ފުރާނަދަންދެން

ފުރާނަދަންދެން - 52

2

"ނޫނޭ. ތިއީ ރަނގަޅުގޮތެއްނޫން. މިއަދު ތި ދެކުދިން އެކަކު އަނެކަކަށް ތަޢާރަފްކޮށްދެން ބައްޕަ ބޭނުން" ބުރުހާނުއްދީން ބުނެލިއެވެ.

"ބައްޕާ! ނުކެރޭނެ. އަޒްކާ އުޅުނު ގެއަކީވެސް ތިއީ. އަދި ނައިޝީ ވެސް" މާހިލް ބުނެލިއެވެ.

"ދެން ކޮބާ މައްސަލައަކީ...؟" ބުރުހާނުއްދީން އެނބުރިލާފައި ބުނެލިއެވެ.

"އަޒްކާ އާ ނާހިދް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ. އެކަން އެނގިހުރެ އަހަރެން ވަރަށް ދޭތެރެޖެއްސިން. ނައިޝީ އާ ނާހިދް ކައިވެނިކޮށްގެން އުޅޭކަން އިނގި އަޅުގަނޑު ނައިޝީއަށް ލަނޑުދިނީ. ނޭކެޑް ފޮޓޯތަކާ ވީޑިޔޯތަކާ ނަގައިގެން ބްލެކްމެލް ކޮށްގެން ނައިޝީގެ ފަރާތުން އުފާތަކެއް ހޯދިން. އަޅުގަނޑަށް ވަރަށް ނުބައި ކަންތައްތައް ކުރެވިފައި މިވަނީ... ހިތާމައަކީ އަޅުގަނޑަށް އިންތިހާދަރަޖައަށް ލޯބިވެވުނީވެސް ނާހިދްގެ އަނބިމީހާދެކެ....." މާހިލް ބުރުހާނުއްދީނަށް މުޅީން އާ ވާހަކަތަކެއް ކިޔައިދިނެވެ. ބުރުހާނުއްދީނަށް ބޮލުގައި އަތް އުނގުޅައިލެވުނެވެ. ކަންތައްތައް މިވަނީ ހީކުރި ވަރަށް ވުރެ ބޮޑަށް ގޯސްވެފައެވެ. މާހިލް ފެނިއްޖިއްޔާ ނާހިދް ކަންތައްކުރާނެ ގޮތެއްވެސް އިނގެނީއެއްނޫނެވެ.

"އެކަމަކު ބައްޕާ... ހަމަ ހެއްދެވިފަރާތް ހެކިކޮށް ހުވާ މިކުރީ. މިއަދުގެ މިހާ ހިސާބުން ފެށިގެން އަޅުގަނޑުގެ ހިތާ ސިކުނޑިން ނައިޝީގެ ހަނދާންތަކާ އެސޫރަ ނެރެލައިފިން" މާހިލް ބުނެލިއެވެ. ބުރުހާނުއްދީން މާހިލްގެ ބުރަކަށީގައި ކުޑަކޮށް ޖަހައިލުމަށްފަހު ކުރިއަށް ހިނގައިގަތްއިރު ހިތުގައި ނުތަނަވަސްކަމެއް ވިއެވެ.

ބަދިގެއިން ރަތް އާފަލެއް ހިފައިގެން ކަމުން ސިޑިން އަރައިގެންދިޔަ ނާހިދަށް ބެލްއަޅާލި އަޑު އިވިގެން ފަހަތް ބަލައިލިއެވެ. އޭނާ އަލުން ތިރިއަށް ފައިބަން އުޅުނުވަގުތު މީކާ އެދިމާލަށް ދަނިކޮށް ފެނުމުން އޭނާ މިސްރާބު ޖެހީ މައްޗަށެވެ. ވަގުތަކީ ހަވީރުގެ ވަގުތެކެވެ.

ދޮރުމަތީގައި ތިބި މާހިލް އާ ބުރުހާނުއްދީން ފެނުމުން މީކާއަށް ނޭނގުނެވެ. އޭނާ އެ ދެމީހުން ގެއަށް ވައްދާ އިށިންނަން ބުނުމަށްފަހު ސިޑިން އަރައިގެން ގޮސް އެހަބަރު އިނާޝާގެ ދެމަފިރިންނަށް ދިނެވެ. މީކާގެ ވާހަކަތަކުން އެއީ ކޮންބައެއްކަން ނޭނގޭތީ އެ ދެމަފިރިން ވަރަށް އަވަހަށް ތިރިއަށް ފޭބިއެވެ.

ފައިބައިގެން އައި މޯހަންދާސް ފެނުމުން ބުރުހާނުއްދީން ތެދުވެގެން ގޮސް ސަލާމްކުރިއެވެ. މާހިލް އާ ކުރިން ސަލާމްކުރީ މޯހަންދާސްއެވެ. އިނާޝާއަށް އިސްއުފުލާ ބަލައިލަންވެސް ބުރުހާނުއްދީނަށް ނުކެރުނެވެ. މާހިލް އިނީ ނައިޝީ ފެނިދާނެކަމަށް ފަރާތަކަށް މޫނު އަނބުރާލަންވެސް ބޭނުންނުވެފައެވެ. ސޯފާގައި ތިން ފިރިހެނުން އިށިން އިރު އިނާޝާ ހުރީ ހަށަން ބަނދެލައިގެން މޯހަންދާސް ކައިރީގައި ކޮޅަށެވެ.

"އަހަރެން މިއުޅެނީ ދިރިއުޅުން އެއްކޮށް ރާއްޖެއިން ބޭރަށް ބަދަލުކުރަން. ދުވަހަކުވެސް މިތަނަށް އެނބުރި އަންނަން ވިސްނުމެއްނެތް. އޭގެކުރިން އަހަރެން އަހަރެންގެ ދަރިފުޅާ ބައްދަލުކޮށް ވާހަކައެއް ދައްކާލަން ބޭނުން" ބުރުހާނުއްދީން ބުނެލިއެވެ.

މޯހަންދާސް މީކާއަށް ބަލައިލުމުން ސިޑިން އަރައިގެން ދިޔައެވެ.

އިރުކޮޅަކުން ނާހިދް ފައިބައިގެން އައިސް ހުއްޓުނީ މޯހަންދާސް ކުރިމަތީގައެވެ. އޭނާއަށް ބުރުހާނުއްދީން ކައިރީގައި އިން މާހިލް ފެނުނީ މާ ފަހުންނެވެ.

"މިއީ ކީއްކުރަން މިގެއަށް ވެއްދި މީހެއް؟" މާހިލްއަށް އިޝާރާތްކޮށް ނާހިދް ބުނެލިއެވެ. މާހިލް ލަދުން އިސްޖެހިއެވެ.

"ވަރަށް ބޮޑަށް ސޮރީ. ވަގުތު ފާއިތުވި ފަހުން ވިޔަސް އަހަރެންނަށް ވިސްނިއްޖެ" މާހިލް ބުނެލިއެވެ.

"ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި. އަޒްކާ މިގޭގަ ހުރިއިރު އޭނަގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިފަ. ނައިޝީ އަކީ އަހަރެންގެ ވައިފްކަން އިނގުނު ހިސާބުން ނައިޝީ މަގުފުރައްދައިފި. އަހަރެންނަށް މިހާރު ޝައްކު. ކަލޭ ލޯބިވަނީ އަހަރެންދެކެ ދޯ" ނާހިދް ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރުވެސް މާހިލް އިސްޖަހައިލައިގެން އިނެވެ. އޭނާއަކީ ކުށްވެރިއެއް ކަން އޭނާއަށް ގަބޫލުކުރެވެއެވެ.

"އެހެރީ ކަލެއަށް ކަލޭގެ ލޯބިވެރިޔާ ދީފަ. އެއީ މިހާރު އަހަރެންގެ އަންބެއްނޫން. ކަލެއަށް ކަލޭގެ ދިރިއުޅުމަށް މަރުހަބާ" ނާހިދް ބުނެލިއެވެ. ބުރުހާނުއްދީން ހީކުރިގޮތަށް ނުވިއެވެ. ނާހިދްގެ ހިތުގައި އުފެދިފައިވަނީ ފޫހިކަމެވެ. ނަފްރަތެވެ. އެ ދެކުދިން އެކައްޗަކަށް ހެދުމަކީ ފަސޭހަކަމެއް ނޫންކަން މި ފާއިތުވި ކުޑަ ވަގުތުކޮޅުގައި ބުރުހާނުއްދީނަށް އެނގިއްޖެއެވެ.

"ބައްޕަ...! ކަމަކުތަ؟" ބުރުހާނުއްދީނާ ނާހިދް ވާހަކަދެއްކީ އަދަބު އިހުތިރާމާ އެކުގައެވެ.

"ދަރިފުޅާ މިތާ އިށީނދެބަލަ" ނާހިދް ގައިގައި ކުޑަކޮށް ބައްދައިލަމުން ބުރުހާނުއްދީން ބުނެލިއެވެ. ނާހިދް ކިޔަމަންތެރިކަމާއެކު އިށީނެވެ.

"ބައްޕަ މިދަނީ ފުރަންދާން. އޭގެކުރިން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން. މާލޭގައި ބައްޕަގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކޮޅަށް ޖަހާފައި އެ ހުރި ގެއަކީ މި ގަނޑުގަ ސޮއި ކުރާ ހިސާބުން ދަރިފުޅުގެ ގެއެއް. ބައްޕަ އުމުރު ހުސްވެ މަރާ ގާތްވަމުން ދާއިރު ދުވަހަކުވެސް މި ބައްޕައަށް ދަރިފުޅަށް އެއްޗެއް ދެވިފައެއްނެތް. މިއީ ބައްޕަ ވަރަށް ލޯބިން ހިތުގެ އަޑިން ދިން ހަދިޔާއެއް. ދަރިފުޅުގެ ހިތުގައި މި ބައްޕައަށްޓަކައި ކުޑަ ނަމަވެސް ލޯތްބެއް ވާނަމަ މިތަނުގައި ސޮއިކޮށްލާ" ނާހިދް އެއްވެސް ހަރަކާތެއް ނުކުރެއެވެ. އޭގައި ސޮއިކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާ މޯހަންދާސްއަށް ބަލައިލި ވަގުތު މޯހަންދާސް ލޮލުގެ އިޝާރާތުން އެކަމަށް އިންކާރު ނުކުރުމަށް އެދުނެވެ. ނާހިދް ބުރުހާނުއްދީނަށް ބަލައިލުމަށްފަހު ގަލަމުގައި ހިފާ ހުރިހާ ގަނޑެއްގައި ސޮއިކުރިއެވެ.

"މި ގަނޑުގަ މީނީ ވަކީލުގެ ނަންބަރު. މާދަމާ ރަސްމީ ގަޑީގަ ބައްޕަގެ ވަކީލް ޝަކީލް ގުޅާނެ. އޭރުން ދެން ކުރިއަށްދާންވީ ގޮތް އޭނަ ކިޔައިދޭނެ" ބުރުހާނުއްދީން ބުނެލިއެވެ.

"ތިންމަސް ފަހުން އަޅުގަނޑު ކައިވެންޏެއް ކުރަން ގަސްދުކުރަން. އަޒްކާ އާ އަޅުގަނޑުގެ ކައިވެނި ކުރެވޭނެ. އިންޝާﷲ" މާހިލްއަށް ނަޒަރެއް ދެމުން ނާހިދް ބުނެލިއެވެ. މާހިލް އިސްއުފުލާލަމުން ނާހިދަށް ބަލައިލިއެވެ.

"ވަރަށް އުފާވާނެ ބައްޕަ ބައިވެރިވިއްޔާ" ނާހިދް ބުނެލިއެވެ.

"މާތްﷲ އިރާދަފުޅުކުރެއްވިއްޔާ ދަރިފުޅު ތި ކައިވެނި ކުރާއިރު ބައްޕަ ހުންނާނަން. ދެންދަނީ ޗެކިން ފަށާނެ އިރުކޮޅަކުން" ނާހިދްގެ ހަށިގަނޑުގައި ބައްދައިލަމުން ބުރުހާނުއްދީން ބުނެލިއެވެ.

ސިޑިން އަރައިގެން ދުވެފައި ކަހަލަ ގޮތަކަށް ދިޔަ ނާހިދަށް ބަލަހައްޓައިގެން އިނާޝާއާއި މޯހަންދާސް ތިބީ ބަސް ހުއްޓިފައެވެ. އަޒްކާއާ ކައިވެނިކުރަން ނާހިދް ނިންމައިފިކަން އެދެމަފިރިންނަށް އިނގުނީ ދާދި ދެންމެއަކު ބުރުހާނުއްދީން ކުރިމަތީގައި އޭނާ އެކަން ހާމަކުރުމުންނެވެ. އެކަކު އަނެކަކަށް ބަލައިލާފައި ދެމަފިރިން ހިނިތުންވުމެއް ބަދަލުކޮށްލިއިރު ދެމަިރިންގެ ހިތު ތެރޭގައިވެސް ދެކެވެމުން ދަނީ އެއް ވާހަކަތަކެކެވެ.

ކޮޓަރިން ތައްޔާރުވެގެން ނިކުތް އަޒްކާއަށް ކާ މޭޒު ކައިރީގައި ހުރި އަމީޒާ ގޮވައިލިއެވެ. އަޒްކާ ބަލައިލުމުން ސައި ތައްޔާރުވެފައި ހުރި ވާހަކަ ބުނެލިއެވެ. ނަމަވެސް އަޒްކާ ސައިބޯހިތެއް ނެތެވެ. މާކުރިން އޭނާ ތައްޔާރުވީވެސް ނާހިދް ބަލައި އަންނާނެ ވާހަކަ ބުނުމުންނެވެ. ގޭ ބޭރުގައި އިނދެ ނާހިދް އޭނާގެ ފޯނަށް ގުޅާތާ ކޮން އިރެއް ހެއްޔެވެ؟

އަމީޒާ އެންމެ ހައިރާންވީ އެކަމަށް އަޒްކާ އިންކާރު ކުރުމުންނެވެ. އަޒްކާއާއި އެކު އަމީޒާ ހޭދަކުރި ކުޑަ ދުވަސްކޮޅުގައި އަޒްކާގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް އޭނާ ދަސްކޮށްފިއެވެ. އެގޮތުން ހެނދުނު ސަޔަށް އަޒްކާއަށް ކަމުދަނީ ބްރައުން ބްރެޑާ ޕީނަޓް ބަޓަރ ކަން އަމީޒާއަށް އިނގޭތީ އަޒްކާ ކޮޓަރިން ނިކުންނަންވާއިރަށް މޭޒު މައްޗަށް ސައި ތައްޔާރުކޮށްލިއެވެ. ސޮސެޖް ބިސްގަނޑަކީ އަޒްކާ ވަރަށް ކަމުދާ އެއްޗެއްކަން އިނގުމުން އަމީޒާގެ ދެއަތުން ބިސްގަނޑެއްވެސް ތައްޔާރުކޮށްދިނެވެ.

"މަންމާ...! އޮފީހަށް ގޮއްސަ ސައިބޯނީ މިއަދު" ފައިވާން ހަރުގަނޑު ކައިރީގައި ހުއްޓި ބޫޓަށް އަރަމުން އަޒްކާ ބުނެލިއެވެ. އަމީޒާ ޚައިރާންވިއެވެ. އޭނާއަށް އިތުރު އެއްޗެއް ބުނުމުގެ ކުރިން އަޒްކާ ބޭރަށް ދެމިގަނެއްޖެއެވެ.

އަޒްކާ ތިރިއަށް ފައިބާނެހާއިރު ކޮށްފައި އަމީޒާ ސިޓިންގރޫމުން ނިކުމެވޭ ބެލްކަންޏަށް ނިކުމެ ތިރި ބަލައިލިއެވެ. އޭރު ނާހިދްގެ ސައިކަލް ކުރިމަތީގައި އަޒްކާ ހުއްޓެވެ. އަމީޒާއަށް ނާހިދްގެ މޫނެއް ނުފެނެއެވެ. ފެންނަން ހުރީ އަޒްކާގެ ހިނިތުންވެފައިވާ މޫނެވެ. އަޒްކާ ލޯ ކައިރިން ނާހިދް އަތްޖައްސައިލި މަންޒަރުވެސް އަމީޒާއަށް ފެނުނެވެ. ހީވާގޮތުން އަޒްކާގެ ލޯ ކައިރިން ކުނޑިކޮޅެއް ކަހަލަ އެއްޗެއް ނާހިދް ފޮޅާލައިދިނީއެވެ.

އަމީޒާއަށް ނާހިދްގެ މޫނު ސާފުކޮށް ފެނުނީ އަޒްކާ ސައިކަލް ފަހަތަށް އަރާ އިށިން ވަގުތު ދުއްވާލުމުގެ ކުރިން ނާހިދް އެނބުރި އަޒްކާއަށް ބަލައިލި ވަގުތުއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވެސް ފަނޑުވިއެވެ. އޭނާއަށް އިނގޭގޮތުން ވިއްޔާ ނާހިދަކީ މީހެއްގެ ފިރިއެކެވެ. އެހެންކަމުން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އަންހެނެއްގެ ދިރިއުޅުމުގެ ތެރެއަށް އަތްބާނަމުންދާ މަންޒަރު ބަލަން ދުރުގައި އޭނާއަށް ނުހުރެވޭނެއެވެ. އޭނާ އަޒްކާއަށް ވިސްނައިދޭނެއެވެ.

ބެލްކަނީގައި އަމީޒާ ތިރި ބަލަހައްޓައިގެން ހުރިތަން ފެނުމުން ކޮޓަރިން ނިކުތް ޙައްވަ ޚައިރާންވިއެވެ. ވެގެން އުޅޭ ކަމެއް އޮޅުންފިލުވުމުގެ ބޭނުމުގައި ޙައްވަ އަމީޒާއާ ގާތަށް ޖެހިލިއެވެ.

"މާ ވަރަކަށް ތިރިން ކޯޗެއް ތި ހޯދަނީ... އަމީ ތިކުރާ ކަންތައް ބަލަން މަންމަ ހުންނަތާ އިރުކޮޅެއްވެއްޖެެ" ޙައްވަ ތިރި ބަލައިލަމުން ބުނެލިއެވެ.

"މަންމާ! އަހަރެމެންގެ އަޒްކާ ވަރަށް ވިޔާނުދާ ކަމެއް ކުރާހެން ހީވަނީ" އަމީޒާ ބުނެލިއެވެ. ޙައްވަ އަމީޒާގެ މޫނަށް ބަލައިލިއެވެ. އެފަދަ ކަމެއް އަޒްކާ ނުކުރާނޭ ބުނުމުގެ ގޮތުން ޙައްވަ ދެ އަތަކަށް ބޯ ހޫރައިލިއެވެ.

"ސައިވެސް ނުބޮއެ މާ އަވަސް އަރުވާލައިގެން ދާން ހެދީމަ އައިސް މި ބަލައިލީ. ޑރ.ނާހިދްގެ ސައިކަލް ފަހަތުގަ ގޮއްސި. އަހަރެންނަށް ހީވަނީ ދެކުދިން ގުޅުމެއް އުފައްދައިފިހެން" އަމީޒާ ވާހަކަދެއްކިއެވެ. އެ ވާހަކައިން ޙައްވައަށް ވެސް ޚައިރާންކަމެއް ލިބުނެވެ. ނާހިދް އަޒްކާ އާ ދެމެދު ގުޅުމެއް އޮތްނަމަ އެއި ގޯހެކެވެ.

"ދަރިފުޅާ!! ބައެއްފަހަރު ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެދާނެ. މަންމައަށް ފެންނަނީ އެމަންޖެ ގެއަށް އައިމަ އަހައިގެން އޮޅުންފިލުވަން" އަމީޒާގެ ކޮނޑުގައި އަތް ބާއްވައިލަމުން ޙައްވަ ބުނެލިއެވެ.

"އަހަރެން ދުވަހަކުވެސް އަހަރެންގެ ދަރިފުޅަށް ނުބައި ޝައްކެއް ނުކުރާނަން. އަހަރެންގެ ތަރުބިއްޔަތާ ނުލައި ބޮޑުވެފައި ހުރި ކުއްޖަކަސް މަންމަ ތަރުބިއްޔަތު ކުރީމެއްނު" އަމީޒާ ވާހަކަދެއްކިއެވެ.

"އެކަހަލަ ކަންތައްތަކާ ވިސްނަން ހަދާނެކަމެއް ނެތް. ހިނގާ ދެމައިން ސައިބޯލަން. ބުނީމެއްނު ޙަމީދުގެ ރައްޓިއްސެއް މެންދުރު ކެއުމުގަ ބައިވެރިވާނޭ. ކައްކަންވެސް ތައްޔާރުކުރަން ވާނެއްނު..." ބަދިގެ އާ ދިމާލަށް ހިނގައިގަތީ އަމީޒާ އާ ޙައްވަ އެކީގައެވެ. އަދިވެސް އަމީޒާގެ ހިތުގައި ނުތަނަވަސްކަމެއް އެބަވެއެވެ.

ހެނދުނު ސަޔަށް އަޒްކާ ބޭރަށް ނިކުތީ ނާހިދް ގުޅާފައި ބުނުމުންނެވެ. އޭނާ އިންކާރު ނުކުރެއެވެ. އޭނާ މިހާރު ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު ނާހިދާ އެކީގައި ހޭދަކުރާށެވެ. ފޯނާ ދަބަހާ ހިފައިގެން ނިކުމެ ބޭރު ދޮރު ކައިރީގައި އޭނާ ހުއްޓެވެ. ނާހިދަށް ގުޅަން ފޯނު ކަންފަތުގައި ޖަހައިލި ވަގުތު ދާދި ކައިރީގައި ސައިކަލެއް އައިސް މަޑުކޮށްލިއެވެ. ބަލައިލިރު ނުލަފާ ޒާތަކަށް ހީގަނެގެން އިނީ ޝިފާނެވެ. ލޮލުގައިވާ އަވި އައިނު ނެގުމަށްފަހު ޝިފާން އަޒްކާގެ ބޮލުން ފަށައިގެން ބޮލާ ހަމައަށް ނަޒަރެއް ދިނެވެ.

"ވާއު... ބިޔުޓިފުލް....." ޝިފާން ބުނެލިއެވެ. އަޒްކާ އަޅައިވެސްނުލާ ދުރަށް ޖެހިލިއެވެ.

"ހިއެއްނުވޭ ޓެކްސީއެއް ލިބިދާނެހެން. އަހަރެންނަށް ލިފްޓެއް ދެވިދާނެ" އަޒްކާ އާ ގާތަށް ސައިކަލް ޖައްސައިލަމުން ޝިފާން ބުނެލިއެވެ.

"އަހަރެން ވާހަކައެއް އަހައިލަންތަ؟" ޝިފާންގެ ސައިކަލް މުށްގަނޑުގައި އަތުން ހިފަހައްޓާލައިލަމުން ހިނިތުންވުމަކާ އެކު އަޒްކާ އަހައިލިއެވެ.

ލިބުނު އުފަލަކުން ޝިފާން އަވަސް އަވަހަށް ބޯޖަހައިލިއެވެ.

"ތިއުޅެނީ އިންނާނެ އަންހެނެއް ނުލިބިގެންތަ؟ ނޫނީ ތި ސައިކަލް ފަހަތުގައި ބައިންދާނެ އަންހެނެއް ނުވެގެންތަ؟ ތި ސައިކަލު ފަހަތަށް އަރާ އިށިންނަ ހިތުން އަހަރެން ރޭގަ ނުވެސް ނިދަން. ހަމަ އަސްލަށް މިބުނީ... އެހެންޏާ ފަހެ.... މޮޔަވެގެންތަ ތިއުޅެނީ...؟" އަޒްކާ ރައްދުކޮށްލި މަލާމާތުގެ ބަސްތަކާއެކު ޝިފާން ހުތްވިއެވެ. ބަދަލުގައި ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅެއް ވިއެވެ. ފިރިހެނަކަށް ވީތީ ދެރަނުވާން އެއްޗެއް ބުނަން އުޅުނު ވަގުތު އޭނާގެ ސައިކަލް ކައިރީގައި އެހެން ސައިކަލެއް މަޑުކޮށްލައިފިއެވެ. ޝިފާން ބަލައިލިއިރު ނާހިދް ވެސް އިނީ ދުރަށް ބަލަހައްޓައިގެންނެވެ. އަޒްކާ ޝިފާންގެ ސައިކަލް ވަށާލާފައި ގޮސް ނާހިދްގެ ފަހަތުން އަރާ އިށީނުމަށްފަހު ނާހިދްގެ ބަނޑުގެ ދެފަރާތުން ދެއަތުން ވަށާލައިފިއެވެ. ކުރިއަށް ސައިކަލް ދުއްވާލުމުގެ ކުރިން ނާހިދު ލޮލުގައިވާ އަވި އައިނު ދެ އިނގިލިން ތިރިކޮށް ޝިފާނަށް ނަޒަރެއް ދިނެވެ. އެއްވެސް އެއްޗެއް ނުބުނެ މަލާމާތުގެ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ކުރިއަށް ދުއްވާލައިފިއެވެ.

އެއްފަރާތު ކޯތާފަތަށް އެރި އެތިފަހަރުގެ ދިލަ ނުކެނޑި އުޅެނިކޮށް އޭނާއަށް ހީވީ އަނެއްފަރާތު ކޯތާފަތަށް ހަމަ އެ ހޫނު ހަމަލާ ތަކުރާރުވި ހެންނެވެ. އޭނާއަށް ކޯތާފަތުގެ ދެފަރާތުން އަތް އުނގުޅާވެސް ލެވުނެވެ. އެތެރެ ހަށީގައި ކެކިލަތް ލޭގަނޑުގެ އަސަރު މޫނުމަތިން ފާޅުވާން ފަށައިފިއެވެ. އެގޮތަށް އޭނާ އާ މުހާތަބް ކުރުމުގެ ހައްގު އެއްވެސް އަންހެން ކުއްޖަކަށް ލިބިގެނެއް ނުވެއެވެ. ވީ އިރު އަޒްކާ އެއީ އަދި ކާކު ހެއްޔެވެ؟ އޭނާ އަޒްކާއަށް ކުޅިވަރު ދައްކާލަން ހިތުގައި އަޒުމެއް ކަނޑައެޅިއެވެ.

ރޭގަނޑު ނިދަން އުޅުނު ވަގުތު ނާހިދް އެނދަށް އަރާ ފޯނު ނެގީ އަޒްކާއަށް ގުޅާލުމަށެވެ. އޭނާ ފޯނުގެ ޕެޓާން އަޅާ ހަމަޖެހިލިތަނާ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. އެގެއަކީ މަންމަ އާ ބައްޕަ އާ މީކާ ފިޔަވައި އެހެން މީހަކު އުޅޭ ގެއަކަށް ނުވާތީ އެވަގުތު އެނާ އާ ބައްދަލުކުރަން ތިބޭނީ މައިންބަފައިން ކަން އިނގި ކަންނެތްވެފައި ވިޔަސް ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް ކުރިމަތީގައި ތިބީ މޯހަންދާސް އާއި އިނާޝާއެވެ. އޭނާ ހިނިތުންވެލަމުން އެދެމީހުން އެތެރެއަށް ވެއްދުމަށްފަހު ހަރުގައި އަޅުވާލާފައި އޮތް ޓީޝާޓް ނަގާ ބޮލުން ވައްޓައިލިއެވެ. އަދިވެސް އޭނާގެ ބުރަކަށީގައި ހުރި ބައެއް ޒަހަމްތައް އެއްކޮށް ފަސޭހަނުވެއެވެ.

"ދަރިފުޅު ބިޒީ ގަޑިއެއްތަ؟" މޯހަންދާސް އެހެން ބުނީ އެނދުމަތީގައި އޮތް ނާހިދްގެ ފޯނުގެ ރިންގުގެ އަޑު އިވުމުންނެވެ. ދެމަފިރިން އެއްކޮށް ބަލައިލިރު ފޯނަށް އަރާފައިން އަޒްކާގެ ނަމާ ފޮޓޯ ރީތިކޮށް ފެނުނެވެ. އެހެންމަވެސް އެމީހުން އެކަން ނޭނގޭކަމަށް ހެދިއެވެ.

"ނޫން. ބިޒީއެއް ނޫން. މަންމަ އާ ބައްޕަ ކަމަކުތަ؟" އެނދުގައި އިން އިނާޝާ ކައިރީގައި އިށިންނަމުން ނާހިދް އަހައިލިއެވެ.

"މާދަމާ މެންދުރުފަހު ޑިއުޓީ ދޯ އިނީ. މާދަމާ ބައްޕަގެ ޓިކެޓް ކަންތަކާ އުޅެލަންވާނެ އިނގޭ. މިހެން މިބުނީ މާދަމާ ފިހާރައަށް މުދާ ގެންނާތީ. ބައްޕަ ބިޒީވާނެ" މޯހަންދާސް ވާހަކަދެއްކިއެވެ. ނާހިދް މޯހަންދާސްއަށް ބަލައިލިއެވެ.

"ބައްޕަ ކޮންތާކަށް ފުރަނީ؟" ނާހިދް އަހައިލިއެވެ.

"ކާފަ ބަލާ އެކޮޅަށް" ޖަވާބުދިނީ އިނާޝާއެވެ.

"ކާފައަށް ކިހިނެއްވީ؟" އޭނާ ހާސްވިއެވެ. ކުއްލިގޮތަކަށް ރާއްޖެ އަންނާނީ ޔަގީނުންވެސް ބޮޑުކަމެއް ވީމަތާއެވެ.

"ދަރިފުޅުގެ ކައިވެންޏަށް މިފަހަރު ކޮންމެހެންވެސް ކާފަ އެބަ ބޭނުންވޭ އަންނަން. ހިތަށް އެރީ ތަންކޮޅެއް އަވަހަށް ގެންނަން" އިނާޝާ ވާހަކަދެއްކިއެވެ. ނާހިދް ހަނދާންވިއެވެ. ބުރުހާނުއްދީން ކައިރީގައި އޭނާއަށް އަޒްކާ އާ ކައިވެނިކުރަން އުޅޭ ވާހަކަ ބުނެވުނެވެ. އިސާހިތަކު އޭނާއަށް ހެވިއްޖެއެވެ. މަންމަ އާއި ބައްޕަ އެގޮތަށް ދުރުދުރުން ވާހަކަދެއްކުމުން ރަކިވެސް ވެއްޖެއެވެ.

"ކިހިނެއްވީ... މިހާރު ތިހެނީ؟ މިހާރު ތާރީހެއް ކަނޑައަޅައިފިންތަ؟" އިނާޝާ އަހައިލިއެވެ. މޯހަންދާސް ހިނިއައިއްސާ ބަލަން އިނެވެ.

"މަންމާ...!! ހެހެހެ... އަދި އަޒް އެއްބަހެއްނުވޭ" ނާހިދް ބުނެލިއެވެ.

"ބައްޕަ ފާހާނާއަކަށް މިދަނީ އިނގޭ. ދަރިފުޅުގެ ތި ކައިވެނީގެ އިންތިޒާރުގަ ބައްޕަވެސް މިހެރީ. ޑޯންޓް ފޮގެޓް އިނގޭ" ނާހިދްގެ އިސްތަށިގަނޑުގައި އަތް ހިނގައިލަމުން މޯހަންދާސް ބުނެލިއެވެ.

"މިދަނީ އިނގޭ އިރުކޮޅަކުން" ނިކުންނަން ދިޔަ މޯހަންދާސްއަށް އިނާޝާ ބުނެލިއެވެ.

"ކޮންކަމަކާ އަޒްކާ އެއްބަސް ނުވަނީ؟ މަންމައަށް ހާދަ ހީނުވެޔޭ؟" އިނާޝާ ބުނެލިއެވެ.

"ނޭނގެ. އަޒް ވަރަށް ފާޑެއްގެ ވާހަކައެއް ދައްކާ. ތިމަންގެ މާޒީ އިން ކޮންކަމެއްހޯ އިނގެނީ... މަންމައަށް ހީވަނީ ކޮންކަމެއްގެ ވާހަކަހެން އެދައްކަނީ...؟" ނާހިދް އަހައިލިއެވެ.

އިނާޝާއަށް ވިސްނުނެވެ. އަޒްކާ ނާހިދް ކައިރީގައި ބުނަން އެ އުޅެނީ ކޮންވާހަކައެއްކަން އޭނާއަށް އިނގުނެވެ. އަދި ބުނަން ނުކެރިގެން އުޅޭކަންވެސް އިނާޝާއަށް އިނގިއްޖެއެވެ.

"މަންމައަށް ހުރިހާ އެއްޗެއް އިނގޭ. އެކަމަކު ހުރިހާ ވާހަކައެއް ދަރިފުޅަށް ކިޔާދެވޭނީ މާދަމާ. މިހާރު މާ ލަސްވެއްޖެ. އިރުކޮޅަކުން ދަމު ނަމާދަށް މަންމަ ހޭލަންޖެހޭނެ" ނާހިދްގެ މޫނުގައި ފިރުމާލަމުން އިނާޝާ ބުނެލިއެވެ. ނާހިދް ބޯޖަހައިލިއެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަށްވުމާއެކު އަޒްކާ ހެނދުނާ ހޭލިއެވެ. ބަދިގޭގައި މެންދުރަށް ކައްކަން ތައްޔާރުކުރުމަށްފަހު އޭނާ ނިންމައިގެން ހުރީ މެންދުރު ނަމާދަށްފަހު ކުޑައިރުކޮޅަކު ނިދާލާށެވެ. ބަންދު ދުވަހަކަށްވާތީ އަމީޒާ އާއި ޙައްވަ ބަދިގެއަށް ވަނީ ތަންކޮޅެއް ލަހުންނެވެ. އޭރު މޭޒު މަތީގައި ކައްކަން ތައްޔާރުކޮށްފައި ހުރި ބައެއް އެއްޗެހި ކޮށާފައި ހުއްޓެވެ. އަމީޒާ ދެފަރާތް ބަލައިލިއިރު ބަދިގޭ ކަބަޑު ކައިރީގައި އަޒްކާ ފުރަގަހަށް ހުއްޓެވެ. ކަންފަތަށް ހެޑްސެޓް ޖަހާލާފައި ހުރިއިރު އަޒްކާ ހެމުން ދިޔަ އަޑު އަމީޒާއަށް އިވެމުން ދިޔައެވެ. އިތުރު ވާހަކައެއް ނުދެއްކިޔަސް އެކޮޅުން ދައްކާ ވާހަކަތަކަށް 'ހޫމް' ލައްވާ އަޑު އިވެމުން ދިޔައެވެ. އަމީޒާ އެތެރެއަށް ވަން ކަމެއްވެސް އަޒްކާއަށް ނޭނގޭއެވެ. އަޒްކާ ސިހުނީ މީހަކު ކިނބިއްސެއް އަޅައިލި އަޑު އިވުމުންނެވެ. އޭނާ އެނބުރި ފަހަތް ބަލައިލިއިރު ޙައްވަ ކިނބިހި އަޅަމުން ބަދިގެއަށް ވަދެގެން އަންނަނީއެވެ.

އަމީޒާ ބަލަހައްޓައިގެން ހުރުމުން އަޒްކާ ކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓާލިއެވެ. އަދި ހިނިތުންވުމެއް ދިނުމަށްފަހު ޙައްވަ އާ ދިމާލަށް ދިޔައެވެ.

"މާމަ ރޯގާ ޖެހުނީތަ؟" އަޒްކާ އަހައިލިއެވެ.

"އާނ މިއޮތީ އަހަރެއްހާ ދުވަސް ފަހުން ރޯގާ ގަނޑު ލައްވާލާފައި. ދެން މީހާ ނޮޅާލާފައި ނޫނިއްޔާ މިއެއް ނުފިލާނެ" ޙައްވަ ވާހަކަދެއްކިއެވެ.

"މަންމަދޭ ކޮޓަރިއަށް އަރާމުކޮށްލަން. ކާއެއްޗެއް ތައްޔާރުކޮށްލާފައި ގޮވާލާނަން" އަމީޒާ ބުނެލިއެވެ.

"އަޅުގަނޑު ހެނދުނުގެ ސައި ތައްޔާރުކުރިން" އަޒްކާ ބުނެލިއެވެ.

"ބަލިވިޔަސް ތަނެއްގައި އޮށޯވެގެން މަންމައަށް ނޯވެވޭނެ" ގޮނޑިއެއް ދަމާލާފައި އިށިންނަމުން ޙައްވަ ބުނެލިއެވެ.

މޭޒު ކައިރީގައި އިނދެ އަމީޒާ އާ ޙައްވަ ސައިބޮމުން ދިޔައިރު އަޒްކާ ޒިންކު ކައިރީގައި ހުއްޓެވެ. ފޯނާއި ހެޑްސެޓް އެއްފަރާތުގައި ހުރި ބަދިގޭ ކަބަޑެއްގެ މަތީގައި ބާއްވާލައިފައި އޮތެވެ. ދެއަތް ދޮވެލައިގެން އަޒްކާ ބަދިގެއިން ނިކުންނަން އުޅުނު ވަގުތު އަމީޒާ ގޮވައިލިއެވެ.

"ކޯޗެއް ތައްޔާރުކޮށްލަން މިއަދު ތިއުޅެނީ؟" އަޒްކާ އައިސް ކައިރީގައި ހުއްޓުމުން އަމީޒާ އަހައިލިއެވެ.

"ކުކުޅެއްނު. އިތުރު އެއްޗެއް ހަދަން މަންމަމެން ބޭނުންތަ؟" އަޒްކާ ބުނެލިއެވެ. ވާހަކަދައްކަން ހުރިއިރު އިރުކޮޅަކާ އަތުގައި އޮތް ފޯނަށް ބަލަމުން ދިޔައެވެ. އޭރުވެސް ނާހިދް ދިޔައީ ގުޅަމުންނެވެ. އަމީޒާއަށް އެކަން ފާހަގަވިއެވެ.

"ކޮންތާކަށް ތިދަނީ. މިތާ އިށީނދެބަލަ މަންމަ ވާހަކައެއް ދައްކަންވެގެން" އަޒްކާގެ އަތުގައި ހިފައިލަމުން އަމީޒާ ބުންޏެވެ. އަޒްކާ އިށީނދެ މޭޒުމަތީގައި ފޯނު ބޭއްވީ ލައްވާފައި އިން ކަވަރު ފެންނަގޮތަށް ބަންޑުންނެވެ.

"ކާކުތަ އެވަރަށް ދަރިފުޅަށް އެގުޅަނީ؟" އަމީޒާ އަހައިލިއެވެ.

"އެއީ...އެއީ ނާ...ނާހިދް" އަޒްކާ ބުނެލިއެވެ. އަމީޒާ ހިމޭންކަމާއެކު އަޒްކާގެ މޫނަށް ބަލަން އިނެވެ.

"ދަރިފުޅާ! މަންމައަށް އިނގޭ އަޒް ނާހިދް ދެކު ލޯބިވާކަން. އެކަމަކު ތިއީ ރަނގަޅުކަމެއްތަ؟ ދަރިފުޅު އަމިއްލައަށް ނިކަން ވިސްނާލަބަލަ" އަމީޒާ ބުނެލިއެވެ.

"މަންމާ.. ނާހިދް އާ ހަމައެކަނި ވާހަކަދައްކާކަން. އަޅުގަނޑު ލޯބިވާ ވާހަކައެއް އަދި ދުވަހަކުވެސް ނުބުނަން. އަޅުގަނޑު ނާހިދާ ގުޅެން ބޭނުން. އެކަމަކު އެއީ ނައިޝީގެ އިއްދަ ހަމަވީމަ" އަޒްކާ ވާހަކަދެއްކިއެވެ. އަމީޒާ ޚައިރާންކަމާއެކު އަޒްކާގެ މޫނަށް ބަލައިލިއެވެ. އަޒްކާ ހުރިހާ ވާހަކައެއް އަމީޒާއަށް ކިޔައިދިނެވެ. ނައިޝީގެ ވިޔާނުދާ އުޅުމުގެ ވާހަކައެވެ. ނާހިދަށް ސިއްރުން ނައިޝީ މާހިލް އާ ގުޅުމެއް އުފެއްދި ވާހަކައެވެ. ނައިޝީ ވަރިކުރި ވާހަކަ އާ ނަތާޝާގެ ކައިވެނި ޕާޓީ އޮތް ރޭ ކުރިމަތިވި ކަންތައްތަކުގެ ވާހަކައެވެ.

"ދަރިފުޅުގެ ތި ގުޅުމަށް މަންމަ ވަރަށް ރުހެން. އެކަމަކު ނާހިދް ވާންވާނީ އަޒްދެކެ ވަރަށް ލޯބިވާ މީހަކަށް. އެއީ މަޖްބޫރު މާއްދާއެއް. އަދި ތި ގުޅުން ކައިވެންޏަކާ ހަމައަށް ދިޔުމުގެ ކުރިން މަންމަ ބޭނުން ނާހިދާ ބައްދަލުކުރަން" އަމީޒާ ވާހަކަދެއްކިއެވެ. އަޒްކާއަށް ހިނިތުންވެވުނެވެ.

ތަނަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު އިނާޝާގެ ކުރިމަތީގައި އިން ނާހިދްގެ ދޫ ވެސް ބަންދުވެއްޖެއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކަންތައްތައް ވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އަޒްކާ އޭނާއަށް ސިއްރުކުރަމުން އައި ކަންތައްތައް އޭނާއަށް އިނގިއްޖެއެވެ. އިނާޝާ ކިޔައިދިނުމުގެ ކުރިންވެސް އެތައް ފަހަރަކު ނާހިދް ކައިރީގައި އެވާހަކަތައް އިނގެން ބޭނުންތޯ ސުވާލުކުރިއެވެ. ނަމަވެސް އެވާހަކަތައް ނިމުމާއެކު ނާހިދަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އަޒްކާ ކައިވެނިން ބޭރުން ބަނޑުބޮޑުވި ކަން އިނގުމާއެކު އޭނާގެ ހިތުގައި އިހުސާސްތަކެއް އުފެދިއްޖެއެވެ. އެއީ ކޮންކަހަލަ އިހުސާސްތަކެއް ކަން އޭނާއަށް ނޭނގެއެވެ. އޭނާއަށް މޫނުމަތީގައި އަތް ހިންގައިލެވުނެވެ. އަޒްކާގެ ބަނޑުން މާހިލްގެ ދަރިއެއް އުފަންވިކަން އިނގުމުން ހިތުގައި ބޮޑު ފާރުގަނޑެއް އުފެދުނު ކަހަލައެވެ. އޭނާ މަޑުމަޑުން ސިޑިން އަރައިގެން ދިޔައިރު އެ މައްސަލައިގައި އޭނާގެ ސިކުނޑި ނިންމާނެ ގޮތެއް ހުދު އޭނާއަށް ވެސް ނޭނގޭއެވެ. އިނގޭ އެއްޗަކީ އަޒްކާ އެއީ އޭނާގެ އަލަތު ލޯބިކަމެވެ.

(ނުނިމޭ)