ޚަބަރު

އަފްރާޝީމް އަވަހާރަ ކޮށްލަން ހަތަރު މިލިޔަނާއި ހަ މިލިޔަނާ ދެމެދުގެ އަދަދެއް ވަނީ ހޭދަ ކޮށްފައި

އިބްރާހިމް ޒަކީ

1

ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކޮންޓްރެކްޓަށް ހަތަރު މިލިޔަނާއި ހަ މިލިޔަނާ ދެމެދުގެ އަދަދެއް ހަރަދު ކޮށްފައިވާ ކަމަށް ރިޕޯޓުގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަފްރާޝީމު އަލީ އަވަހާރަ ކޮށްލި މައްސަލަ ބެލުމަށްފަހު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގެ މައުލޫމަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް މެންބަރުންނާ ހިއްސާ ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ރިޕޯޓުގައި ޑރ. އަފްރާޝީމު ގެ މަރާ ގުޅިގެން ފައިސާގެ ވާހަކަ ތަކެއް ހިމަނާފައިވާ ކަމަށެވެ.

"މި ރިޕޯޓުގައި ފައިސާގެ ވާހަކަ ގެނެސް ފައިވޭ، ޑރ. އަފްރާޝީމް މަރާލުމުގެ ކޮންޓްރެކްޓަށް ހަތަރު މިލިޔަނާއި ނުވަތަ ހަ މިލިޔަން ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ފާހަގަވޭ،" މަޖިިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކޮންޓްރެކްޓަށް ހަރަދު ކޮށްފައިވާ ފައިސާ ދިޔަ މަގުތައް ތަހުގީ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށާއި އެ އޮތޯރިޓީއަށް މިހާރުވެސް އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"މި ފައިސާ ގޮސްފައިވާ މަގުތައް އިތުރަށް ތަހުގީގު ކުރުގެ ބޭނުން ތެރިކަން ވަރަށް ބޮޑު، މި މަސައްކަތަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރުވެސް ހިންގޭނެ މަސައްކަތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމިޓީ ރިޕޯޓަށް ހަވާލާ ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ އަމަލީ މަސައްކަތް ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައޫފު ކަމަށެވެ.

އަދި އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރު ޖަމާއަތުން ރާވާހިންގެން ކަމަށް ރިޕޯޓިގައި ބުނެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ.