އިނގިރޭސި ޕްރިމިއާ ލީގު

ފުލްހަމްގެ ކޯޗަކަށް ރަނިއޭރީ ހަމަޖައްސައިފި

އިނގެރޭސި ޕްރިމިއާ ލީގުގެ ފުލްހަމް ގެ ކޯޗުގެ މަޤާމުގައި ހުރި ސްލަވީސާ ޖޮކަނޮވިޗް މަޤާމުން ވަކިކޮށް، އެޓީމުގެ ކޯޗުކަމަށް ލެސްޓާ ސިޓީއަށް ލީގު ހޯދައިދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.

އިޓަލީއަށް އުފަން މިހާރު އުމުރުން 67 އަހަރުވެފައިވާ ރަނިއޭރީ ވަނީ 2016 ވަނަ އަހަރު ދުނިޔޭގެ އެތައް ބަޔަކު ސިއްސުވާލާ ލެސްޓާ ސިޓީއަށް ޕްރިމިއާ ލީގު ހޯދައިދީފައެވެ. ފުލްހަމްގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވިއިރު އެޓީމު އޮތީ 12 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގައެވެ.

ފުލްހަމްގެ ކޯޗުކަމަށް ރަނިއޭރީ އައްޔަން ކުރުމަށްފަހު އެޓީމުގެ ޗެއާމަން ޝާހިދު ހާން ބުނެފައިވަނީ، ރަނިއޭރީ ކަހަލަ ތަޖުރިބާހުރި ކޯޗެއް ފުލްހަމް އަށް ލިބުމުން އުފާ ކުރާ ކަމަށާއި، އޭނާ ލެސްޓާއާއެކު ހޯދި ކާމިޔާބަކީ މުޅި ދުނިޔެއަށްވެސް ޤަބޫލު ކުރަން ދަތި ކާމިޔާބެއް ކަމަށާއި، ފުލްހަމްގެ ކޯޗުކަން ރަނިއޭރީ ޤަބޫލުކުރިކަމީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ.

ފުލްހަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު ރަނިއޭރީ ބުނެފައިވަނީ، ފުލްހަމް ފަދަ ވަރުގަދަ ތާރީޚެއް އޮތް ކުލަބަކާ ހަވާލުވެވުމަކީ ފަޚުރެއް ކަމަށާއި، ފުލްހަމްގެ ޓާގެޓަކަށް ވާންވާނީ ރެލިގޭޝަނުން ސަލާމަތްވުން އެކަނި ނޫން ކަމަށާއި، ވަރުގަދަ ބޮޑެތި ކުލަބުތަކަށް ކުރިމަތިލާ، އެޓީމުތައް ބަލުކުރުން ކަމަށެވެ.

ރަނިއޭރީ ވަނީ އޭނާގެ ކެރިއަރުގައި ބޮޑެތި ގިނަ ކުލަބުތައް މެނޭޖުކޮށްފައެވެ. އޭގެ ތެރޭގައި ނަޕޯލީ، ފިއޮރެންޓީނާ، ވެލެންސިއާ، އެތުލެޓިކޯ މެޑްރިޑް، ޗެލްސީ، ޔުވެންޓަސް، ރޯމާ، އިންޓަ މިލާން އަދި މޮނާކޯ ހިމެނެއެވެ.

ރަނިއޭރީ ވަނީ 2015/16 ވަނަ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ވެސް ހޯދާފައެވެ. އަދި ހަމަ އެ އަހަރު އޭނާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކޯޗުގެ މަޤާމާއި، ފީފާގެ އެންމެ މޮޅު ކޯޗުގެ މަޤާމުވެސް ހޯދާފައެވެ.

ފުލްހަމް އާއި އެކީ ރަނިއޭރީ ނިކުންނާނެ ފުރަތަމަ މެޗަކީ މި މަހުގެ 24 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސައުތުހެމްޓަން އާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.