮންނައިރު މަންޓާ އެއާގެ ސީޕްލޭންގެ މި ހިދުމަތާ އެކު ސީޕްލޭން އޮޕަރޭޓަރުންގެ އަދަދު އިތުރުވެގެން ދާނެއެވެ. މި ހިދުމަތަށް މަންޓާ އެއާއިން ވަނީ ތިން ބޯޓު ގެނެސްފައެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ ފްލައިޓްތަކާ އަޅާބަލާއިރު މި ފްލައިޓުތަކަކީ ލުއި ފްލައިޓުތަކެއް ކަމަށް މަންޓާ އިން ބުންޏެވެ. މަންޓާގެ މި ހިތުމަތް ފުޅާ ކުރުމަށްޓަކައި އިތުރު ހަ ފްލައިޓު ގެނައުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މަންޓާއިން ބުނެއެވެ.
މަންޓާ އެއާ ސީޕްލޭންގެ ފުރަތަމަ ދަތުރު ކޮށްފައިވަނީ ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓަށެވެ.