ވޯލްޑް ކަޕް ކޮލިފައިން

ފިލިޕީންސް އަތުން ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ހާސިލުކުރުމަށް ރާއްޖެއަށް އުނދަގޫތަކެއް

ވޯލްޑް ކަޕް ކޮލިފައިންގައި ފިލިޕީންސް އަތުން ބަލިވެ، އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު ހާސިލުކުރުމަށް ރާއްޖެއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖެ އަތުން ފިލިޕީންސް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ފިލިޕީންސާއި ރާއްޖެއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ބޮޑުވެފައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔައެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ ފިލިޕީންސްގެ ޑިފެންޑަރުން ދިފާއުކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ފިލިޕީންސަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕެޓްރިކް ރީޝެލްޓް ފޮނުވާލި ހަމަލާ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެ މެޗުގެ 32 ވަނަ މިނެޓުގައި ފިލިޕީންސް އިން ނެގި ކޯނަރު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން އަހްމަދު ނޫމާން (ހެލްމެޓް) އަތުގައި ޖެހުމުން ފިލިޕީންސަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ފިލިޕީންސްގެ ޕެޓްރިކް ރީޝެލްޓް ފޮނުވާލި ޕެނަލްޓީ، ވަރަށް ހުޝިޔާރުކަމާއެކު ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ނުރައްކާކުރުމުގެ ކުރިން ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ފިލިޕީންސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ފިލިޕީންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިއާން ރަމްސޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހުސްކޮށް ހުރެ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. ސެންޓޭގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ކުޅެން ނުކުތް އިރު، އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ފިލިޕީންސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ރާއްޖޭގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުގެ ސަބަބުން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން ފިލިޕީންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖޯން ޕެޓްރިކް ސްޓްރޯސްއެވެ. އެ ލަނޑުގެ ކުރިން އިއާން ރަމްސޭ އާއި ޕެޓްރިކް ރީޝެލްޓް ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ދެ ހަމަލާ ވެސް އަމާޒުވީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ސްޓްރޯސް ލަނޑު ޖެހީ ލިބުނު ރީބައުސް ބޯޅައިންނެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ރާއްޖެއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ފޭދޫ އިއްބެ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި އަހްމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާ، ފިލިޕީންސްގެ ކީޕަރު ނީލް ލިއޮނާޑް އެތެރިޖް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ތިން މިނެޓު ފަހުން ދަގަނޑޭއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި އެ ހަމަލާ ދިޔައީ ފިލިޕީންސް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މަސައްކަތްތަކަށްފަހު ރާއްޖެއަށް ލަނޑެއް ކާމިޔާބުކުރެވުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ދަގަނޑޭ ދިން ރީތި ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕިލިޕީންސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެ ނަތީޖާއަށްފަހު "ގްރޫޕު އޭ"ގެ ޕޮއިންޓް ތާވަލުގެ މަގާމުތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ހަތަރުވަނައިގައެވެ. ތިން މެޗު ކުޅެފައިވާ ޗައިނާއާއި ހަތަރު މެޗު ކުޅެފައިވާ ފިލިޕީންސް، އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޗައިނާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.