ވިލި މުއައްސަސާ ކަޕް

ވިލި މުއައްސަސާ ކަޕް: ފިރިހެނުންގެ ފުޓްސަލް މުބާރާތް ރާވައި ހިންގުމުގައި ހީވާގި ކަނބަލުންގެ ޓީމެއް!

އެހެން އަހަރުތަކުގެ މުބާރާތްތަކެކޭ އެއްގޮތަށް ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ މިއަހަރުގެ ވިލި މުއައްސަސާ ކަޕް ވެސް ފެނިގެންދަނީ ވަރަށް ވާދަވެރި މުބާރާތެއްގެ ގޮތުގައެވެ. ކޮންމެ ޓީމެއް ވެސް މުބާރާތް ފެށީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

ޓީމުތަކުގެ ވާދަވެރިކަން ބޮޑުވުމުން ގިނަ ފަހަރު މުބާރާތްތަކުގައި މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. ނަމަވެސް ވިލި މުއައްސަސާ ކަޕް މިރޭ ނިމިގެންދާ އިރު، ހުރިހާ ޓީމެއް ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. މުބާރާތުގެ ފައިނަލާ ހަމައަށް ނުދެވުމުން އެކަމާ މާޔޫސްވި ނަމަވެސް، މުބާރާތް އިންތިޒާމުކުރި ގޮތާ މެދު ޓީމުތައް ވަރަށް ހިތްހަމަޖެހެއެވެ.

މުބާރާތުގައި ވާދަކުރާ ޓީމެއްގެ އޮފިޝަލަކު ބުނި ގޮތުގައި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށް އަދި އިންތިޒާމުތައް ވެސް ވަރަށް ފުރިހަމައެވެ. އެ މުބާރާތަކީ އެންމެ އިންތިޒާމު ރަނގަޅު، އަދި ގިނަ މައްސަލަތަކެއް ނެތި ކުރިއަށްދާ މުބާރާތެއްކަން އޭނާ ފާހަގަކުރިއެވެ.

"މިފަދަ މުބާރާތެއް އިންތިޒާމުކޮށް ފުރިހަމަކާއެކު ކުރިއަށްގެންދާތީ ކްލަބު އެމްޓީސީސީއަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުން. ހާއްސަކޮށް މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވިލިމާލެ ފެރީ ޔުނިޓުގެ ބޭފުޅުން ވަރަށް ބަރާބަރު. އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތަކު އެ އެހީތެރިކަން ފޯރުކޮށްދޭ. މިހާ އޯގަނައިޒްކޮށް ކުރިއަށްދާ މުބާރާތެއްގައި އަދި ބައިވެރިއެއް ނުވެވޭ،" އޭނާ ބުންޏެވެ.

މިހާ އިންތިޒާމު ރަނގަޅު މުބާރާތެއް ނިމިގެންދާނީ އެކަމުގެ ފަހަތުގައި ޓީމެއް އޮވެގެންނެވެ. މިފަހަރު އެ ޓީމު ވަރަށް ތަފާތެވެ. ފިރިހެން ކުޅުންތެރިންނަށް ހާއްސަ މުބާރާތެއް ނަމަވެސް، މިފަހަރުގެ މުބާރާތް އިންތިޒާމުކުރާ ޓީމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ އަންހެނުންނެވެ. ހީވާގި ކަނބަލުންގެ ޓީމެކެވެ.

މިއަހަރުގެ ވިލި މުއައްސަސާ ކަޕްގެ އިންތިޒާމު ކޮމިޓީގައި ހިމެނޭ ނުވަ މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ އަންހެނުންނެވެ. މިފަހަރު އެ ކޮމިޓީގެ ޗެއާއަކީ ވެސް އަންހެނެކެވެ. ކޮމިޓީގެ ޗެއާ ކަމުގައިވީ ނަމަވެސް، ފާތިމަތު ރިޝްފާ ފެނިގެންދިޔައީ އަމަލީ ގޮތުން ކޮންމެ ކަމެއްގައި ވެސް ބައިވެރިވާ ވަރަށް ހީވާގި ކަނބަލެއްގެ ގޮތުގައެވެ.

ރިޝްފާ ވިދާޅުވި ގޮތުގައި އެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާކަން ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އަންހެނަކަށް ވުމުން އޭނާ ވަރަށް ފަހުރުވެރި ވެއެވެ. އިންތިޒާމު ކޮމިޓީގައި ގިނަ އަންހެން މެމްބަރުންތަކެއް ހިމެނުމުން އެކަމާ ވެސް ވަރަށް އުފާކުރާ ކަމަށް ރިޝްފާ ވިދާޅުވިއެވެ.

"މިއީ ކޮމިޓީގެ ކޮންމެ މެމްބަރަކަށް ވެސް ލިބޭނެ ބޮޑު އުފަލެއް. ހުރިހާ އަންހެން މެމްބަރުން ވެސް މަސައްކަތްކުރީ މި ފުރުސަތަކީ ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ދެކިގެން. ގިނަ އަދަދެއްގެ އަންހެނުންތަކެއް މިކަމުގައި ބައިވެރިކުރުވުމުން ދައްކުވައިދެނީ ޖެންޑާ އީކުއަލިޓީއަށް އިސްކަންދޭ މިންވަރު. އަޅުގަނޑުމެންނަށް ކުރިއަށްއޮތް ތަނުގައި ވެސް މިފަދަ ފުރުސަތެއް ލިބިއްޖެ ނަމަ، އުފަލާއެކު ގަބޫލުކުރާނަން. އޭގެ އިތުރުން މެމްބަރުންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ދެ މެންބަރުން ވެސް ހިމެނޭތީ އެކަމާ ވެސް ވަރަށް އުފާކުރަން،" އޭނާ ވިދާޅުވިއެވެ.

ރިޝްފާގެ އިތުރުން އަންހެން މެމްބަރުންގެ ތެރޭގައި ދެން ހިމެނެނީ ނަރީމާ އަބްދުލްޤަނީ އާއި ފުޒާލާ އަލީ އާއި އާއިޝަތު ފަރުޒާނާ އާއި މަރިޔަމް ނަހުލާ އަދި އާއިޝަތު ސަމާލީލް އެވެ. އޭގެ އިތުރުން ދެން ހިމެނޭ ތިން ފިރިހެން މެމްބަރުންގެ ތެރެއިން މިރުޒާ މުނީރާއި އިސްމާއިލް ނާޒިފް ސައީދަކީ ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުންނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މުނީރާއި ނާޒިފް މިއަހަރުގެ މުބާރާތުގައި ފެންނަނީ ވަރަށް "އެކްޓިވް"ކޮށެވެ. އެ މެމްބަރުންގެ ތެރެއިން ނާޒިފް ފިޔަވައި ދެން ހިމެނޭ މެމްބަރުންނަކީ އެމްޓީސީސީގެ މުވައްޒަފުންނެވެ. ނާޒިފްއަކީ ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން އަންނަ ޒުވާނެކެވެ.

ވިލިމާލެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:15ގައި ވިލިމާލެ ފުޓްސަލް ދަނޑުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ވިލިޖޯއްޔާއި ކްލަބު ވެމްކޯއެވެ. އެ ދެ ޓީމުގެ ތެރެއިން ވިލިޖޯލި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި ވެމްކޯ ބަލިވެފައިވަނީ ހަމައެކަނި ކްލަބު އެމްޓީސީސީއާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުންނެވެ. ދެ ޓީމަކީ ވެސް ދެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލުގައި ވާދަކުރި ދެ ޓީމެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.