ޚަބަރު

34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 3.9 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރާ މި މަޝްރޫއުގައި ހިމެނިފައިވާ 34 ރަށުގެ ތެރެއިން ނަރުދަމާގެ ޑިޒައިން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާނީ 17 ރަށެއްގައި ކަމަށެވެ. އަދި ފެނުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ 32 ރަށެއްގައެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖައްސާފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރު ކުރުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުމާއި ޓެންޑަރިން މަރުހަލާގެ ހިދުމަތްތަކުގެ އިތުރުން ކޮންސްޓްރަކްޝަން ސުޕަވިޝަންގެ މަސައްކަތް ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެދްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ގޯތަމް މަހާވީރު ޝާހުއެވެ.

 • ފެނުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ރަށްތައް:
 • ހއ. އަތޮޅު ކެލާ އާއި ބާރަށް
 • ހދ. ވައިކަރަދޫ
 • ށ. އަތޮޅު ފުނަދޫ އާއި ޅައިމަގު
 • ނ. މަނަދޫ
 • ޅ. ކުރެންދޫ
 • ކ. އަތޮޅު ގާފަރާއި ކާށިދޫ
 • އއ. މާޅޮސް
 • އދ. ދިގުރަށް
 • ވ. އަތޮޅު ފެލިދޫ، ފުލިދޫ އަދި ތިނަދޫ
 • މ. އަތޮޅު ކޮޅުފުށި، މަޑުއްވަރި އަދި މުލި
 • ފ. އަތޮޅު ބިލެއްދޫ އާއި ދަރަނބޫދޫ
 • ދ. އަތޮޅު ބަނޑިދޫ އާއި މީދޫ،
 • ތ. ހިރިލަންދޫ
 • ލ. އަތޮޅު ގަން، އިސްދޫ، މާމެންދޫ އާއި މާބައިދޫ
 • ގއ. އަތޮޅު ދާންދޫ، ގެމަނަފުށި އަދި މާމެންދޫ
 • ގދ. އަތޮޅު މަޑަވެލި، ފަރެސްމާތޮޑާ އާއި ހޯންޑެއްދޫ
 • ނަރުދަމާގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ރަށްތައް:
 • ހދ. ވައިކަރަދޫ
 • ށ. ލައިމަގު'
 • ކ. ގާފަރު
 • އއ. ތޮއްޑޫ އާއި މާޅޮސް
 • އދ. އަތޮޅު ދަނގެތި އަދި ދިގުރަށް
 • ވ. އަތޮޅު ފެލިދޫ، ފުލިދޫ އަދި ތިނަދޫ
 • މ. މަޑުއްވަރި
 • ފ. ދަރަނބުދޫ
 • ދ. ބަނޑިދޫ
 • ތ. ހިރިލަންދޫ
 • ލ. މާބައިދޫ
 • ގދ. އަތޮޅު ފަރެސްމާތޮޑާ އާއި ހޯންޑެއްދޫ