ކޮލަމް

ޔަޘްރިބުގެ އުދަރެސްއިސްލާމީ ފަތިހަކަށް ދޮންކޮށްލުން – 7

އަބްދުﷲ ފާރޫގް ހަސަން

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދެއްވި ޖަވާބުފުޅުން އަންސާރުންގެ ހިތްޕުޅުތައް އުފާފުޅުން ފަރިވެ ފޮޅުނެވެ. ނަމަވެސް އުފަލާއި ލޯތްބަކީ ފިލައި ހިނގައިދާނެތީއާއި ބީވެދާނެތީ ބިރުގަންނަކަންކަމެވެ. ޝައްކު އުފައްދާކަންކަމެވެ. އަނެކަކަށް އެކަންކަން ލިބިދާނެތީ ހަހުރަކުރެވޭ ކަންކަމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދުވަހަކު ކޮޅުންވެސް އެބޭކަލުންނާ ވަކިވެވަޑައިގަތުމަކީ އަންސާރުންގެ ހިތްޕުޅުތަކަށް ބަރުދާސް ކުރެއްވޭފަދަކަމަކަށް ނުވެއެވެ. އެމާތްސާހިބާގެ ހަޔާތްޕުޅުގެ އެއްވެސް މަރުހަލާއެއްގައި މަދީނާ ދޫކޮށް ލައްވައި އަލުން މައްކާއަށް ބަދަލުވެވަޑައިގަންނަވާކަށެއް އެބޭކަލުން ރުހިވަޑައެއް ނުގަންނަވައެވެ. އެހެންކަމުން އަންސާރުން ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނަށް ބާރާއިވެރިކަން ލިބިވަޑައިގަތުމުން އަޅުގަނޑުމެން ދޫކޮށްލައްވައިފައި ވަޑައެއްނުގަންނަވާނުތޯއެވެ.؟"

އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޖަވާބުދެއްވިއެވެ. "އާނއެކެވެ. އަހުރެންގެ ދިރިހުރުމާއި މަރުވެދިޔުން ވާނީ ތިޔަބައިމީހުންނާއެކުގައެވެ." ބައެއް ރިވާޔަތްތަކުގައިވާގޮތުން މިދަންނަވާގޮތަށްވެސް ހަދީޘްކުރެއްވިއެވެ.

"ތިޔަބައިމީހުންގެ ލެޔަކީ އަހުރެންގެ ލެއެވެ. ތިޔަބައިމީހުންނަކީ އަހުރެންގެއެވެ. އަހުރެންނަކީ ތިޔަބައިމީހުންގެއެވެ. އަހުރެންނަކީ ތިޔަބައިމީހުންކުރެ އެކެކެވެ. ތިޔަބައިމީހުންގެ ޞުލްޙައަކީ އަހުރެންގެ ޞުލްޙައެވެ."

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މިޖަވާބުފުޅު ހިމެނުނީ އަންސާރުންގެ ޝައުޤުވެރިކަމުން ފުރިފައިވާ ހިތްޕުޅުތަކަށް ލިބިވަޑައިގެންނެވި ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއްކަމުގައެވެ. ފިނިކަމެއްކަމުގައެވެ. އެހިތްޕުޅުތަކުގައި އުފާވެރިކަމުގެ ރާޅުބާނި ތަކެއް ދުއްވައިގަތުމުގެ ސަބަބެއްކަމުގައެވެ. އެއްބޭކަލަކަށްވުރެ އަނެއް ބޭކަލަކު ކުރީން ބައިއަތު ހިއްޕަވަން އެބޭކަލުން އަވަސްވެ ވަޑައިގެންނެވިއެވެ. އެންމެ ފުރަތަމަ ބައިއަތު ހިއްޕެވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ ބަރާއު ބިން މަޢުރޫރު ރަޟިޔަﷲ އަންހު އަށެވެ. ބައެއް މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި ބައިއަތުގައި ހިމެނޭ މާއްދާތަކަކީ ނުވަތަ އިޤްރާރުތަކަކީ ތިރީގައިމިދަންނަވަނީއެވެ.

1. ހިތްރުހޭކަންކަމާއި ހިތްނުރުހޭ ކަންކަމުގައި ކިޔަމަންތެރިވުމަށާއި،

2. އަތްމަތި ދަތިކަމުގައްޔާއި، ތިޔާގިކަމުގައިވެސް ހެޔޮކަންކަމަށް ޚަރަދުކުރުމަށާއި،

3. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަށާއި،

4. މާތްﷲގެ މަގުގައި ގޮވައިލެވިއްޖެ ކޮންމެ ހިނދަކު ތެދުވެ އިޖާބަދިނުމަށާއި،

5. މާތްﷲގެ މަގުގައި ކުރާ އެއްވެސް ކަމެއްގައި މަލާމާތް ކުރާ މީހެއްގެ މަލާމާތަށް ބިރު ނުގަތުމަށާއި،

6. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަދީނާއަށް ފައިންޕުޅުބީއްސެވުމުން އަންސާރުން އެބޭކަލުންގެ އަމިއްލަފުޅު ހަށިކޮޅުތަކާއި، އަހްލުއިޔާލުން ރައްކާތެރި ކުރައްވާފަދައިން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އެކުވެރިން ޙިމާޔަތްކުރެއްވުމަށާއި މިކަންކަމުގެ މައްޗަށެވެ.

ނަމަވެސް ޝަރީކު ނުކުރުމާއި، ޒިނޭ ނުކުރުމާއި، ވައްކަން ނުކުރުމާއި، ދަރީން (އަންހެންދަރީން) ޤަތުލުނުކުރުމާއި، ދޮގުވާހަކަތައް ހަދަހަދައިގެން ނުފެތުރުންވެސް ބައެއް އެހެނިހެން ރިވާޔަތްތަކުގައި ހިމެނިފައިވެއެވެ.

އަންސާރުންގެ ކުރިޔަށްތިއްބެވި ބޭކަލުންގެ ވާހަކަފުޅާއި، ބައިޢަތުގެ ސިލްސިލާ ކުރިޔަށް ދަނިކޮށް ސައުދުބިން ޒުރާރާ ރަޟިޔަﷲ ޢަންހު ކުރިޔަށް ނުކުމެވަޑައިގެން އަންސާރުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އަޚުންނޭވެ! އިހަށްމަޑުކުރައްވާށެވެ.! ތިޔަބޭކަލުން ތިޔަ ބައިޢަތު ހިއްޕަވަނީ ކޮންކަމަކަށްކަން އެނގިވަޑައިގަންނަވާތޯއެވެ.؟ މިއީ، ޢަރަބީންނާއި، ޢަޖަމީންނާއި، އެންމެހައި އިންސީން ނާއި ޖިންނީންނާ ހަނގުރާމަކުރުމުގެ މައްޗަށް ހިފެވޭ ބައިޢަތެކެވެ."
ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހައި ބޭކަލުން އެއްއަޑުފުޅަކުން ވިދާޅުވިއެވެ. "އާދޭހެވެ! އަޅުގަނޑުމެން މިބައިއަތުހިފަނީ ތިޔަކަންކަމުގެ މައްޗަށެވެ." ޚާއްޞަކޮށް އަބުލްހައިޘަމް ބުނުއް ތައިހާން ހަރުއަޑުފުޅުން ވިދާޅުވިއެވެ. އަހަރެމެން މިމާތްސާހިބާ މިޤަބޫލުކުރަނީ މުދަލަށް މުޞީބާތް ޖެހުމާއި، މާތްމީހުން މިކަމާހުރެ ޤަތުލުވުމުގެ މައްޗަށެވެ."

ސަޢުދާއި އަބުލްހައިޘަމުގެ )ރަޟިޔަﷲ ޢަންހުމާގެ) މިވާހަކަފުޅުން ހާމަވަނީ އިސްލާމީ އިންޤިލާބީ ރޫޙަކީ ކޮބައިކަން ބައެއްމީހުންނަށް ތަންކޮޅެއް ޖުމުލަގޮތަކަށް ވިސްނިފައިއޮތް ކަމުގައިވިޔަސް އޭރުގެ އަރަބީންގެ ސިޔާސީ ބޭކަލުންގެ ދުރުވިސްނިވަޑައިގަތުމަށް އެކަން ފުރިހަމަޔަށް ހާމަވެފައިވާ ކަމެވެ. އިސްލާމީ އިންގިލާބުގެ ތަހްރީކަކީ ޙަޤީޤަތުގައިވެސް މުލްހިދުންނާއި، ބުދަށް އަޅުކަންކުރާ މުޝްރިކުންނާއި، ނިކަމެތީންގެ ކިބައިން ހުއްދަނޫން ފައިދާ ހޯދަމުންގެންދާ ފަރާތްތަކަށް ޖަހައިލެވުނު ގޮންޖެހުމެކެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް އިއުލާންކުރެވުނު ހަނގުރާމައިގެ އިއުލާނެކެވެ. މުސްލިމުންގެ ކިބައިގައި ޙަޤީޤީ އިސްލާމީ ރޫޙެއް ހުރެއްޖެ ކޮންމެ ހިނދަކު ވަގުތުގެ ފިރުޢައުނުންނާއި، ހާމާނުންނާއި، ޤާރޫނުންނާއި، ނަމްރޫދުން މުސްލިމުންދެކެ ބިރުން ރޫރޫ އަޅަނީ އެހެންވެގެންނެވެ. ޙަޤީޤީ އިސްލާމީ ރޫޙާއި އިސްލާމީ އަޤީދާއާ މިހާރުގެގިނަ މުސްލިމުންނާ ގުޅުން ހުރީ ހަމައެކަނި ނަމެއްގައޭ ދެންނެވިދާނެއެވެ. ނަތީޖާއެއްގެ ގޮތުން މިއުންމަތް މިވަނީ ބަލިކަށިވެފައެވެ. ތަރައްޤީގެ ދުވެލީގައި ފަހަތަށް ފޭދިފައެވެ. ޢިލްމާއި ހުނަރުގައި ފަޤީރުވެފައެވެ. މިއަދަކު މުސްލިމުންގެ ކިބަޔަކު އިސްލާމީ ރޫޙެއްނެތެވެ. އިސްލާމީ ތަޙްރީކުގައި އާރޯކަމެއްނެތެވެ. މިކަންކަން މިހެން ހުރުމާއެކުވެސް ދުނިޔޭގެ ބޮޑެތި ބާރުތައް އިސްލާމީ އުންމަތް ދެކެބިރުގަނެއެވެ. ޖެހިލުންވެއެވެ. މުސްލިމުންގެ ތައުލީމީ ޖީލުގެ ހިތްތަކުގައި ދީނާމެދު ޝައްކުއުފައްދަން ކަށީގެ މަދުން ހިތްވަރުނެެރެގެން މަސައްކަތް ކުރަމުން ގެންދަނީ އެހެންވެގެންނެވެ. ހަޤީޤަތެއްނެތް ޕްރޮޕެގެންޑާ ތަކުގައި ހޭބޯނާރައި އުޅެނީ އެކަމާހުރެއެވެ.

އިސްލާމްދީނަކީ އެދީނުގެ ފިޠުރަތަށް ބަލާއިރު ތައުހީދުގެ ދީނެވެ. ކޮންމެ ގޮތެއްގައިވެސް ތައުޙީދަކީ ޝިރުކާއި ބުދަށް އަޅުކަންކުރުމުގެ ހަތުރެކެވެ. ހެވާއި ނުބައިގައި، އަލިކަމާއި އަނދިރިކަމުގައި، ރީއްޗާއި ހުތުރުގައި ހުންނަ ތަފާތު އިސްލާމްދީނާއި ޝިރުކާ ދެމެދުގައި އެބަހުއްޓެވެ. ފިއުޑަލިޒަމް ކަމުގައިވިޔަސް ކެޕިޓަލިޒަމް ކަމުގައިވިޔަސް ފިރުޢައުނާއި ހާމާނުގެ ހޭޑިފޭޑީގެ ވެރީންގެ ވެރިކަމުގެ ނިޒާމުކަމުގައިވިޔަސް މިއިން ކޮންމެ ނިޒާމަކީވެސް އިސްލާމީ ނިޒާމާ ދުޝްމިނު ނިޒާމެކެވެ. އެކަން އަބަދުވެސް އޮތީ އެގޮތަށެވެ. އޮންނާނީވެސް އެގޮތަށެވެ.

ތެދުފުޅެކެވެ. އަޅުގަނޑު އިންސާފު ކުރާން ގަލަން ނެގި މައިގަނޑު ނަމާ ތަންކޮޅެއް ފޭއަށް ޖެހެވިއްޖެއެވެ. އެހެންކަމުން މައުޟޫޢާ ކައިރިއަށް ޖެހިލައި މިސްރާބު ސީދާ ކުރަމުން ދަންނަވަމެވެ. ޢަޤަބާގެ ތާރީޚީ ދެވަނަ ބަޢިއަތު ހިއްޕަވައި ނިމިއްޖެއެވެ. އިސްލާމީ އިންްގިލާބުގެ ތަޙްރިކު މަދީނާއަށް ބަދަލުކުރެއްވުމުގެ މުޢާހަދާގައި ސޮއި ކުރެއްވިއްޖެއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ދެން އެނބުރި ވަޑައިގެންނެވި އަންސާރުންގެ ތެރެއިން ވެރިން އައްޔަން ކުރެއްވުމަށެވެ. އިތުރުސާހިބާ ޙަދީޘް ކުރެއްވިއެވެ. މޫސާގެފާނު ބަނީ އިސްރާއީލުގެ މައްޗަށް ވެރީން ލެއްވިފަދައިން އަހުރެންވެސް ޔަޘްރިބުގެ މުސްލިމުންގެ މައްޗަށް ތިޔަބޭކަލުންގެ ތެރެއިން ވެރީން ލައްވާހުށީމެވެ. ތިޔަބޭކަލުންގެތެރެއިން ބާރަ ނަގީބުން އިންތިޚާބު ކޮށްދެއްވާށެވެ. އެބަޔަކުވާންޖެހޭނީ ޤައުމުގައި އެބައެއްގެ ބަސްވިކޭ މީހުންކަމުގައެވެ ޤައުމުގެ ކަންތައްތައް ޙައްލުކުރެވޭފަދަ ލަޔާޤަތަކާއި ޤާބިލިއްޔަތުހުރި ހަރުދަނާ ބަޔަކުކަމުގައެވެ. މިއީ މުސްލިމުން އެބައިމީހުންގެ މަންދޫބުން ހޮވާންވީގޮތާމެދު ދެއްވި ދާއިމީ އިރުޝާގެކެވެ. ނަގީބުންގެ އަދަދު ކަނޑައެޅުއްވީ ޚަޒުރަޖު ވަންހައާއި އައުސުވަންހައިގެ އާބާދީގެ ނިސްބަތުންނެވެ. އެގޮތުން ޚަޒްރަޖުވަންހައިގެ ނުވަ ބޭކަލުންނަށާއި އައުސުވަންހައިގެ ތިން ބޭކަލުންނަށް ނަޤީބުކަމުގެ ޝަރަފުލިބިވަޑައިގެންނެވިއެވެ. ޚަޒްރަޖު ވަންހައިން ނަޤީބުކަމަށް ހޮވިވަޑައިގެންނެވި ނުަވަ ބޭކަލުންނަކީ

1.އަސްއަދު ބިން ޒުރާރާ. 2. ސަޢުދު ބުނުއް ރަބީއު. 3. އަބްދުﷲ ބިން ރަވާޙާ. 4. ސަޢުދު ބިން ޢުބާދާ. 5. މުންޒިރު ބިން ޢަމްރު. 6. ބަރާއު ބިން މަޢުރޫރު. 7. އަބްދުﷲ ބިން ޢަމްރު. 8. ޢުބާދާ ބުނުއް ސާމިޠު. 9. ރާފިޢު ބިން މާލިކު (ރަޟިޔަﷲ އަންހުމް) މިބޭބޭކަލުންނެވެ. އަޢުސުވަންހައިގެ ނަޤީބުންނަކީ

1. އުސައިދު ބިން ޙުޟައިރު. 2. އަބުލް ހައިޘަމް ބުނުއް ތައިހާނު. 3.ސައުދު ބިން ޚައިޘަމާ (ރަޟިޔަﷲ އަންހުމް) މިތިން ބޭކަލުންނެވެ. އިތުރުސާހިބާ މި ބާރަ ބޭކަލުންކުރެ ނަގީބުންގެ ނަގީބަކު ޚިޔާރު ކުރެއްވިއެވެ. އެމަގާމަށް ޚިޔާރުކުރެއްވީ އަސްޢަދު ބިން ޒުހުރާރާ ރަޟިޔަﷲ އަންހުއެވެ. އިތުރުސާހިބާ އެބޭކަލުންނާ މުޚާޠަބުކުރައްވައި ހަދީޘް ކުރެއްވިއެވެ. އީސާގެފާނު ޙަވާރީންނަށް ވެރިކަން ދެއްވިފަދައިން ދީން ފެތުރުއްވުމާއި މުސްލިމުންގެ ކަންތައް އިންތިޒާމުކުރެއްވުމަށް ތިޔަބޭކަލުންނަށް ވެރިކަން ދެއްވައިފީމެވެ. ތިޔަބޭކަލުންގެ ވެރިޔަކީ އަސްޢަދު ބިން ޒުރާރާއެވެ. އެބޭކަލުން ޔަޘްރިބަށް ވަޑައިގަތުމާއިއެކު އެރަށުގައި އިސްލާމީ ވެރިކަން ހިނގާން ފަށައިފިއެވެ.

މިބައިޢަތާއި މުއާހަދާއާ ބެހޭގޮތުން "އުދުހެމުންދިޔަ" ޚަބަރު ޤުރައިޝުންނަށް ލިބުނެވެ. އެޚަބަރާ މެދު ޤުރައިޝުން ސަމާލުވިއެވެ. ނަމަވެސް އެބައިމީހުންނަކަށް ވަގުތުން އެ މައްސަލަ ތަޙްޤީގެއް ނުކުރެވުނެވެ. ޔަޘްރިބުގެ މީހުން ކުރެން ޚަބަރު އަހައިލައި އޭގެ ތެރޭގައި ތިބި މުޝްރިކުން ބުނި ބުނުމުގެ މައްޗަށް ފުއްދައިލިއެެވެ. އެބައިމީހުންނަށް ޙަޤީޤަތް އެނގުނުއިރު ވަގުތު ފާއިތުވެއްޖެއެވެ. އަންސާރުންގެ ގާފިލާ މައްކާއިން ފުރައިގެން މާދުރަށް ދަތުރުކޮށްފިއެވެ. ގާފިލާއާ ވަކިވެ ފަހަތަށް ޖެހިވަޑައިގެންނެވުނު ދެބޭކަލުން ކަމުގައިވާ ސަޢުދު ބިން ޢުބާދާ އާއި މުންޒިރު ބިން ޢަމްރު އާ ދެބޭކަލުން (ރަޟިޔަﷲ އަންހުމާ) ހައްޔަރުކޮށް އަނިޔާކޮށް ހެދިއެވެ.

ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޢަޤަބާގެ ދެވަނަ ބައިޔަތު ނިމުމުން އިސްލާމީ ތަޙްރީކުގެ މުސްތަގިއްލު މަރުކަޒަށް ޔަޘްރިބު ހެއްދެވުމުގެ ޤަރާރު ނެރުއްވިއެވެ. އެކަމުގެ ފަތްތޫރަ ހިންގެވިއެވެ. އަބޫބަކުރުގެފާނާއި އަލީގެފާނާ ދެބޭކަލުން (ރަޟިޔަﷲ އަންހުމާ) ފިޔަވައި މަދީނާއަށް ހިޖުރަޔަށް ވަޑައިގެންނެވުމުގެ އެކަށޭނަ ކަންހުރި ކޮންމެ ސަހާބީއަކަށާއި ސަހާބިއްޔާ އަކަށް މަދީނާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ ދެއްވިއެވެ.

ޤުރައިޝުންގެ ސިޔާސީ ތޫނު ވިސްނުމަށް މިހިޖްރައިގެ އަހަންމިއްޔަތާއި ހިޖްރައިގެ ސަބަބުން މުސްތަޤްބަލުގައި ނުކުންނާނެ ނަތީޖާ ވަންހަނާވެފައެއް ނެތެއެވެ. ހިޖްރައިގެ ނަތީޖާއެއްގެ ގޮތުން މިނިވަން ވެއްޓެއްގައި އިސްލާމީ ތަޙްރީކު ހެދި ފޯދި، މަލާއި މޭވާ އެޅުމުގެ ފުރުސަތު ދޭކަށެއް އެއުރެން ބޭނުމެއްނުވިއެވެ. މުސްލިމުންނަށް ހަށިފޮޅައިލެވި އިންޤިލާބީ މުސްލިމުންނަށް ޤުރައިޝުންނާ ވާދަ ކުރެވޭފަދަ ބާރުވެރިކަމެއް ލިބޭކަށެއް ޤުރައިޝުންގެ ހިތްތަކެއް ނުރުހުނެވެ. އެހެންކަމުން ހިޖްރައިގެ މަގަށް ހުރަސް އަޅޭތޯ ނުފޮރުޅާ އެންމެ ގާކޮޅެއްވެސް އެމީހުން ދޫކޮށެއްނުލައެވެ. ނަމަވެސް ގިނަ މުސްލިމުން ސިއްރާއި ފާޅުގައި ހިޖްރަކުރައްވައި ޤުބާއަށާއި ޔަޘްރިބަށް ޖަމާވެވަޑައިގެންފިއެވެ. ނަމަވެސް ހިޖްރައިގެ ޝައުޤުވެރިކަންހުރެމެ ވަސީލަތްތައް ލިބިވަޑައިގެންފައި ނުވުމާއި، ހާލަތުގެ މަޖުބޫރީގެ ސަބަބުން ހިޖްރަ ނުކުރެއްވެވި ތިއްބެވި އެތަކެއް ސަހާބީންނާއި ސަހާބިއްޔާއިން މައްކާގައި ހައްޔަރުވެވަޑައިގެންފައި ތިއްބެވިއެވެ. ހިޖްރަކުރެއްވި މުސްލިމުންނަށް އެކަން އިހްސާސް ކުރެއްވެއެވެ. އިސްލާމީ ތަޙްރީކުގެ ގާއިދު އެކަން ހަދުމަފުޅު ނައްތަވައެއް ނުލައްވައެވެ. އެހެންކަމުން މުސްލިމުންގެ ފައިތިލަ ޔަޘްރިބުގައި ސާބިތުވުމާއެކު މުޝްރިކުންގެ އިސްތިބުދާދުގެ ވަކިތަކުގައި ހައްޔަރުވެފައި ތިބި އަޚުންނާއި އުޚްތުން މިނިވަންކުރައްވަން ޖިހާދު ކުރެއްވުމަށް އިލާހީ އަމުރުފުޅު އަތުވެއްޖެއެވެ. ވަޙީކުރައްވާފައިވަނީ މިދަންނަވާފަދައިންނެވެ.

"އަދި، ﷲ ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި ތިޔަބައިމީހުން ހަގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟. އެއުރެންނީ (މިފަދައިން) ދުޢާކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ އަހުލުވެރީން އަނިޔާވެރިވެގެންވާ މިރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި އިބަރަސްކަލާންގެ ޙަޟްރަތުން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި އިބަރަސްކަލާނގެ ހަޟްރަތުން ނަސްވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ!" (ސޫރަތުއް ނިސާޢު:75 )

ނިމުނީ..

ޙަވާލާ:
1. ޕޭޢަމްބަރެ އައުޡަމް ވަ އާޚިރު ޑޮޮކްޓަރ ނާސިރު
އަޙްމަދު ނާސިރު

2. އައްރަޙީ ޤުލް މަޚްތޫމް މައުލާނާ ސަފިއްޔުއް
ރަހްމާން މުބާރިކު ޕޫރީ

3. ސީރަތުއް ނަބިއްޔު އައްލާމާ ޝިބްލީ
ނުޢުމާނީ، ސައްޔިދު ސުލައިމާނު ނަދުވި

4. ރަސޫލެ ރަޙުމަތު މައުލާނާ އަބުލްކަލާމް
އާޒާދު

5. އައްސިޔަރަތުއް ނަބަވިއްޔާ ފަޟީލަތު ޝައިޚް
ޙުސެއިން ޞަލާޙުއްދީން

6. ޒިންދަގީ ނައު ނޮވެމްބަރ 2018

7. އަލް ޤުރުއާނުލް ކަރީމުގެ ދިވެހި ތަރުޖަމާ ރައިސުލް ޖުމްހޫރިއްޔާގެ އޮފީސް