ޚަބަރު

ކޮމިޝަނަށް ނާޒިމް ބަޔާން ދެއްވީ ބަދަލު ހިފުމުގެ ރޫހުގައި، ވާހަކަތަކަކީ ދޮގެއް: އަދީބުގެ އާއިލާ

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވާފައިވާ ބަޔާނުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތައް އަދީބުގެ އާއިލާއިން ދޮގު ކޮށްފިއެވެ.

މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އަފްރާޝީމުގެ މަރުގެ ތަހުގީގު ނިންމައި، ފައިނަލް ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މިއަދު ސަރުކާރުން ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.

އެ ތަހުގީގަށް ދިން ބަޔާނެއްގައި ނާޒިމުވަނީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭގޮތް ހެދުމަށް، އެމަނިކުފާނު އިންނަވާ އުޅަނދެއްގައި ބޮން ހަރުކޮށްގެން ގޮއްވާލެއްވުމަށް އަދީބު އުޅުއްވި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އޭގެ އިތުރުން ރާއްޖެޓީވީ ރޯކޮށްލި ދުވަހު، މިޝަން ކާމިޔާބު ވެއްޖެކަމަށް ވިދާޅުވެ، އަދީބު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މެސެޖެއް ކުރެއްވި ކަމަށް ވެސް ނާޒިމު ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ނާޒިމް ދެއްވި ބަޔާނާއި ގުޅިގެން އަދީބުގެ އާއިލާގެ ފަރާތުން އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނާޒިމްގެ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި އަދި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދެއްވާފައިވާ ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށެވެ.

އެބަޔާންތަކުގައި އަދީބުގެ ނަން ބޭނުން ކޮށްގެން ދައްކާފައިވަނީ ސާބިތު ނުހިފޭ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އަދި ނާޒިމުގެ ބަޔާނަކީ އަދީބާމެދު ނަފުރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމަށް ވެސް އާއިލާގެ ބަޔާނުގައިވެއެވެ.

"އަހުމަދު އަދީބަކީ ނަޝީދަށް އެއްވެސް އިރެއްގައި ގެއްލުމެއް ދޭން އުޅުނު ފަރާތެއް ނޫނެވެ. އަދި ރާއްޖެ ޓީވީ އާއި ބެހޭ ގޮތުން އެސްއެމްއެސްއެއް ފޮނުވި ވާހަކައަކީ ވެސް ދޮގު ވާހަކައެކެވެ،" އާއިލާގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ނާޒިމާއި ސިޔާސީ އެހެން ފަރާތްތަކުން މީގެ ކުރިން އަދީބުގެ ބޮލުގައި ޑރ. އަފްރާޝީމުގެ މަރާއި ގުޅޭގޮތުން އަޅުވަމުންދިޔަ ސިޔާސީ ދޮގު ތުހުމަތުތަކަކީ ސާބިތު ނުހިފޭ ތުހުމަތުތަކެއްކަން އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުވެއްޖެ ކަމަށެވެ.

ކުރިއަށްއޮތްތަނުގައި ސިޔާސީ މަންފާ ހޯދުމަށް އަދީބުގެ ނަން ބޭނުން ނުކުރުމަށާއި އަދި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކަކުން ސިޔާސީ ގޮތުން ގުރުބާން ކުރެވޭ ކަންބަޅިއަކަށް އަދީބު ނުހެދުމަށް އާއިލާގެ ބަޔާނުގައި ވަނީ އިލްތިމާސް ކުރައްވައިފައެވެ.