ރައުދާ އާތިފް

ރައުދާގެ މަރުގެ ރިޕޯޓްވެސް ބަލައި ނުގަންނަ ކަމަށް އާއިލާއިން ބުނެފި

އިބްރާހިމް ޒަކީ

ބަންގްލަދޭޝްގައި މަރުވި ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ނިންމުމަށްފަހު އެކުލަވާލި ތަހުގީގު ރިޕޯޓުވެސް ގަބޫލު ނުކުރާ ކަމަށް ރައުދާ އާތިފުގެ އާއިލާއިން ބުނެފިއެވެ.

އެ ރިޕޯޓް އާއިލާއިން ގަބޫލު ނުކުރާކަމަށް ބުނެ ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައުދާގެ ކަރުގައި ހިފައި މަރާލާފައި ވާކަމުގެ ފޮރެންސިކް ހެކި މަރުކޮމިޝަނަށް ހުށަހަޅަފައިވާނެ ކަމަށާއި، ވީމާ އެ ރިޕޯޓް އާއިލާއިން ގަބޫލު ނުކުރާ ކަމަށެވެ.

ބައެއް މީޑިއާތަކުން ބުނެފައިވަނީ، ރައުދާ މަރުވީ އަމިއްލަށް ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް މިހާތަނަށް އާއްމު ވެފައެއް ނުވެއެވެ.

އެ މައްސަަލަ ތަހުގީގުކޮށް އެ މައްސަލައިގެ ފައިނަލް ރިޕޯޓް މަރު ކޮމިޝަނުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިމަހުގެ ހަތްވަނަ ދުވަހުގަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ރިޕޯޓް ވަނީ ކަމާބެހޭ މުއައްސަސާތަކަށް ފޮނުއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތަފްސީލީ ރިޕޯޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި އެޓާނީ ޖެނެރަލްގެ އޮފީހަށާއި ފުލުހުންގެ އިދާރާ އާއި ކައުންޓަ ޓެރަރިޒަމް ޔުނިޓް އަދި ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނީ 2017 އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު، އެވެ.

ރައުދާގެ ބައްޕަ ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް މަހު، ރައުދާ މަރާލީ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފައެވެ.

ރައުދާގެ މަރުގެ ރިޕޯޓްގެ އިތުރުން ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓްވެސް ބަލައި ނުގަންނަ ކަމަށް އަފްރާޝީމްގެ އާއިލާއިން ވަނީ ބުނެފައެވެ.

އެ ރިޕޯޓާ ގުޅިގެން އަފްރާޝީމުގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ "ވަން" އަށް ވިދާޅުވީ، މަރުގެ ކޮމިޝަނުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެ ރިޕޯޓު ބަލަން ވެސް ބޭނުން ނޫން ކަމަށެވެ. އަދި އެ މަރަށް މި ދުނިޔެ މަތީގައި ކުރެވިދާނެ ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މަރު ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން ކޮމިޝަނެއް ނަމަވެސް، އެ ކޮމިޝަނަށް ބަޔަކު އަތްބާނައި ނުފޫޒުތަކެއް ހުރުމެވެ. އެހެންކަމުން އެ ކޮމިޝަނަކީ އިތުބާރުކުރާ ތަނެއް ނޫން ކަމަށް ވިދާޅުވިއެވެ.