ވިލި މުއައްސަސާ ކަޕް

ވިލި މުއައްސަސާ ކަޕްގެ ފައިނަލުގެ ޖާގަތައް ވިލިޖޯއްޔާއި ކްލަބު ވެމްކޯއަށް

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ ފައިނަލުގެ ޖާގަތައް ވިލިޖޯއްޔާއި ކްލަބު ވެމްކޯ އިން ހޯދައިފިއެވެ.

ވިލިޖޯލިން ފައިނަލުގެ ޖާގައެއް ހޯދީ ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީ ބަލިކޮށްގެންނެވެ. އެ މެޗުން ވިލިޖޯލި މޮޅުވީ 7-5ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ވިލިޖޯލިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އާދަމް ނަޝްވާން ކާމިޔާބުކޮށްދިން އިރު، އަލީ އިފާޒް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒާއި ހުސައިން ސާމިލްއެވެ.

އެ މެޗުގައި ކްލަބު އެމްޓީސީސީން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އާފާގެވެ. އަދި އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނަޒީހާއި އަހްމަދު ރިޒުނީ އަދި މުހައްމަދު އަހުސަނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ވިލިޖޯލީގެ އާދަމް ނަޝްވާނެވެ.

ކްލަބު ވެމްކޯ އިން ފައިނަލުގެ ޖާގައެއް ހޯދީ ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި އެމްޑަބްލިޔުއެސްސީ ބަލިކޮށްގެންނެވެ. އެ މެޗުން ވެމްކޯ މޮޅުވީ ފަސޭހަކަމާއެކު 6-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ވެމްކޯ އިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން (މުއްކި) އެވެ. އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޖުނާހާއި އިބްރާހިމް ސަމީހު މޫސާ އަދި އަބްދުﷲ ޖުނާއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މާގަމަށް ހޮވުނީ މެޗުގައި ތިން ލަނޑު ކާމިޔާބުކުރި ވެމްކޯގެ މުއްކިއެވެ.

ފާއިތުވެދިޔަ ދެ އަހަރުވެސް އެ މުބާރާތް ބާއްވާފައިވާ އިރު، މިއީ ވިލިޖޯއްޔާއި ކްލަބު ވެމްކޯ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އެމްޓީސީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ވިލިމާލެ ހިޔާއެވެ. އަދި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

ވިލިޖޯއްޔާއި ކްލަބު ވެމްކޯ ބައްދަލުކުރާ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ. ފައިނަލަށް ދަތުރުކުރި ދެ ޓީމުގެ ތެރެއިން ވިލިޖޯލި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިވާ ޓީމެއް ނޫނެވެ. އަދި ވެމްކޯ ބަލިވެފައިވަނީ ހަމައެކަނި ކްލަބު އެމްޓީސީސީއާ ދެކޮޅަށް ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުންނެވެ. ދެ ޓީމަކީ ވެސް ދެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ސެމީން ޖާގަ ހޯދި ދެ ޓީމެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.