ވޯލްޑް ކަޕް ކޮލިފައިން

ފިލިޕީންސް އިން އޮފްސައިޑް ގޯލެއް ޖެހި ކަމަށް ވިދާޅުވެ، މައުމޫން ސުވާލު އުފައްދަވައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކޮޅަށް ފިލިޕީންސް އިން އޮފްސައިޑް ގޯލެއް ޖެހި ކަމަށް ވިދާޅުވެ، އެ ގޯލާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުގައި ރާއްޖެ އަތުން ފިލިޕީންސް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އިނގިރޭސިވިލާތުގެ ލިވަޕޫލުގެ ވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލިޕީންސް އިން އޮފްސައިޑް ގޯލެއް ޖެހި ކަމަށެވެ. އަދި އެއީ އޮފްސައިޑް ގޯލެއްކަން އެހެން މީހުން ފާހަގަކޮށްފައިނުވާތީ އެކަމާ މެދު ވެސް މައުމޫން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިއަދުގެ މެޗުގައި ރާއްޖެ ކޮޅަށް ފިލިޕީންސް އިން ދެ ގޯލު ޖެހި ނަމަވެސް، އެތަނުން އޮފްސައިޑް ގޯލެއް ކަމަށް މައުމޫން ފާހަގަކުރައްވަނީ ކޮން ގޯލެއް ކަމެއް ނޭނގެއެވެ. ބެލެވޭގޮތުގައި އެއީ ފިލިޕީންސް އިން ފުރަތަމަ ޖެހި ގޯލެވެ. މެޗުގެ 56 ވަނަ މިނެޓުގައި ފިލިޕީންސް އިން ޖެހި އެ ގޯލަކީ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން އިއާން ރަމްސޭ ކާމިޔާބުކުރި ގޯލެކެވެ.

ފިލިޕީންސް އިން ދެ ލަނޑު ކާމިޔާބުކުރި އިރުވެސް ރާއްޖޭގެ އެއްވެސް ކުޅުންތެރިއެއް ނުވަތަ ކޯޗިން ސްޓާފަކު ވެސް އެޕީލްކޮށްފައެއް ނުވެއެވެ. ޓީވީ ކެމަރާގެ އޭންގަލް އިން ބެއްލެވުމުން، އޮފްސައިޑް ގޯލެއް ކަމަށް މައުމޫނަށް ހީފުޅުވެދާނެއެވެ.

ފިލިޕީންސް އިން ޖެހި ދެވަނަ ގޯލަކީ މެޗުގެ 68 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުގެ ސަބަބުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ފިލިޕީންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޯން ޕެޓްރިކް ސްޓްރޯސްއެވެ. އެ ގޯލުގެ ކުރިން އިއާން ރަމްސޭ އާއި ޕެޓްރިކް ރީޝެލްޓް ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ދެ ހަމަލާ ވެސް އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ސްޓްރޯސް ގޯލު ޖެހީ ލިބުނު ރީބައުސް ބޯޅައިންނެވެ.

ރާއްޖެއަށް މެޗުގައި ގޯލެއް ކާމިޔާބުކުރެވުނީ މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތު ކޮޅުގެ ތެރޭގައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ދިން ރީތި ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނާއިޒް (ދާދު) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ފިލިޕީންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެ ނަތީޖާއަށްފަހު "ގްރޫޕު އޭ"ގެ ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ހަތަރުވަނައިގައެވެ. ތިން މެޗު ކުޅެފައިވާ ޗައިނާއާއި ހަތަރު މެޗު ކުޅެފައިވާ ފިލިޕީންސް، އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.