ރިޕޯޓް

އަންޖުމްގެ ފަހު ބަސް: ބަސް އެއަންނަނީ ގަޔާދިމާއަށް! ޕްރިފެކްޓަކަށް ވާން މަދުވި ދެމާކްސް ހޯދަން ބުރަކޮށް ކިޔެވި

22

ދ. ރިނބުދުއަށް އުފަން ޝަފީގު މޫސާ އާއި ގދ. ނަޑެއްލާ އާމިނަތު އަހުމަދުގެ ހުރި ހަމަ އެކަނި ދަރިފުޅު، ފާތުމަތު އަންޖުމް ޝަފީގު (13އ) އިއްޔެރޭ ނިޔާވި ހަބަރާ އެކު މުޅި ރާއްޖެއަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. މާސިންގާ ބަހެއްގެ ދަށުވެ، ހަޔާތުގެ ބޮޑު ބައި ކުރިމަތީގައި އޮތް އެންމެ 13 އަހަރުގެ ކުއްޖަކު ދުނިޔެއާ އަލްވަދާއުކީ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. މަންމަގެ ލޮލު ކުރިމަތީގަ އެވެ. އެހެނަސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފަޅި ސިކުންތެއް ވެސް ނުލިބި އެވެ.

އެކްސިޑެންޓުވި ގޮތުގެ ވާހަކަ އެކި ގޮތްގޮތަށް ދައްކާ އިރު، އަސްލު އެކަން ވީގޮތް އެއްވެސް ބަޔަކަށް ސާފެއް ނުވެ އެވެ. އެހެންވެ އެކަން ހިނގި ގޮތާ މެދު މި ހާދިސާގައި ހަނިގޮތަކަށް ސަލާމަތްވި، އަންޖުމްގެ މަންމަގެ ބަހެއް އެނގެން ގިނަ ބަޔަކު ބޭނުންވި އެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު ލޮލުކުރިމަތީގައި ނިޔާވުމުން ލިބުނު ކުއްލި ހިތާމައިގައި އިއްޔެ ރެޔާއި އިއްޔެގެ ބޮޑުބައެއް ދިޔަ އިރު ވެސް، އަންޖުމްގެ މަންމައަށް ރަނގަޅަށް ވާހަކަ ދެއްކޭ ވަރެއް ނުވެ އެވެ.

އަދިވެސް އެމަންމަގެ ލޮލުން ކަރުނައެއް ނުހިކެ އެވެ. ފެންފޮދެއް ފިޔަވައި އެހެން އެއްޗެއް އަރުތެރެޔަކަށް ނުދެ އެވެ. އިރުއިރުކޮޅުން ގިސްލެވެ އެވެ. ރޮއިގަނެވެ އެވެ. އެކަމަކު އެހާލަތުގައި އަންޖުމްގެ މަންމަ ވަނީ ވަރަށް ގާތް މީހުންނަށް ކަން ހިނގި ގޮތް ހިއްސާކޮށްފަ އެވެ.

އަންޖުމްގެ މަންމަ ކިޔައިދިން ގޮތުގައި، އިއްޔެ ނޫން ކުރީ ދުވަހުގެރޭ ހުޅުމާލެއަށް ދިޔައީ ދަރިފުޅު ގޮވައިގެން ދުއްވައިލުމަށެވެ. އެކަމަކު ހުޅުމާލެއަށް ދެވުމުން އާއިލީ ގެޔަކަށް ގޮސް، އެގޭގައި ވަގުތު ހޭދަކުރި އެވެ. އެކްސިޑެންޓު ހިނގީ އެނބުރި މާލެޔަށް އައުމަށް ޓަކައި ހައިވޭއަށް އެރި ވަގުތު އެވެ. ހުޅުމާލެއަށް ދިޔައީ ރޭގަނޑު ނުވައެއް ޖަހާ ބޮޑުވި ފަހުންނެވެ. އެރޭ ބޭރަށް ނުދާން ވަރަށް ބޮޑަށް ބުނިން ކަމަށާއި އެކަމަކު އަންޖުމް ބޭނުންވީ ކޮންމެހެން ވެސް ބުރެއް ޖަހަން ދާން ކަމަށާއި ހެލްމެޓް ހިފައިގެން އައީ ވެސް އަންޖުމް އަމިއްލައަށް ކަމަށް އަންޖުމްގެ މަންމަ ކިޔައިދީފައިވެ އެވެ.

"ހައިވޭއަށް ލަނބާލި ވަގުތު އެއީ. ބަސްވެސް ހަމަ އެވަގުތު ހައިވޭއަށް އެރީ. އަންޖުމް ބުނި ބަސް އެއަންނަނީ މިކޮޅަށޭ. މާގިނަ ވަގުތެއް ނުލިބޭ. ސައިކަލުގައި ބަހުގެ އަރިމަތިން ޖެހިފަ އަންޖުމް ވެއްޓުނީ ބަހާ ކައިރިޔަށް. އަހަރެން ވެއްޓުނީ އެޔަށްވުރެ ކުރިޔަށް. އެވަގުތު ބަހުގެ ފުރޮޅުން އަރާފަ ހެލްމެޓުވެސް ފަޅައިގެން ދިޔައީ. ބަސް ދިޔައީ ދަރިފުުގެ ގައިމަތިން. އެހެން ނޫން ނަމަ މާބޮޑު އަނިޔާއެއް ނުލިބި އެކުއްޖާވެސް ސަލާމަތް ވީސް." އަންޖުމްގެ މަންމަ އެވާހަކަތައް ހިއްސާކުރި ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.

"އަޅުގަނޑުގެ ދަރިފުޅު ކުލާހުގައި އިންނާނީ އަންޖުމްއާ ޖެހިގެން. އެދެކުދީން ވަރަށް ގާތްވާނެ. އަންޖުމް ނިޔާވި ހަބަރާ އެކު އަޅުގަނޑުގެ ދަރިފުޅުވެސް އަބަދު ހުންނަނީ ރޮވިފަ. އިރުއިރުކޮޅުން އަންޖުމްގެ ކޮންމެވެސް ވާހަކައެއް ދައްކާފަ ބާރަށް ރޮއިގަނޭ. އެ ކުލާހުން ގުރުއާން ޕޫލުގައި ހިމެނެނީ ވެސް އެދެކުދީން. އަންޖުމްގެ މޫނު ބަލަން ދިޔަ ދުވަހު ވެސް ދަރިފުޅުގެ ގައިގައި ބައްދައިގަނެގެން އެތައް އިރަކު އަންޖުމްގެ މަންމަ ރުއި. ދަރިފުޅާ ވަރަށް ބަަލައިގެން އުޅެއްޗޭ. އަންޖުމް އެދިޔައީއޭ. އަންޖުމް ދެން އެނބުރި ނާންނެއޭ ވެސް އަޅުގަނޑުގެ ދަރިފުޅު ކައިރީ އަންޖުމްގެ މަންމަ ބުނި."

އަންޖުމްގެ މަންމަ މަސައްކަތް ކުރަނީ އައިޖީއެމްޗައި މަސައްކަތު މީހެއްގެ ގޮތުގަ އެވެ. އެ މަންމަގެ ހުރިހާ ވަގުތެއް ހުސްކުރީ ހުރި ހަމައެކަނި ދަރިފުޅަށް ޓަކަ އެވެ. އެ ދަރިފުޅަކީ އަޚުލާގު ރަނގަޅު މޮޅު ކުއްޖަކަށް ހެދުމަށެވެ. ވަޒީފާގައި ބުރަކޮށް އުޅެމުން ވެސް ސްކޫލުގެ ހުރިހާ ކަމަކަށް އަމިއްލައަށް ހާޒިރުވެ އެވެ. ސްކޫލު ގަޑިޔަށާއި އެނޫން ގަޑިތަކަށް އަންޖުމް ސްކޫލަށް ގެންގޮސް ބަލައިގޮސް ހުރިހާ ކަމެއް ވެސް ކުރަނީ އަމިއްލަ އަށެވެ.

އަންޖުމް ހާފިޒަކަށް ހެދުމުގެ ހުވަފެނުގެ ބޮޑު ބައެއް އޮތީ ހަގީގަތަކަށް ހަދައިފަ އެވެ. އިސްލާމީ މަރުކަޒުގައި ކުރިޔަށްދާ ހިފުޒު ކުލާހަށް އަންޖުމް ގެންދެ އެވެ. އަންޖުމް ނިޔާވި އިރު އެ ކުއްޖާ ވަނީ ޤުރުއާނުގެ ބޮޑުބައެއް ހިތުދަސްކޮށްފަ އެވެ. މުރާޖައާ ކުރުމުގެ މަސައްކަތް ދިޔައީ ކުރިޔަށެވެ.

އަންޖުމް އަކީ ޖަމާލުއްދީންގެ ހުރިހާ ބެލެނިވެރީންނާއި އެހެން ދަރިވަރުން އަދި މުދައްރިސުން ލޯބިވާ، ކިޔަމަންތެރި އަހުލާގު ރަނގަޅު ދަރިވަރެކެވެ. ދުނިޔޭގައި ހުރި ނަމަ، ޖަމާލުއްދީން ސްކޫލުގައި އިއްޔެ ބާއްވަން އޮތް ގުރުއާން ޕޫލުގެ ކިޔެވުމުގައި އަންޖުމް ވެސް ކިޔަވާނެ އެވެ. އަންޖުމް ނިޔާވި ކުއްލި ހާދިސާއާ ގުޅިގެން ޖަމާލުއްދީނުން ވަނީ އިއްޔެ ބާއްވަން އޮތް ގުރުއާން ޕޫލުގެ ހަރަކާތްތައް ކެންސަލުކޮށްފަ އެވެ. ގުރުއާން ޕޫލުގެ އެތައް ދަރިވަރުންނަކަށް ވެސް ވަނީ މި ހާދިސާގެ ނޭދެވޭ އަސަރުކޮށްފަ އެވެ.

އިއްޔެ ކުރިޔަށް ދިޔަ އަންޖުމްގެ ޖަނާޒާގެ ތެރެއިން ޖަމާލުއްދީން ސްކޫލުގެ މެނޭޖްމެންޓާއި މުދައްރިސުން އަދި ބެލެނިވެރީންގެ ފުށުން ވެސް ފެނުނީ ނަމޫނާ އެކެވެ. އެ ސްކޫލުގެ ޓީޗަރުން އަދި ޕްރިންސިޕަލް އާއި ބެލެނިވެރީން މުޅި ދުވަސް ހޭދަކުރީ ޖަނާޒާގެ ކަންކަމުގެ ތެރޭގަ އާއި އެ ވަގުތު އަންޖުމްގެ އާއިލާއަށް ބޭނުންވި ލޯތްބާއި އަޅައިލުން ދިނުމުގަ އެވެ. އެއީ ފުރިހަމަ ނަމޫނާއެކެވެ.

އަންޖުމްގެ އެންމެ ގާތް އަދި ކުލާހުގައި އަންޖުމްއާ ޖެހިގެން އިންނަ ކްލާސްމޭޓުގެ ފުށުން އެނގުނު ގޮތުގައި، އަންޖުމްގެ އެންމެ ބޮޑު އުއްމީދަކީ ޑޮކްޓަރަކަށް ވުމެވެ. އެއީ އަންޖުމްގެ މަންމަ އަންޖުމް ކާމިޔާބު މީހަކަށް ހެދުމަށް، އައިޖީއެމްއެޗްގެ މަސައްކަތު މީހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ވަމުން އަންނަ ބޮޑު ގުރުބާނީ އާއި ކުރާ ބުރަ މަސައްކަތް ފެންނާތީ ކަމަށް ވެދާނެ ކަމަށް އަންޖުމްގެ ކްލާސްމޭޓް ގަބޫލު ކުރެ އެވެ. އެހެންވެ ސައިންސް މާއްދާގެ ނަތީޖާ ބެލުމަށް އަންޖުމް ދިޔައީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ. އަދި މިދިޔަ އަހަރު ސްކޫލުގެ ޕްރިފެކްޓުން ހޮވި އިރު، އަދަދަށް މާކްސް ހަމަނުވެ އެންމެ ދެ މާކްސް މަދުވެގެން ޕްރިފެކްޓަކަށް ނުވެވުމުން އަންޖުމް ހުރީ ވަރަށް ދެރަވެފައި ކަމަށާއި މި އަހަރު ފެށުނީއްސުރެ ކިޔަވަމުން އައީ އަދަދަށް މާކްސް ހަމަކޮށްގެން ޕްރިފެކްޓް ބެޖުވެސް ހާސިލުކުރަން ބޭނުން ވެގެން ކަމަށް އަންޖުމްގެ ކްލާސްމޭޓް ބުންޏެވެ.

"އަންޖުމް ސްޓަޑީޑް ވެރީ ހާޑް ދިސް އިޔަރ. އަންޖުމް އަބަދުވެސް ދައްކާނީ މަންމަ ޕްރައުޑް ކޮށްދޭން ޑޮކްޓަރަކަށް ވާން ބޭނުންވާ ވާހަކަ. އެހެންވެ ސައިންސްގެ ނަތީޖާ ބަލަން ވަރަށް އެކްސައިޓް ވެފަ ހުރީ. އެންމެ ފަހުން ސްކޫލަށް ދިޔަ ދުވަހުވެސް އެވާހަކަ ދެއްކި. މި އަހަރު ޕްރިފެކްޓަކަށް ނުވީ އެންމެ ދެ މާކްސް މަދުވެގެން. އެހެންވެ މި ފަހަރު މާކްސް ހަމަކުރަން ޝީ ސްޓަޑީޑް ހާޑް. އައި ވިޝް ސްކޫލް ގިވްސް ހަރ އެން އޮނަރަރީ ޕްރިފެކްޓް ބެޖް." ކުލާހުގައި އަންޖުމްގެ އެންމެ ގާތް އެކުވެރިޔާ އޭނާގެ އިހުސާސް ތައް ކިޔައިދިނެވެ.

އަންޖުމްގެ އެންމެ އާދަޔާ ހިލާފު އެއް ކަމަކަށް އަންޖުމްގެ ކުލާސްމޭޓް ކިޔައިދިނީ މި އަހަރު ފެށުނީއްސުރެ ކުލާހުގެ އެހެން ހުރިހާ ކުދީންނަށް އަންޖުމް ދޭ ސޭންޑްވިޗެއްގެ ވާހަކަ އެވެ. އެއީ ތަފާތު ވާހަކައެކެވެ. ހިތްހެޔޮ ކަމުގެ މިސާލެކެވެ.

"ވީގޮތަކީ މިއަހަރު ސްކޫލު ފެށުނުތަނާ އެއްދުވަހަކު އަންޖުމް ސްކޫލަށް ގެނައި ދެ ސޭންޑްވިޗުން އެއް ސޭންޑްވިޗު ކުދިން ކެއީ. އެ މީރުކަމުން އެވާހަކަ ދެއްކީމަ ދެން އަންޖުމް ހަދާ ގޮތަކީ ކޮންމެ ދުވަހަކު ވެސް ދެ ސޭންޑްވިޗު ގެނެސްފަ އެއް ސޭންޑްވިޗު ދެނީ ކުލާސް ކުދިންނަށް. ހަދާގޮތަކީ އެއް ސޭންޑްވިޗު އަންޖުމް ކާލާފަ އަނެއް ސޭންޑްވިޗް ދެނީ އެހެން ދެކުއްޖަކަށް. ކޮންމެ ދުވަހަކު ވެސް ބަހާ ސޭންޑްވިޗު ދެކުއްޖަކަށް ލިބޭނެ، ރޮޓޭޓްވަމުން ދާނީ. މި އަހަރު އެއްކޮށް ދަނީ އެހެން." އަންޖުމްގެ ކުލާސްމޭޓް ކިޔައިދިނެވެ.

އަންޖުމްގެ ބައްޕަ، ޝަފީގުގެ ދިރިއުޅުން ރިނބުދޫން ތުލުސްދޫއަށް ބަދަލުކުރީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އެވެ. ސުނާމީގައި ރިނބުދޫއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެ ބުރުގައި ރިނބުދޫން 250 މީހުން ތުލުސްދޫއަށް ބަދަލުވި އެވެ. ތުލުސްދޫއަށް ބަދަލުވި މީހުންނަށް އެރަށުން ގެދޮރު ލިބުމުން އެގޭގެއަށް ބަދަލުދީ، ނަން ކިޔާފައި ވަނީ ރިނބުދޫގައި ހުރި ގޭގޭގެ ނަމުންނެވެ. އަންޖުމްގެ ބައްޕަ އަށް ތުލުސްދޫން ލިބުނު ގެޔަށް "ބޮނަސޭރާ" ކީ ވެސް އެހެންވެ އެވެ. ރިނބުދޫގައި ހުރި ޝަފީގުގެ ގޭގެ ނަމަކީ "ބޮނަސޭރާ" އެވެ. ޝަފީގަކީ މިޒާޖުގައި މަޖާ ގޮތެއް ހުންނަ ހިތްހެޔޮ މީހެއް ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ. ޝަފީގުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ ރިސޯޓުތަކުގަ އެވެ. މިހާރު އުޅެނީ މާލޭގައި އަމިއްލަ ބައެއްގެ ކައިރީގަ އެވެ.

ދަރިފުޅުގެ ކުއްލި މަރާއެކު، ޝަފީގު ވެސް ހުރީ ޝޮކުގަ އެވެ. ޖަނާޒާގެ ކަންކަން ކުރިޔަށް ދިޔައިރު، އަންޖުމް ފެނުމުން ޝަފީގުގެ މުޅި ހަށިގަނޑު ރޫރޫލަމުންދިޔަ އެވެ. ގިސްލާފައި ބާރު ބާރަށް އަޑުނަގައި ރޮމުން ދިޔަ އެވެ.

އަންޖުމްގެ މަންމައަށް ކުރީން ލިބުނު ދަރިފުޅު ފުރާވަރުގައި މަރުވި ކަމަށް މީޑިއާތަކުގައި ފަތުރާފައިވާ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ. އަންޖުމް ލިބުނީ ދަރިޔަކަށް އެދި ޝަފީގާއި އާމިނަތު އެތައް އަހަރެއް ވާންދެން ދުއާކޮށް މެދުނުކެނޑި ކުރި ފަރުވާތަކަށްފަހު އެވެ. އެހެން ކަމުން އެކުއްޖާ ބަލަހައްޓަމުން އައީ ވެސް އެހާމެ ފަރުވާތެރިކަމާ އެކުގަ އެވެ.

އަންޖުމް ލިބުމުގެ ކުރީން އަންޖުމްގެ މަންމަ ބަލިވެ އިނެވެ. އެހެން ނަމަވެސް އެކުއްޖާ ބައިގެން ދިޔައީ އެވެ. އެޔަށް ފަހު މީގެ ތިން އަހަރެއްހާ ދުވަސް ކުރީން ވެސް އަންޖުމްގެ މަންމަ ބަލިވެ އިނެވެ. އެކުއްޖާ ވެސް ބައިގެން ދިޔައީ އެވެ. ބަނޑަށް އަށެއްކަ މަހުގަ އެވެ. އެހެން ކަމުން އަންޖުމްގެ ކުރީން އާމިނަތުއަށް ދަރިޔަކު ލިބި އެދަރިފުޅު ފުރާވަރުގައި މަރުވި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫނެވެ.

"އަންޖުމްގެ މަންމަގެ ހުންނާނީ މި ދަރިފުޅު އެކަނި. އެއީ އެދެމަފިރީންގެ މުޅި ދުނިޔެ. އަންޖުމް ލޮލުކުރިމަތީން ވަކިވެސް ނުކޮށް ގެންގުޅޭނީ. އަޅުގަނޑު ވަރަށް ގިނައިން އެގެޔަށް ގޮސް އުޅެން. އާމިނަތުގެ ބޮޑު ކުއްޖެއް ހުރި ވާހަކައެއީ ހަގީގަތެއް ނޫން" އިއްޔެ ޖަނާޒާގެ ކަންކަމުގައި އުޅުނު އަންޖުމްގެ ބައްޕަގެ ބޮޑުބޭބެ، ރިނބުދޫ އިބުރާހީމް މުއާޒު ކިޔައިދިނެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި ބަހުގައި 14 ވަރަކަށް ދަތުރުވެރީން ތިބި އިރު އެފަދަ އެކްސިޑެންޓެއް ހިނގިކަން އެއްވެސް ބަޔަކަށް ނޭނގެ އެވެ. ޑްރައިވަރަށް ވެސް އަދި ކޮންޑަކްޓަރަށް ވެސް އެކަމެއް ނޭނގެ އެވެ. އެހެން އެވީ ބަހުގެ އަރިމަތީން ޖެހިގެން ސައިކަލު ވެއްޓުމުން ކަމަށް ބައެއް މީހުން ލަފާ ކުރެ އެވެ. ކުރިމަތީން ދަތުރުކުރާ އެއްޗެއްގައި ޖެހޭ ނަމަ ޑްރައިވަރަށް ފެންނާނެ ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ބަހުގެ ދަށަށް އެވަރު ކުއްޖެއް ވަނަސް، އެ އިހުސާސް ދުއްވަން އިންނަ މީހަކަށް ނުވަތަ އޭގައި ތިބޭ ޕަސެންޖަރުންނަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް މީހުން ބުނެ އެވެ.

"ކުޑަ ކުޑަ ކުއްޖަކު މަރާލަން ބަސް ދުއްވަން އިންނަ މީހަކު ވެސް ގަސްދުގައެއް ނުޖައްސާނެ ދެއްތޯ. ކުރިމަތީން ޖެހުނު ނަމަ އަދި އެހެން ދިމާއަކުން ވެސް ބާރަށް ޖެހުނު ނަމަ އެނގޭނެ އަދި ޖެހުނުތަން ބޮޑުކޮށް އެނގެން ވެސް ހުންނާނެ. ބެލެވެނީ ސައިޑަކުން ޖެހުނީމަ ބެލެންސް ކަޓައިގެން ވިއްސައިގެން ގޮސް ދަށަށް ވަނީކަމަށް." އިއްޔެ ސަހަރާގައި ހުރި ކާރު ޑްރައިވަރަކު ބުންޏެވެ.

ކޮންމެއަކަސް އަންޖުމް މި ދުނިޔެއާ ވަކިވެގެން އެ ދިޔައީ އެތައް ބަޔަކު ރޮއްވާފަ އެވެ. އާއިލާ އާއި ކުލާސް ކުދީންނާއި ސްކޫލުގެ ބެލެނިވެރީންނާއި ދަރިވަރުން އަދި ޓީޗަރުންނެވެ. ތައުލީމީ ހަޔާތުގައި ކުރަމުން އައީ ފޮނި އުއްމީދު ތަކެކެވެ. ދައްކަމުން އައީ ފުރިހަމަ ނަމޫނާ އެކެވެ.

އަޅުގަނޑުމެންގެ ދުއާއަކީ އަންޖުމްގެ ފުރާނައަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރެއްވުމެވެ. އަންޖުމްގެ މަންމައާއި ބައްޕަ އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.