މުނިފޫހިފިލުވުން

ދެކުނު އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް ނަހުލާ އަށް

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ދެކުނު އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް ލިބިއްޖެ އެވެ.

ފިލްމީ ދާއިރާއިން އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނަހުލާއަށް ދީފައި ވަނީ ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސްގެ އައުޓްސްޓޭޑިން ވިމެން ލީޑަޝިޕް އެވޯޑެވެ. ކާމިޔާބު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ނަހުލާއަށް އެވޯޑް ހަވާލުކުރުން އޮތީ މިރޭ ލަންކާގެ ކޮލަމްބޯގައެވެ.

އެވޯޑް ލިބޭ ވާހަކަ ފޭސްބުކްގައި ހިއްސާކުރަމުން ނަހުލާ ބުނީ މި އެވޯޑަކީ ސަޕްރައިޒެއް ކަމަށެވެ.

ވާހަކަ ލިޔުންތެރިޔެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ ވަނީ ދިވެހި ފިލްމީ ދާއިރާގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދި މީހަކީ ވެސް ނަހުލާ އެވެ." ހުވާ" ގެ ނަމުގައި އެ ސިރީސް ވަނީ ދާދި ފަހުން ބައިސްކޯފުން ސްޓްރީމްވެސް ކުރަން ފަށާފައެވެ.

ކްރިސްޓަލް އެންޓަޓައިމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާ އަކީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް ތަފާތު ފިލްމުތަކެއް ގެނެސްދީފައިވާ ކަނބަލެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި އެއް ފިލްމަކީ 2016 ގެ "4426" އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު "ބޮސް" ގެނެސްދިން ޕްރޮޑިއުސަރުގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ސޮރީ" އެވެ. މީގެ އިތުރުން "ދަޅަ" ގެ ނަމުގައި އާ ވެބް ސީރީޒެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، "ހުވާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ސައުތު އޭޝިއަން ބިޒްނެސް އެކްސެލެންސް އެވޯޑަށް ހޮވޭ މީހުން ކަނޑައަޅަނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.