ވިލި މުއައްސަސާ ކަޕް

ވިލިޖޯލި ކޮޅަށް ނުވަ ލަނޑު ޖަހައި، ވެމްކޯ އިން ޗެމްޕިއަންކަން ހޯދައިފި

ވިލިޖޯލި ކޮޅަށް ނުވަ ޖަހައި، ވިލި މުއައްސަސާ ކަޕް 2019ގެ ޗެމްޕިއަންކަން ކްލަބު ވެމްކޯ އިން ހޯދައިފިއެވެ.

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބޭއްވި ވިލި މުއައްސަސާ ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވިލިޖޯލި އަތުން 9-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މިއަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ވިލިޖޯލި ކޮޅަށް ވެމްކޯ އިން ޖެހި ނުވަ ލަނޑުގެ ތެރެއިން އަބްދުﷲ ޖުނާ ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، އިބްރާހިމް ޖުނާހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. ވެމްކޯގެ ނާސިހު މުހައްމަދާއި އަލީ ނިޒާމް އަދި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓޭ) ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ވިލިޖޯލީގެ މުހައްމަދު ވިލްފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެމްކޯގެ އިބްރާހިމް މުބީން (މުއްކި) އެވެ.

މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ވަނީ ތައްޓާއި އިނާމު ހަވާލުކޮށްފައެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ. އުޝާމްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އާއި ވިލިމާލެ ކައުންސިލަރު ހަމްނާ ވަހީދާއި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމާއި އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީނާއި އެމްޓީސީސީގެ ވިލިމާލެ ފެރީ ޔުނިޓްގެ ސީނިއާ މެނޭޖަރު އިބްރާހިމް ސިރާޖް އަދި ކްލަބު އެމްޓީސީސީގެ ޗެއާމަން އަބްދުﷲ ޝިމާޒު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމު، ކްލަބު ވެމްކޯއަށް ތައްޓާއި މެޑަލް އަދި 15،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާ އިރު، ރަނަރަޕް ވިލިޖޯއްޔަށް ތައްޓާއި މެޑަލް އަދި 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ރަނަރަޕް މަގާމު ވެސް ހޯދި ވިލިޖޯއްޔެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވިލިޖޯލީގެ އާދަމް ނަޝްވާނާއި އެޓީމުގެ މުހައްމަދު ވިލްފާއި ކްލަބު ވެމްކޯގެ އިބްރާހިމް މުބީން (މުއްކި) އާއި އެޓީމުގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓޭ) އަދި އެޓީމުގެ ގޯލްކީޕަރު ޒައިދާން އަހުމަދެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވިލިޖޯލީގެ އާދަމް ނަޝްވާނެވެ. އޭނާ ވަނީ މުބާރާތުގައި 11 ލަނޑު ޖަހައިފައެވެ.

މި މުބާރާތުގައި ވަރަށް އެކްޓިވްކޮށް އުޅުނު ދެ ފަރާތެއް ފާހަގަކުރުމުގެ ގޮތުން ކްލަބު އެމްޓީސީސީން ވަނީ ހަނދާނީ ފިލައެއް އަރުވައިފައެވެ. އެއީ ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ކަމަށްވާ މިރުޒާ މުނީރާއި އިސްމާއިލް ނާޒިފް ސައީދެވެ. އޭގެ ތެރެއިން މިރުޒާއަކީ އެމްޓީސީސީގެ މުވައްޒަފެކެވެ. އަދި ނާޒިފް މަސައްކަތްކުރަނީ ސްޓެލްކޯގައެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.