ޚަބަރު

އަޅުގަނޑު ދައުވާ ކާމިޔާބު ކުރާނަން: ރައީސް ޔާމީން

އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކާމިޔާބު ކުރައްވާނެ ކަމަށް އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕުރޮގްރެސިވް ކޯލިޝަނުން "ފުނޑާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ދަރުބާރުން އެމަނިކުފާނުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތުގައި ހުކުމެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހުކުމް ބަޔަކަށް ގަބޫލު ނުކުރެވިގެން، ހުކުމް ކުރަން ކުޑަތަންވެފައި ވަނިކޮށް، މައްސަލަ ބަލައި ގާޒީ ނަގައި އެއްލާލާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީނާމެދު އަދުލުވެރި ހުކުމެއް ކުރޭތޯ ޔަގީން ކުރަން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު އަލީ ޒާހިރު ގުޅަންވީ ކީއްކުރަންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި އެމަނިކުފާނަށް އަދުލުވެރި ހުކުމެއް ކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އުޅުއްވަނީ ހުކުމް ހަޖަމު ނުކެރިގެން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ދަރުބާރުން ކުރި ހުކުމް، މިހާރު ވެރިންނަށް ތިބި މީހުން ގަބޫލުކުރޭ އެއީ ރައްޔިތުން ނިންމެވި ހުކުމް ކަމަށް. އަދި އެއީ އަދުލުވެރި ހުކުމެއް ކަން. އެހެންނޫނީ ކީއްކުރަންތޯ އަދުލުވެރި ހުކުމެއް ކުރޭތޯ ބަލަން ރައީސުލްޖުމްހުރިއްޔާގެ ޗީފް އޮފް ސްޓާފް ގުޅަންވީ" ސުވާލު އުފައްދަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަރީއަތާމެދު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށްކުރާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އިންސާފުވެރި ޝަރީއަތެއްކުރާނަމަ ހުކުމެއް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މިރޭގެ ރެލީގައި ރައީސް ޔާމީނު އިތުރަށް ވިދާޅުވީ މި ގައުމުގައި ބަދަލު ހިފުމުގެ ރޫހު ދުވަހަކު ވެސް ނެތިގެން ނުދާނެ ކަމަށާއި އަބަދުވެސް ކޮންމެ ވެރިކަމެއް ނިމުމުން ވެސް އޭގެފަހުން އަންނަ ސަރުކާރުން ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތް ބަލައި ތުހުމަތު ކުރާނެ ކަމަށެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިބި ވަޒީރުންގެ ކޮރަޕްޝަންގެ މައްސަލަ، އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓުގައި 600 މިލިއަނުން ހުރިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އެ ވަޒީރުންގެ ފަތިފުށް ހޯދައި ހުކުމް ކުރުމަށް ފަހަތުން ދުވެފައި ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރުގެ ސަރުކާރުން މިކުރާ މަސައްކަތަކީ ހަސަދައިގެ ތެރެއިންކުރާ ކަމެއްނަމަ އެކަން ދޫކޮށްލުމަށް ވެސް ރައީސް ޔާމީނު ގޮވާލެއްވިއެވެ.