ވޯލްޑް ކަޕް ކޮލިފައިން

މަޖިލިސް މެމްބަރުން ބެރު ހިފައިގެން، ހާފް ޓައިމްގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ސައި ހޮޓަލަށް

2

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވި ނަމަވެސް، އެ މެޗުގައި ހާއްސަ ކަންތައްތަކެއް ފެނިގެންދިޔައެވެ. ފުޓުބޯޅަ މެޗެއްގައި ސިޔާސީ ލީޑަރުންގެ ފަރާތުން ފެންނަ ފޯރިއަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ނަމަވެސް މިއަދުގެ މެޗުގައި އެބޭފުޅުންގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެނިގެންދިޔައެވެ.

ރަތް ޖާޒީގައި ރާއްޖެއަށް ސަޕޯޓުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު ހަވީރު ދަނޑަށް ވެދެފައިވާ އިރު، އޭގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި ބައެއް މަޖިލިސް މެމްބަރުން ވެސް ފެނިގެންދިޔައެވެ. މެޗު ފެށިގެން ނިމުމާ ހަމައަށް އެބޭފުޅުންގެ ފަރާތުން ވެސް ފޯރި ފެނިގެންދިޔައެވެ.

ދަނޑަށް މަޖިލިސް މެމްބަރުން ވަޑައިގެންނެވީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށެވެ. ރައީސް ނަޝީދު އެ ދައުވަތު އަރުވާފައިވަނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އިއްޔެގެ ޖަލްސާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ އެމަނިކުފާނަށް އެފްއޭއެމް އިން ހަދިޔާކުރެއްވި ގައުމީ ޓީމުގެ ޖާޒީ އާއި މެމްބަރުންނަށް ހަދިޔާކުރެއްވި ޓިކެޓުތަކާއެކުއެވެ.

މިއަދުގެ މެޗަށް ރައީސް ނަޝީދާއެކު މަޖިލިސް މެމްބަރުން ވަޑައިގެންނެވީ ބައެއް ފަހަރު މަޖިލިސް ތެރޭގައި އަޑުގަދަކުރުމަށް ބޭނުންކުރާ ދުންމާރީތަކުގެ އިތުރުން ބެރާއެކުގައެވެ. ބެރު ޖައްސަވަމުން ވަޑައިގެންނެވި މަޖިލިސް ޓީމުގެ އެންމެ ކުރީގައި ހުންނެވީ ރައީސް ނަޝީދެވެ.

މަޖިލިސް ރައީސް މެޗު ބައްލަވައިލެއްވީ އެމަނިކުފާނުގެ ގާތް އެކުވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައެވެ. މެޗު ބައްލަވައިލައްވަން ވަޑައިގެން އެކުގައި ނެންގެވި ފޯރި ވެސް ކެމެރާތަކުގެ ލެންސުތަކަށް ވަނީ އަރައިފައެވެ.

ސަޕޯޓަރުންނަށް މެޗުގެ ހާފް ޓައިމަކީ ސައި ގަޑިއެވެ. އާންމުކޮށް ކައިރީގައި ހުންނަ ހޮޓަލަކަށް ނުވަތަ ކައިރީގައި ހުންނަ ފިހާރައަކަށް ދަޅަކާއެކު ބަދަން ޕެކެޓެއް ކާން ސަޕޯޓަރުން ދާ މަންޒަރު ފެނިގެންދެއެވެ. މެޗުގެ ހާފް ޓައިމްގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް ފެނިގެންދިޔައީ އެފަދަ މަންޒަރެކެވެ. އެ ދެ ބޭފުޅުން ވަޑައިގެންނެވީ ދަނޑު ކައިރީގައި ހުންނަ ސައި ހޮޓާ، އެމްބްރޯޝިއާއަށެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ފިލިޕީންސް އިން ދެ ލަނޑު ޖަހާފައިވަނިކޮށް، މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން ރާއްޖެއަށް ފަރަގު ކުޑަކޮށްދިނީ ހަސަން ނާއިޒް (ދާދު) އެވެ.

އެ ނަތީޖާއަށްފަހު "ގްރޫޕު އޭ"ގެ ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ހަތަރުވަނައިގައެވެ. ތިން މެޗު ކުޅެފައިވާ ޗައިނާއާއި ހަތަރު މެޗު ކުޅެފައިވާ ފިލިޕީންސް، އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.