ޚަބަރު

މެމްބަރުންނަށް ކާރު ހޯދަން ރައީސް އެދުނީ މަޝްވަރާނުކޮށް: ޓްރައިބިއުނަލް

މުހައްމަދު ޝަހީމް

1

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު، އެ ޓްރައިބިއުނަލްގެ މެންބަރުންގެ ނަމުގައި ދެއްކެވި ވާހަކަތަކަކީ މެންބަރުންނާ މަޝްވަރާކުރެވިގެން ދެެއްކެވި ވާހަކައެއް ނޫން ކަމަށް މެމްބަރުން ބުނެފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަސް މެމްބަރުން ސޮއިކުރައްވައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ޒާހިރު ވާހަކަދެއްކެވީ މެންބަރުން އެދިގެން ނުވަތަ މަޝްވަރާކުރެވިގެން ނޫން ކަމަށެވެ. އަދި މެމްބަރުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކާރެއް ނުވަތަ އެހެންވެސް އުޅަނދެއް ބޭނުންވާ ކަމުގެ ޝަކުވާއެއް އެއްވެސް މެންބަރެއްގެ ފަރާތުން ޓްރައިބިއުނަލްގެ ރައީސަށް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ދަންނަވާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ، ފިނޭންސް މިނިސްޓްރީގެ ލާފާގެ މަތިން އެ ޓްރައިބިއުނަލުގެ މުވައްޒަފުންނާއި މެމްބަރުން އެކުލަވާލާފައިވާ ތަސައްވަރާ އެއްގޮތަށް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓްރައިބިއުނަލްގެ ރައީސް ޒާހިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކެއް ކަމަށާއި އެ ވާހަކަތަކަކީ ޓްރައިބިއުނަލްގެ އެހެން މެމްބަރުން ގާނޫނީ ގޮތުން ޒިންމާ އުފުލަންޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ މައްޗަށް ވަޒީފާއާ ބެހޭ ގާނޫނުން މަތިކޮށްފައިވާ އެންމެހާ ޒިންމާތައް އަދާކުރުމުގައި ސާބިތުކަމާއެކު ތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އެ ޓްރަބިއުނަލްގެ ރައީސް މުހައްމަދު ޒާހިރު ވިދާޅުވެފައިވަނީ އެ އޮފީހުގައި ކާރެއް ނެތުމުން މެމްބަރުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން އެ ޓްރައިބިއުނަލަށް ކާރެއް ބޭނުންވާ ކަމަށެވެ.