ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ބަލައި ނުގަންނަ ކަމަށް އަފްރާޝީމުގެ އާއިލާއިން ބުނެފިއެވެ.
އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލައެވެ. އަދި އެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ.
އެގޮތުން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަށްފަހު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރައީސް އަށް ފޮނުވުމުން، އެމަނިކުފާނު ވަނީ އެރިޕޯޓު ކަމާގުޅޭ މުއައްސަސާތަކަށް ފޮނުއްވައިފައެވެ.
އެ ރިޕޯޓު އަދި ހާމަކޮށްފައި ނުވި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރިޕޯޓުގައި އަފްރާޝީމުގެ މަރުގެ ފަހަތުގައި ތިބީ ދީނީ ގޮތުން އޭނާއާ ހިޔާލު ތަފާތުވެފައި ތިބި ބަޔަކު ކަމަށާއި އެއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް ބުރަވެފައެއް ނެތެވެ.
އެ ރިޕޯޓާ ގުޅިގެން އަފްރާޝީމުގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ "ވަން" އަށް ވިދާޅުވީ، މަރުގެ ކޮމިޝަނަކުން އަފްރާޝީމުގެ މަރު ތަހުގީގު ކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެ ރިޕޯޓު ބަލާކަށް ވެސް ބޭނުމެއް ނޫން ކަމަށެވެ. އަދި އެ މަރަށް މި ދުނިޔެ މަތީގައި ކުރެވިދާނެ ކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، މަރު ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން ކޮމިޝަނެއް ނަމަވެސް، އެ ކޮމިޝަނަށް ބަޔަކު އަތްބާނާ ނުފޫޒުތަކެއް ހުރުމެވެ. އެހެންކަމުން އެ ކޮމިޝަނަކީ އިތުބާރުކުރާ ތަނެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ކޮމިޝަންގެ ހާލަތު އެނގިއްޖެ. މަރު ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހެ ރިޕޯޓެއް އިތުރު ބައެއްގެ އަތެއް އަރައިގެން ނުވާނެ. މި ކޮމިޝަންތަކަށް ބާރު ފޯރުވާ ދެތިން އަތެއް އެބައުޅޭ. އެހެންކަމުން ސިޔާސީ ނުފޫޒުތަކެއް ހުރި ކަމަށް ގަބޫލުކުރެވޭ،" އަފްރާޝީމުގެ ބޭބެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އަފްރާޝީމުގެ މަރަކީ ސިޔާސީ ކަމެއް ކަމަށް އަދިވެސް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން އެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.
އަދި އެކަން ކުރީ އަފްރާޝީމްއާ ދީނީ ގޮތުން ހިޔާލު ތަފާތުވާ ބައެއް ކަމަށް ރިޕޯޓުގައި ބުނެފައިވާތީ، އެކަމަކީ މިގައުމުގައި އިސްލާމްދީން ނޫން ދީނެއް ބާއްވަން ބޭނުންވާ ބަޔަކު ކުރި ކަމަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ.
"ހުމާމު އަޅުގަނޑު ކައިރީގައި ކުރިން ވެސް ބުނި ހަތަރު މިލިއަން ރުފިޔާގެ ކޮންޓުރެކްޓަރަށް ކޮށްދިން ކަމެކޭ މިއީ. އޭނާއޭ ކޯރާޑިން ހަމަލާދިނީ، ދެން އޭގައި ބައިވެރިވި މީހެކޭ ވަޅިން ހަމަލާދިނީ. އޭނާއަށް މައާފު ކުރާށޭ. އެހެންވީމަ ހޯދަން ބޭނުންވާ މީހާ އެހެރީ ހޯދިފައި. ހުމާމު އިސްވެ ހުރެގެން އަފްރާޝީމަށް އެފަދަ ހަމަލާއެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ،" އަބްދުއްނާސިރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަފްރާޝީމު އަވަހާރަކޮށްލަން އޭނާއާ ދީނީ ގޮތުން ހިޔާލު ތަފާތުވާ ބަޔަކު ހަވާލުކުރީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުންދިޔަ އަޒްލިފް ރައޫފް އާއެވެ. ނަމަވެސް އެ މަރުގެ މައްސަލާގައި އަޒްލީދުގެ މައްސަލަ ފަހުން ތަހުގީގުކުރަމުން ދަނިކޮށް އޭނާ ވަނީ 2015 ވަނަ އަހަރު ފުރައިގެން ރާއްޖޭން ބޭރަށް ގޮސްފައެވެ. ފަހުން އޭނާ ސީރިއާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް، އެކަން ރަސްމީ ގޮތެއްގައި ކަށަވަރުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ކޮމިޝަންގެ ރިޕޯޓުގައި އަފްރާޝީމު އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވަނީ، އެމަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި އެދައުވާ ލިބި ކުށް ސާބިތު ނުވި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ދައުވާކުރި އޭރު އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖާވެސް އަފްރާޝީމު އަވަހާރަކޮށްލުމުގައި ބައިވެރިވުން އޮތް ކަމަށް ކޮމިޝަނުން ގަބޫލުކުރެއެވެ.