ސަރުކާރު

ޖޮބް ސެންޓަރު އިފްތިތާހުކޮށްފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ އެއް އަމާޒު ކަމުގައިވާ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ލަނޑުދަނޑިއަށް ވާސިލް ވުމުގެ ގޮތުން އިކޮނޮމިސް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ތައްޔާރުކޮށްފައިވާ ޖޮބް ސެންޓަރު އިފްތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު ޖޮބް ސެންޓަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޖޮބް ސެންޓަރު އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި އިކޮނޮމިކް މިިސްޓަރުގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު އިފްތިތާހު ކުރީ ޖޮބް ސެންޓަރުގެ އޮންލައިން ޕޯޓަލް އެވެ. އެއީ jobcenter.mv އެވެ. މި ޕޯޓަލް އަކީ ރާއްޖެއިން ލިބެން ހުރި މަސައްކަތްތަކާއި، ހުރި ވަޒީފާގެ ފުރުސަތު އެއް ތަނަކުން ހޯދަން ފަސޭހަ ޕޯޓަލްއެކެވެ. މީގެ އިތުރުން ސަރުކާރުން ދިނުމަށް މަސައްކަތް ކުރާ ޖޮބް ސީކާ އެލަވަންސް ލިބޭނެ ބަޔަކު ކަނޑައެޅުމަށް މި ޕޯޓަލް ބޭނުން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޖޮބް ސެންޓަރު ޕޯޓަލުން ލިބޭ ހިދުމަތްތައް ފިޒިކަލް ކޮށް ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގައި ހިންގާ ހުރިހާ ބިޒްނަސް ސެންޓަރަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކުން ދިނުން ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ޕޯޓަލް އިފްތިތާހު ކުރެވުމާއެކު ދެން ރާއްޖެއަށް ގެންނަ ކޮންމެ ބިދޭސީ މަސައްކަތްތެރިއެއް މި ޕޯޓަލްއަށް ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ބިދޭސީ މަސައްކަތްތެރިއެއް ރާއްޖެއަށް ވަޒީފާއަށް ގެނެވޭނީ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމުގެ އިތުރުން އޭނާގެ ވަޒީފާ ޕޯޓަލްގައި އިއުލާނު ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މުސްތަގުބަލުގައި މި ޕޯޓަލް ވަރުގަދަކޮށް އިތުރު އެތައް ކަމެއް ތައާރަފު ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އެގޮތުން މި ޖޮބް ސެންޓަރ ޕޯޓަލަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރާނެ ކަމަށާއި ވީޑިއޯގެ ޒަރިއްޔާއިން އިންޓަވިއު ކުރުމުގެ ހިދުމަތާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އޮންލައިން ކޮށް އެހީތެރިކަން ފޯރުކޮށްދީ ތަމްރީނު ދެވޭނެ ނިޒާމެއް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.