ޚަބަރު

ޝަހީބު މީޑިއާއިން ހިންގި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯސް 23 ބައިވެރިޔަކު ފުރިހަމަކޮށްފި

ޝަހީބު މީޑިއާއިން ނޫސްވެރީން ތަމްރީނުކުރުމަށް ހިންގި ނޫސްވެރިކަމުގެ އަސާސީ ތަމްރީނު ކޯސް 23 ބައިވެރިޔަކު ފުރިހަމަކޮށްފި އެވެ. މި މަހުގެ އެއްވަން ދުވަހުން ފެށިގެން އިއްޔެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ ކުލާސްތައް ކުރިޔަށް ގެންގޮސްފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގަ އެވެ.

މި ކޯސް ފުރިހަމަ ކުރި ބައިވެރީންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު އޮތީ ރޭ އަހުމަދިއްޔާގަ އެވެ. އެ ރަސްމިއްޔާތުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް އާއި ރާއްޖޭގެ ސީނިއަރު ބައެއް ނޫސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކުލާސްތައް ނަންގަވައިދެއްވާފައި ވަނީ ޝަހީބު މީޑިއާގެ ސީއީއޯ އަދި ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޝަހީބު އެވެ. އޭނާގެ އިތުރުން މުހިންމު ބައެއް މައުޟޫތަކަށް ގަޑިތައް ނަންގަވައިދެއްވާފައި ވަނީ ރާއްޖޭގެ ސީނިއަރު އެޑިޓަރުންނާއި ނޫސްވެރީންގެ ތެރެއިން، ދިވެހި ދައުލަތުން ދޭ ގައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅުންނެވެ. އެބޭފުޅުންނަކީ މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު، އިސްމާއީލް ނަސީރާއި، އަވަސް ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމާއި ވަން މީޑިއާ ގުރޫޕުގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އާއި އަދަބިއްޔާތުގެ އުސްތާޒު އަދި ކުރީގެ ނޫސްވެރިޔާ ފަރެސް މުހައްމަދު އާމިރާއި ވީމީޑިއާގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް، އަދި މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފ އަދި ވީމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) އެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރީންނަށް ހަނދާނީ ލިޔުން ދެއްވީ މި ކޯހުގައި ކިޔަވައިދެއްވި ނޫސްވެރީންނެވެ. ކޯސް ފުރިހަމަ ކުރި ބައިވެރީންގެ އިތުރުން ކޯހުގައި ކިޔަވައިދެއްވި ބޭފުޅުންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުންވެސް ރޭގެ ހަފުލާގައި އޮތެވެ. ކޯހުގައި ކިޔަވައިދެއްވި ބޭފުޅުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު އެވެ.

މި ތަމްރީނު ކޯސް ނިންމި ބައިވެރީންގެ ތެރެއިން ފުލްޓައިމްކޮށް ނޫސްވެރިކަން ކުރާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ކޯހުގައި ކިޔަވައިދެއްވި ބޭފުޅުން ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގެ ސީނިއަރު އެޑިޓަރުން ފާހަގަކުރައްވާ ގޮތުގައި ދިވެހި ނޫސްވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޝައުގުވެރިކަމާއި ލޯތްބާއެކު ނޫސްވެރިކަން ކުރާން ބޭނުންވާ މީހުން މަދުވުމާއި ކަމާ ގުޅުން ހުރި އެކަށީގެންވާ ތަމްރީނު ލިބެން ނެތުމެވެ. ރާއްޖޭގައި ކިޔަވައިދޭ ނޫސްވެރިކަމުގެ ޕްރޮގްރާމްތަކުގެ މޮޑިއުލް ތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާން ޖެހޭ ކަމަށާއި އަމަލީ މައިދާނުގައި ނޫސްވެރިކަން ތަޖުރިބާ ނުކުރާ މީހުން ނޫސްވެރިކަމުގެ ހުރިހާ ކަމެއް ކިޔައިވައިދިނުމުން އޭގެން ނިކުންނަ ނަތީޖާއިން ދިވެހި ނޫސްވެރިކަމަށް އެންމެ އެކަށީގެންވާ ހެޔޮ ފައިދާ ނުކުރާ ކަމަށް ވެސް ގިނަ އެޑިޓަރުން ގަބޫލުކުރައްވަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި، ވަކީން ހާއްސަކޮށް ނޫސްވެރިކަމުގެ އެންމެ މަގުބޫލު ތަމްރީނު ޕްރޮގްރާމްތައް ހިންގާ ގައުމުތަކުގައި ކޯސްތަކުގައި ގިނަ މައުޟޫތަކަށް ކިޔަވައިދެއްވަނީ އެ ދާއިރާތަކުން އެތައް އަހަރެއްގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުންނެވެ. އޭގެ ތެރޭގައި ނޫސްތަކުގެ ޗީފް އެޑިޓަރުންނާއި އެޑިޓަރުން އަދި ކޮރެސްޕޮންޑެންޓުން ހިމެނެ އެވެ.