ހަބޭސް ބޮޑުބެރު ގުރޫޕު

ދިވެހި ފިލްމު އެވޯޑްސްގައި ހަބޭސްގެ ހުށަހެޅުން ހަމަ ހަބޭސް!

މުހައްމަދު ޝަހީމް

1

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ފެނިގެންދިޔައީ ވަރަށް ކުލަގަދަ، ފަންނާނުންގެ އީދެއްގެ ގޮތުގައެވެ. އެވޯޑުތަކުގެ އިތުރުން ގިނަ ބައެއްގެ ލޯތައް އަމާޒުވި ހަރާކާތްތަކެއް ވެސް ފެނިގެންދިޔައެވެ. ނަލަ ހެދުންތަކުގައި ފެނިގެންދިޔަ ފަންނާނުންތަކެއް ވެސް ފެނިގެންދިޔަ މި އެވޯޑް ހަފުލާގައި ބައިވެރިވި އެންމެންގެ ލޯތައް އަމާޒުވި އެއްބަޔަކަށް ހަމަޔަގީނުންވެސް ހަބޭސް ބޮޑުބެރު ގުރޫޕްގެ ހަރަކާތް ވެގެންދާނެއެވެ.

ހަބޭސް ބޮޑުބެރު ގްރޫޕުގެ ހަރަކާތަށް އެންމެންގެ ލޯތައް އަމާޒުވީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. "ހަބޭސް" އޭ ބުނުމުން އެތަކެއް ބައެއްގެ ހިތުގައި "ފުނަ" ކެނޑި "ކުދި އަޑު" ކުޅޭނެކަން ކަށަވަރެވެ. އެހެން ނަމަވެސް މިފަހަރުގެ އެވޯޑު ހަފުލާ ބަލަން ތިބި އެންމެހާ ފަރާތްތަކުގެ ހިތުގައި ޖަހާލީ "ބުންބެރޭ" ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ދައްކަން މިއުޅެނީ ދިވެހި ފިލްމު އެވޯޑްސްގައި ހަބޭސްއިން ދައްކާލި ހުނަރުވެރި ހުށަހެޅުމުގެ ވާހަކައެވެ. ކިތަންމެ ފަހަރަކު ބެލިޔަސް ފޫހި ނުވާ ފަދަ ރީތި، ޒަމާނީ މަންޒަރުތަކެކެވެ. ބެރުތަކުން ޖަހާލާ ފޯރިގަދަ އަޑުތަކާ އެއްވަރަށް ކޮރިއޮގްރަފީ ވެސް އެހާ "ހަބޭސް"އެވެ.

ހަބޭސްގެ ހުށަހެޅުމާ ގުޅޭގޮތުން އެ ގްރޫޕުގެ ވެރިޔާ އަލީ ޝިފާގު (ހަބޭސް އައްޔަ) "ވަން"އަށް ވިދާޅުވި ގޮތުގައި މި ހުށަހެޅުމަކީ މި އެވޯޑް ނައިޓުގައި އެންމެ މޮޅު ފިލްމަކަށް ހޮވުނު "ވިޝްކާ"ގެ ޑައިރެކްޓަރު ކަމަށްވާ ރަވީ ފާރޫޤުގެ އެދުމަކަށް، ދިހަވަރަކަށް ދުވަހު ފަރިތަކުރުމަށްފަހު ހުށަހަޅައިދިން ހުށެއެޅުމެކެވެ. އަދި މިއީ އައިޓަމެއް ކަމަށް ވެސް އައްޔަ ވިދާޅުވިއެވެ.

"މިއީ ގާތްގަނޑަކަށް ދިހަވަރަކަށް ދުވަހުގެ މަސައްކަތް. ރަވީގެ ރިކުއެސްޓަކަށް ހުށަހަޅައިދިން ޖުމާގެ އައިޓަމެއް މިއީ. މި އައިޓަމްގެ ކޮރެއޯ ހަދައިދިނީވެސް ރަވީ. މިއުޒިކް މިކްސިންގ ހެދީ ހަބޭސްގެ ސުޓޫޑިއޯ އިން،" އައްޔަ ވިދާޅުވިއެވެ.

އައްޔަ އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އެތަކެއް ހަބޭސް ހަރަކާތްތަކެއް ހަބޭސްގެ ފަރާތުން ފެންނާނެއެވެ. އަދި ދެން އެންމެ އަވަހަށް ހަބޭސްގެ ސަޕޯޓަރުންނަށް ހަބޭސްގެ ހަރަކާތެއް ފެނިގެންދާނީ "އުރީދޫ ކަލަރ ރަން" އިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހަތް މެމްބަރުންނާއެކު 7 އޮގަސްޓް 2011 ވަނަ އަހަރުން ފަށައިގެން ދިވެހީންގެ ހިތްތަކުން ޖާގަ ހޯދަމުންދިޔަ ހަބޭސް ބޮޑުބެރު ގުރޫޕުގައި މިހާރު ތަފާތު އެކި ހުނަރުތަކުގެ 25 މެމްބަރުން ހިމެނެއެވެ. ހަބޭސްގެ ކުޑައިގެ ދަށުން ބޮޑުބެރު ގުރޫޕުގެ އިތުރުން މިއުޒިކީ އިތުރު ދެ ގުރޫޕެއް ވެސް މިހާރު އަންނަނީ ހިންގަމުންވެ. އެއީ ލެވިޓޭޝަން ބައި ހަބޭސް އަދި ހަބޭސް ފިއުޝަންއެވެ. ހަބޭސްގެ ސްޓޫޑިއޯއިން ވަނީ ހަތަރު ބޮޑުބެރު އަލްބަމާއި ތިން މަދަހަ އަލްބަމް ވެސް ނެރެފައެވެ.

ހަބޭސްގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.