އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއަށް ރިހި މެޑަލް، ތާރީހީ ކާމިޔާބީއެއް

އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރިހި މެޑަލް ހޯދައި، ރާއްޖެއިން ތާރީހީ ކާމިޔާބީއެއް ހޯދައިފިއެވެ.

ބަންގުލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުގައި ރާއްޖެ ބަލިކޮށް، ރަން މެޑަލް ހޯދީ ނޭޕާލެވެ. ރާއްޖެއަށް ލިބުނު އެ ރިހި މެޑަލްއަކީ އަންހެން ވޮލީގެ ތާރީހުގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލްއެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގައި ރާއްޖެ އަތުން ނޭޕާލް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން 25-13 އިން ގެންދިޔަ އިރު، ދެވަނަ ސެޓު ގެންދިޔައީ 25-12 އިންނެވެ. އަދި ނޭޕާލުން ފަހު ސެޓު ގެންދިޔައީ 25-8 އިންނެވެ.

ފައިނަލް މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް ވަނީ މެޑަލް ކަށަވަރުވެފައެވެ. ލީގު ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން ވެސް ރާއްޖެ ބަލިވެފައިވަނީ ހަމައެކަނި ނޭޕާލް އަތުންނެވެ. ނޭޕާލުން އެ މުބާރާތް ކާމިޔާބުކޮށްފައި މިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ.

އެ މުބާރާތުގެ ތިންވަނަ ހޯދައި، ލޯ މެޑަލް ހޯދީ ކިރްގިސްތާނުންނެވެ. އެ ޓީމުން ލޯ މެޑަލް ހޯދީ ތިން ވަނަ އަދި ހަތަރުވަނަ ކަށަވަރުކުރުމަށް މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝް ބަލިކުރުމަށްފަހުއެވެ.