ބޮލީވުޑް

ފިލްމު ތަލައިވީ އަށް ކަންގްނާ ތަމަޅަ ދަސްކުރަނީ

ޓަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖައިލަލީތާގެ ބައޯޕިކް "ތަލައިވީ" ކުޅުމަށް ކަންގްނާ ތަމަޅަ ދަސްކުރަން ފަށައިފިއެވެ.

ކަންގްނާ ބުނީ ތަމަޅަ ދަސްކުރަން ވަރަށް އުނދަގޫ ކަމަށާއި ހަމައެކަނި ދަސްކުރަނީ ސްކްރިޕްޓްގައި ހުރި އޭނާ ކިޔަން ޖެހޭ ބައިތައް އެކަނި ކަމަށެވެ.

"ތަމަޅަ ދަސްކުރަން ވަރަށް އުނދަގޫ. މި ފިލްމު ރިލީސްވާނީ ހިންދީ އަދި ތަމަޅަ ބަހުން، އެހެންވެ އެޔަށް ހައްލު ހޯދަން ޖެހޭ. ކުރިން މަސައްކަތް ކުރީ ތަމަޅަ ބަސް އެކީގައި ދަސްކުރަން، އެކަމަކު އެކަން އުނދަގޫކަމުން ސްކްރިޕްޓްގަ ހުރި ބައިތައް އެކަނި މިހާރު މި ދަސްކުރަނީ،" ބުދަ ދުވަހު މުމްބާއީގައި ބިއުޓީ ސެލޫނެއް ހުޅުވައިދިނުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކަންގަނާ ބުންޏެވެ.

ފިލްމު ތަލައިވީގެ ޝޫޓިން ކަންގްނާ ފެށީ މިމަހު 10ގައެވެ. އޭނާގެ ޓީމު މެންބަރުން ވަނީ އެމީހުންގެ މީސް މީޑިއާގައި ފިލްމުގެ ޝޫޓިން ފެށި ދުވަހުގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އާ ޖާނީއެއް ފެށުނީ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެވެއެވެ.

ތަމަޅަ ދަސްކުރުމުގެ އިތުރުން ކަންގްނާ ވަނީ ބާރަތުނާތިއަމް ކުލާސްތަކަށް ވެސް ދާން ފަށާފައެވެ. ބާރަތުނާތިއަމަކީ އިންޑިއަން ޓްރެޑިޝަނަލް ނެށުމެކެވެ.

ގިނަ ބަސްތަކަކުން ތަލައިވީ ރިލީސްކުރަން ހަމަ ޖެހިފައިވާއިރު ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.