ކޮލަމް

ކެޔޮނިރު ކޮލަމް: މަގޭ ދީނާއި މަގޭ ޤައުމާއި މަގޭ ދަރަންޏާއި މަގޭ ބަދަލު ހިފުން!

މުހައްމަދު ބުޝްރީ

1

ދިވެހީންގެ ޤައުމީ ދީން:

ދިވެހީން ބަދަލަކަށް ބޭނުންވީ ހަމައެކަނި ދުނިޔަވީ ބަދަލެއް ނޫނެވެ. "ބޭން އެމް.ޑީ.އެން" ގެ ކެމްޕެއިން އިން އެއްޗެއް ސާފުވާނަމަ އެއެއްޗަކީ، ދިވެހީން އެންމެ ބޮޑަށް އެއްބައިވަންތަ ކުރުވާ އެއްޗަކީ ހަމަ އިސްލާމް ދީން ކަމެވެ. ޤައުމީ ފުޓުބޯޅައެއް ނުވަތަ ބޯހިޔާވަހިކަމެއް ނޫނެވެ. އިސްލާމް ދީނެވެ. ދިވެހި ޤައުމުގެ ޤާނޫނު އަސާސީގައި ކަޅާއި ހުދުން، ދިވެހި ދައުލަތުގެ ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށާއި، ދިވެހި ރައްޔިތަކަށް ވެވޭނީ ހަމައެކަނި މުސްލިމުންނަށް ކަމުގައި އޮތީ މިސަބަބާ ހުރެއެވެ. މި ޤައުމުގެ އިސްލާމީ ވަހުދަތަށް ގެއްލުންވާނެ އެއްވެސް ކަމަކަށް ދިވެހި ރައްޔިތުން ނުރުހޭނެއެވެ. މިހާރު ތިލަވެގެން އުޅޭ މަރުތަކާބެހޭ ރިޕޯރޓްގައި، ޑރ.އަފްރާޝީމްގެ މަރާ ގުޅުވައިގެން ސަލަފް ޖަމްއިއްޔާ އާއި އަދާލަތުގެ ނަން ގެނެވުމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. އަދާލަތާއި ސަލަފް ނެތިގެން ހިނގައްޖެނަމަ މިވަގުތު ނަސްރު ލިބޭނީ ދިވެހި ރައްޔިތުންނަށް ތޯއެވެ ނުވަތަ އެމް.ޑީ.އެން ފަދަ އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ތޯއެވެ؟

ޝަރުއީ ދާއިރާ

ރައީސް ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ބޮޑު ތަޅު އަޅުވައި، ފަނޑިޔާރުންނަށް ސުޕްރީމް ކޯޓަށް ނުވަދެވޭ ގޮތަށް ހެދިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން ސަލާމަތީ ބާރުތަކުން އެ އިމާރާތަށް ވަދެ އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްގެން ޖަލަށް ގެންދިޔައެވެ. މިހާރު މިފެންނަނީ "ޝަރުއީ ދާއިރާ އިސްލާހް" ކުރުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކޮށް، އެހެން އެތައް ފަނޑިޔާރުންނެއް މަޤާމުން ވަކިކޮށް، މުޅި ޝަރުއީ ދާއިރާ ޖޭ.އެސް.ސީ ގެ މުށުތެރެއަށް ލަމުންދާ ތަނެވެ. މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދުގެ ބާރުގެ ދަށުގައިވާ ޖުޑިޝަލް ސާރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ) އަކީ މިހާރު މުޅި ޤައުމުގައި އެންމެ ބާރާއި ނުފޫޒު ގަދަ ފަރާތޭބުނުން ދޮގަކަށް ނުވާނެއެވެ. މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުން ބާވައެވެ؟ ނުވަތަ އެދާއިރާ ވަކި ބައެއްގެ މުށުތެރެއަށް ލުން ބާވައެވެ؟

ދިވެހި ޤައުމުގެ ދަރަނި 1.2 ބިލިއަން ޑޮލަރު

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 19 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި މިކަމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ 13 ނޮވެމްބަރުގައި ވިދާޅުވެފައެވެ. ނަވާރަ ބިލިއަން ރުފިޔާ އަކީ ނަގާފައިވާ ލޯނުތަކުގެ ޖުމުލައެއް ނޫނެވެ. އެއީ ކުރިއަށް އޮތް ތިން އަހަރުތެރޭ ލޯނުތަކަށް އިންޓަރެސްޓާއެކު، ދިވެހި ދައުލަތުން އެކިއެކި ބޭންކްތަކަށް ނުވަތަ ޤައުމުތަކަށް ދައްކަން ޖެހޭ ވަރެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 52 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 3.3 ބިލިއަން އެމެރިކާ ޑޮލަރެވެ. މިލިއަނެއް ނޫނެވެ. 3.3 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިން ކުރިއަށް އޮތް ތިން އަހަރުތެރޭ ދައްކަން ޖެހެނީ 19 ބިލިއަން ރުފިޔާ ނުވަތަ 1.2 ބިލިއަން އެމެރިކާ ޑޮލަރެވެ. ބިޔަ ބޮޑު އަދަދެކެވެ. އަދިވެސް ދައުލަތުން ދަނީ ލޯނު ނަގަމުންނެވެ. ސޮވެރިން ގެރެންޓި ދެމުންނެވެ. އެހެން ކަމުން ލޯނަށް ދައްކަން ޖެހޭ އަދަދު މިއަށް ވުރެވެސް އަދި ވާނީ ބޮޑެވެ. ތިން އަހަރުތެރޭ 1.2 ބިލިއަން ޑޮލަރު ދެއްކުމަކީ މި ކުޑަކުޑަ އިގްތިސޯދަށް ނުތަކާ ވަރުގެ ބުރައަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. އޮޑިޓަރ ޖެނެރަލް އެފާހަގަ ކުރެއްވީ އެކަމެވެ. މިއީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ނުދީފިނަމަ ޤައުމުގެ އިގްތިސޯދު ފުނޑުފުނޑުވެ، ޤައުމު ބޭންކްރަޕްޓްވެސް ވެދާނެފަދަ ބޮޑު މާލީ ބުރައެކެވެ. ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބު އަލުން ހޯދާފާއިވާ އެމެރިކާގެ ބިލް ގޭޓްސް ފަދަ މަހުޖަނަކަށް މީ ދާދި ކުޑަ އަދަދެކެވެ. ބްލޫމްބާގް ބިލިއާނާޒް އިންޑެކްސް އިން ދައްކާ ގޮތުގައި އުމުރުން 64 އަހަރުގެ ބިލް ގޭޓްސް، އެންމެ މުއްސަނދި މީހުންގެ ލިސްޓުން ކުރި އަތުލީ އެ މަގާމުގައި ކުރިން އޮތް އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް ދެވަނަ އަށް ވައްޓާލާފަ އެވެ. ގޭޓްސްގެ މިހާރުގެ މިލްކިއްޔާތު 110 ބިލިއަން ޑޮލަރަށް އަރަ އެވެ. ބިލްގޭޓްސްއާ ބައްދަލުކުރައްވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުރުއްވާ ޚަބަރު އިވުމަކީވެސް ދުރުކަމެއް ނޫނެވެ!

ޝްރީލަންކާގެ އާ ރައީސާއިއެކު ދިވެހި ސަރުކާރުވެސް ޗައިނާ ކޮޅަށް؟

ސްރީލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި އެސްއެލްޕީޕީ ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބީ އިއުލާން ކުރައްވައިފިއެވެ. ވޯޓުގުނުން މުޅިން ނުނިމެނީސް ގޯޓާބަޔަ ކާމިޔާބު އިއުލާން ކުރެއްވުމުން އެނގެނީ ބާކީ ހުރި ވޯޓުތަކުން ނަތީޖާ ބަދަލުވުމުގެ ފުރުސަތު ނެތް ކަމެވެ. ގޯޓާބަޔަގެ ބޭބޭ މަހިންދަ ރާޖަޕަކްސަ އަކީ ރާއްޖޭގެ ވިޔަފާރިވެރިޔާ ޗަމްޕާ (އުއްޗު) އަދި ޔޫތު މިނިސްޓަރު މަހްލޫފްގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްފަރާތްތަކާވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. ރާޖަޕަކްސަގެ އެންމެ ފާހަގަ ކުރެވޭ ސިޔާސީ ކަމަކީ އިންޑިޔާއާ ސިޔާސީގޮތުން ފިކުރު ތަފާތު، ޗައިނާއާ ސިޔާސީ ފިކުރު ގާތް ބޭފުޅަކަށް ވާކަމެވެ. ރާއްޖޭގެ އަވައްޓެރި ޤައުމެއް ކަމުގައިވާ ޝްރީލަންކާގެ އާ ރައީސަކީ ޗައިނާއާ ގާތް ބޭފުޅަކަށް ވުމުން އޭގެ ސިޔާސީ އަސަރު ރާއްޖެއަށްވެސް ކުރާނެކަން ޔަޤީނެވެ. ސުވާލަކީ ދިވެހި ސަރުކާރުތެރޭގައި ތިއްބެވި ރާޖަޕަކްސާއާ ގާތް ބޭފުޅުންގެ އެއްބާރުލެއްވުމާއި އެކު ރާއްޖޭގެ ސިޔާސީ މިސްރާބުވެސް ޗައިނާއާ ދިމާއަށް ދީލާލަފާނެތޯ އެވެ؟

ވެރިކަން އަލުން ބޭނުންވަނީ ބަދަލު ހިފަން؟

"ފުނޑާލައިފި" މިނަމުގައި ޕަރޮގްރެސިވް ކޯލިޝަނުން ހުކުރު ދުވަހުގެރޭ ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވިއެވެ:
"ހަނދާން ނައްތާ ނުލާތި! މިއަދު ހުކުމް ވެސް ކުރެވިދާނެ. މިއަދު ގޮތްގޮތަށް ކަންތައްތައް ކުރެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރި އައިސް މިއިން ކޮންމެ މައްސަލައެއް އެއްފުށުން އަނެއް ފުށަށް ޖަހާނަން. މިއިން ކޮންމެ ޕްރޮޖެކްޓެއްގައި ކިހާވަރެއްގެ ފައިސާގެ ކޮރަޕްޝަން ހިމެނިފައިވޭތޯ އަޅުގަނޑުމެން ބަލާނަން. ބަދަލު ހިފާނަން. އަޅުގަނޑުމެން އަންނާނީ ބަދަލު ހިފަން! މިއީ ސިއްރަކުން ކުރާނެ ކަމެއް ނޫން!"

ބަދަލު ހިފަން؟ އާދެ! އެއޮތީ ވަރަށް ހާމަކަން ބޮޑުކޮށް ވިދާޅުވެފައެވެ. އެނބުރި ވެރިކަމަށް އަންނާނީ "ބަދަލު ހިފަން" ކަމަށެވެ. މިއީ ވަރަށް ބޮޑު އިންޒާރެކެވެ. ދިވެހި ރައްޔިތުންގެ ވޯޓަކުން މުޅި ޤައުމު، ބަދަލު ހިފުމުގެ މިފަދަ ފިތުނައަކަށް ވެއްޓުމުގެ ފުރުސަތު ދީފާނެ ބާވައެވެ؟ އަނބުރާ ވެރިކަމަށް އައުން މައްސަލައެއް ނެތެވެ. ކޮރަޕްޓް އެއްބަސްވުންތަކެއް ހުރިނަމަ އެފަދަ އެއްބަސްވުންތައް ބާތިލު ކުރިޔަސް މައްސަލައެއް ނެތެވެ. ނަމަވެސް "ބަދަލު ހިފުން" އެއީ ވެރިކަން އަލުން ހޯދަންޖެހޭ ސަބަބަކަށް ވާނަމަ، އެއީ ވޯޓުދޭ ރައްޔިތުމީހާ ނިކަން ރަނގަޅަށް ވިސްނާލަން ޖެހޭނެ ކަމެކެވެ. ދެހާސް ތޭވީސްވެސް ދުނިޔޭގައި ތިބިބަޔަކަށް ފެންނާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.