ޚަބަރު

ޑރ އަފްރާޝީމްގެ މަރުގެ ފައިނަލް ރިޕޯޓު ކަމާބެހޭ މުއައްސަސާތަކަށް ރައީސް ފޮނުއްވައިފި

މަރުތައް ތަހުގީގުކުރަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ ރ. އުނގޫފާރު، ގުލްފާމުގޭ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓު ކަމާގުޅޭ މުއައްސަސާތަކަށް އެމަނިކުފާނު ފޮނުއްވައިފިއެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އަފްރާޝީމުގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލައެވެ. އަދި އެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ.

އެގޮތުން އަފްރާޝީމު އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށްފަހު އެމަރުގެ ފައިނަލް ރިޕޯޓް މިމަހުގެ ހަތް ވަނަ ދުވަހު ރިޔާސީ ކޮމިޝަނުން ވަނީ ރައީސަށް އަރުވައިފައެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން ހިލްމީ "ވަން" އަށް ވިދާޅުވި ގޮތުގައި، އަފްރާޝީމު އަލީ އަވަހާރަކޮށްލާފައިވާ މައްސަލައިގެ ތަހުގީގު ރިޕޯޓް ކަމާގުޅުން ހުރި މުއައްސަސާތަކާ ރައީސް ހިއްސާ ކުރެއްވި މިއަދުއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވެސް ރައީސް ވަނީ، އަފްރާޝީމުގެ މަރުގެ ފައިނަލް ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި ހަފްތާއެއްގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް ފޮނުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރިޕޯޓުގެ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. އަފްރާޝީމުގެ މަރުގެ ފައިނަލް ރިޕޯޓް ރައީސަށް ފޮނުވުމުގެ ކުރިން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ އަފްރާޝީމު އަވަހާރަކޮށްލިއިރު އޭރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ އަބްދުﷲ ރިޔާޒު ކޮމިޝަނަށް ހާޒިރުކޮށް، މައުލޫމާތު ހޯދައިފައެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެމަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެ ކޮމިޝަނަކުން ހާމައެއް ނުކުރެއެވެ.