ކުއްލި ޚަބަރު

ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުން ބަލައެއް ނުގަންނަން: އުއްތަމަ ފަނޑިޔާރު

2

ފަނޑިޔާރުކަމުން ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބަލައިނުގަތުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ނިންމަވައިފިއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

ޖޭއެސްސީން ބުނާ ގޮތުގައި، ދެބޭފުޅުން ސަސްޕެންޑު ކުރަން ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ހަތަރު ސޮފުހާގެ ބަޔާނުގައި ވިދާޅުވީ، ދުސްތޫރީ ހަމަތަކާއި އުސޫލުތަކާއި އާލަމީ މަބްދައުތައް މުގުރައި ގާނޫނުއަސާސީ އެމައްޗަށް އެކަށައެޅިގެންވާ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށް، ޖޭއެސްސީން މިހާރު އަމަލު ކުރަމުން ގެންދަނީ، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ދީފައިވާ އޮތް ދައުރާއި ބާރުތައް އެ ކޮމިޝަނުން އަދާކުރުމުގެ މައްޗަށް އެކޮމިޝަނުގެ މަސައްކަތްތައް ތަރުތީބު ކުރުމަށް ކަމަށްކަން ފަޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބައޮތް ކަމަށެވެ.

އެގޮތުން އެ ކޮމިޝަނުގެ ފަރާތުން ސުޕްރީމު ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ނެރެފައިވާ އަމުރުތަކެއްގެ ގަޟާއީ މެރިޓަށް ބަލައިގެން، އެއިން ނިންމުމެއް ނިންމުމުގައި ފަނޑިޔާރަކު ސުލޫކީ ނުވަތަ އަހުލާގީ ގޮތުން ހުއްދަ ނޫން އެއްވެސް ކަމެއް، އެއްވެސް މިންވަރަކަށް، އެއްވެސް ސިފައެއްގައި ހިންގި ކަމަށް، އެންމެ ކުޑަމިނުން ޝައްކު އުފައްދާންޖެހޭ ފަދަ ވިޔަސް ހެއްކެއް ނުވަތަ އަސާސެއް ދެއްކުމެއް ނެތި، ވުޖޫދުގައި ނުވާ ސުލޫކީ މައްސަލަތަކެއް ހިޔާލުން އުފައްދައިގެން، ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ތަހުގީގުތަކެއް ހިންގާކަމަށް ބުނެ، އެ ކޯތުގެ ބައެއް ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ސިލްސިލާ ގޮތެއްގައި ހިންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ޖޭއެސްސީން އެކަން ހިންގާފައިވަނީ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ ފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގައިގެންނެވެ.

"މި ބީދައިން ކޮމިޝަނުން އަމަލު ކުރަމުން ގެންދަނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމު އެމްބެލެންސްވެ ފުނޑުފުނޑު ވެގެންދާނެ މިސްރާބަކަށްކަން އޮތީ ސާފުކޮށް ފެންނާށެވެ،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އެމަނިކުފާނުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާދަމް ސަސްޕެންޑު ކުރަން ނިންމައި، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހެޅީ ގާނޫނުއަސާސީން ލިބިދީފައި ނެތް ބާރުތަކެއް އަމިއްލައަށް ލިބިގަނެ، ތައައްސުފީ ގޮތެއްގައި، ގާނޫނީ އަދި ދުސްތޫރީ އެއްވެސް ހަމައަކަށް ބޯލެނބުމެއް ނެތި، ގަދަބަދަވިކަމާއި ގަދަބާރުން ހިތުހުރި ގޮތެއް ހެދުމުގެ އުސޫލުންނެވެ.

ނަމަވެސް ސުޕްރީމު ކޯޓަކީ ޖޭއެސްސީގެ ދަށުން ހިނގަމުންދާ މުއައްސަސާއެއް ނޫން ކަމާއި އެއީ ކޮމިޝަނަށްވުރެ ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ދިވެހި ދައުލަތުގައި ހުރިހައި ގޮތަކުން އިސް ވެގެންވާ މުއްސަސާއެއް ކަމާއި އަދި އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަކީ އަދި އެ މަގާމުގެ މަސްއޫލިއްޔަތާއި ކޯޓު ހިންގުމުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލު ކުރުމަކީ އެ ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި އެފަދައިން ޖޭއެސްސީން ކަން ކުރުމަކީ ދުސްތޫރީ އުރުފުތަކާ މުޅިން ހިލާފު ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

"....ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިކަމަސް، އިސްވެ ދެންނެވުނު ގޮތުގެ މަތިން، ބުނި ބުނުން ބަލައިގަނެ، އެ ނިންމުމުމަށް ތަބައަވުމަކީ އަޅުގަނޑު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ހައިސިއްޔަތުން ކޮށްގެން ހުރި ގާނޫނީ ހުވަޔާ ހިލާފުވެ، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި ދިވެހި ރައްޔިތުންނަށް ޣަދަރުވެރިވެ ހިޔާނާތްތެރިވުން ކަމުގައިވާތީ، އެ ނިންމުން ބަލައިނުގަތުމަށް ނިންމައި އެވާހަކަ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.