Close
ޚަބަރު

ނަޝީދު އިންނަވާ އުޅަނދެއްގައި ބޮން ހަރުކޮށް ގޮއްވާލަން އަދީބު އުޅުނު: ނާޒިމު

އާނިފާ ހުސެއިން ސިރާޖް

ދެހާސްތޭރަ ވަނަ އަހަަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ވާދަ ނުކުރެވޭގޮތް ހެދުމަށް، އެމަނިކުފާނު އިންނަވާ އުޅަނދެއްގައި ބޮން ހަރުކޮށް ގޮއްވާލުވުމަށް ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އުޅުއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ މަރުގެ ތަހުގީގު ރިޕޯޓަށް އޭނާ ދެއްވާފައިވާ ބަޔާނުން ހާމަވެއްޖެއެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމުގެ މަރުގެ މައްސަލަ ތަހުގީގުކޮށް މަރުތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ސަރުކާރުން މިއަދު ވަނީ އާންމުކޮށްފައެވެ.

ޖުމްލަ 121 ސޮފުހާގެ ދިގު އެ ރިޕޯޓުގައި ކުރިން ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި ނާޒިމް އެ ކޮމިޝަނަށް ދިން ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތްހެދުމާއި ގުޅޭގޮތުން އަދީބާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު (ޖާ)އާ ދެމެދު ވާހަކަތަކެއް ދެކެވެމުން ދިޔަ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލު ކޮށްލެވޭނެ ގޮތަކަށް ރާވަމުންދިޔަ ކަމަށާއި އެއީ އަދީބު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށް ނާޒިމާ ހަވަލާދީ ބަޔާނުގައިވެއެވެ. އަދި "މިކަމުގެ ތެރޭގައި އަދީބު ބޮން ހަދާ ހިސާބަށްވެސް ދިޔައެވެ. އެއީ ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެން" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިކަން އެނގިވަޑައިގެން ކުރީގެ ޑިފެންސް މިނިސްޓަ ކާނަލް ނާޒިމް ސީދާ ފުލުހުންނަށް ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައިވާކަން ފާހަގަކުރައްވައި ނާޒިމުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަހަލަ ނުރައްކަލެއް އޮތް ކަމަށް ސީދާ ނަޝީދަށް ވެސް ކާނަލް ނާޒިމު އަންގަވާފައިވާ ކަމަށެވެ.

"މިކަން ހިނގާފައިވަނީ، ޑރ.އަފްރާޝީމް އަވަހާރަވުމަށްފަހު ކަމުގައިވީ ނަމަވެސް، މިކަން އަޅުގަނޑު ފާހަގަ މިކުރާ ސަބަބަކީ، އަދީބު އޭރު ހުރީ ކޮންމެ ފަދަ ސަބަބެއް ކުރިމަތި ކުރުވައިގެން ނަމަވެސް، ރައީސް ނަޝީދަށް 2013 ގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށެވެ. ވުމާއެކު، ޑރ. އަފްރާޝިމް އަވަހާރަ ކޮށްލައިގެން އެ މަރުގެ މައްސަލަ ރައީސް ނަޝީދުގެ ބޮލުގައި އަޅުވައިގެން ރައީސް ނަޝީދަށް 2013 ގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމުގެ މޯޓިވްއެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނެއެވެ،" ނާޒިމު މަރު ކޮމަޝަނަށް ދެއްވި ބަޔާނުގައި ބުނެފައިވެއެވެ.