ޚަބަރު

ކުޑަކުދިންނާ ގުޅޭ ދެ ބިލެއް މަޖިލީހުން ފާސްކޮށްފި، މި ބިލުގެ ދަށުން ކުދިންނަށް ވެކްސިން ދިނުން މަޖުބޫރު

މަރިޔަމް ޝަހުދާ

ބަލިތަކުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމް ކުރާ ގޮތަށް ކުޑަކުދިންގެ އަދުލުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ދެ ބިލުވެސް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވި 68 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ ވޯޓާއެކުއެވެ. މި ދެ ބިލުވެސް ފާސްވުމަށް ބޭނުންވަނީ 34 މެމްބަރުންގެ ވޯޓެވެ. މި ދެ ބިލުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލަކީ ސަރުކާރު ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލެކެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ކުޑަކުދިންގެ އަދުލުގެ ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމެވެ.

މި ދެ ބިލު ފާސް ކުރުމަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ދެ ބިލަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެއް ކަމަށެވެ. ނަމަވެސް އެ ބިލު ފާސްކޮށް، ބިލުގެ ބޭނުން ދިވެހި ކުޑަކުދިންނަށް ފޯރުކޮށްދެވިފައި ނުވާ ކަމަށެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުން ލާޒިމުކޮށްފައިވަނީ މިއަދު ފާސްކުރެވުނު ދެ ބިލުގެ ތެރެއިން ރޮޒެއިނާ ހުށަހެޅުއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލުންނެވެ. މި ބިލުގައި ކުޑަކުދިންނަށް ލިއްބައިދޭ އެކި ހައްގުތަކުގެ އިތުރުން، ކުށުގެ ވެށިން ހިފަހައްޓާ ކުޑަކުދިންނާ މެދު އަމަލުކުރާނެ ވަކި ގޮތެއް ކަނޑައަޅާފައިވެއެވެ.

އެގޮތުން ކުޑަކުދިން ބަލިތަކުން ސަލާމަތްވާން ޖަހަންޖެހޭ ވެކްސިކް އެކުދިންނަށް ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައި، ވެކްސިން ޖެހުމަށް ކުއްޖާގެ މައިންބަފައިން އުޒުވެރިވުމަކީ މައިންބަފައިންނަށް ލިބިފައިވާ ހައްގެއް ނޫން ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ދަރިމައިވުމުން ކުރަން ޖެހޭ ފަރުވާގެ އިތުރުން މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށާއި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއަކީ ކުއްޖާއަށް ލިބިގެންވާ ހައްގެއް ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ކުއްޖާ ވިހައިގެން އެކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީވެސް ކުއްޖާގެ ހައްގެއްގެ ގޮތުގައި މި ބިލުގައި ކަނޑައަޅާފައިވެއެވެ.

މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިމިވަނީ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ކަމުގައިވާ ގޮތަށެވެ. އަދި 15 އަހަރުން ދަށުގެ ކުއްޖެއްނަމަ ކުށުގެ މަސްއޫލިއްޔަތު ނަގަން ނުޖެހޭނެ ކަމަށް މި ބިލުގައި ވެއެވެ. މީގެ އިތުރުން މި ބިލުގެ ދަށުން ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެން ދާނެއެވެ. އަދި މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ވަނީ ލާޒިމްކޮށްފައެވެ. ސަބަބަކީ މި ބިލުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެންދާތީއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލުގައި ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ހާލަތެއްގައި އަމަލުކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ.