ވިލި މުއައްސަސާ ކަޕް

ކްލަބު ވެމްކޯ އާއި ކްލަބު އެމްޓީސީސީ ސެމީއަށް

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގެ "ގްރޫޕު ބީ" އިން ސެމީ ފައިނަލުގެ ޖާގަތައް ކްލަބު ވެމްކޯ އާއި ކްލަބު އެމްޓީސީސީން ހޯދައިފިއެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބު އެމްޓީސީސީން ވަނީ 2-1ގެ ނަތީޖާއަކުން ކްލަބު ވެމްކޯ ބަލިކޮށްފައެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސީނިއާ ސުޕަވައިޒަރު މުހައްމަދު ފައިސަލްއެވެ.

އެ މެޗުގައި ކްލަބު އެމްޓީސީސީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އާފާގާއި މުހައްމަދު ސަމޫހުއެވެ. އަދި ކްލަބު ވެމްކޯ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން (މުއްކި) އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބު އެމްޓީސީސީގެ މުހައްމަދު ސަމޫހުއެވެ.

"ގްރޫޕު ބީ"ގައި ރޭ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ 2017ގެ ޗެމްޕިއަން މޯލްޑިވް ގޭހާއި ސްޓެލްކޯއެވެ. އެ މެޗު 10-6ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓެލްކޯއެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފްގެ މޭޖާ އަހްމަދު ޝިޔާމެވެ.

އެ މެޗުގައި ސްޓެލްކޯ އިން ޖެހި ދިހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަޔާޒެވެ. ސްޓެލްކޯގެ އިސްމާއިލް ނަސީމާއި ސުއައިދު ސައީދު އަދި އަލީ މާއިސް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެ މެޗުގައި މޯލްޑިވް ގޭހުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު އަހްމަދު ރަޝީދު (އައްމަޑޭ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ހުޝާމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަތަރު ލަނޑު ކާމިޔާބުކުރީ ސްޓެލްކޯގެ އަޔާޒް އަހްމަދެވެ.

ރޭގެ މެޗުތަކާއެކު ގްރޫޕު ސްޓޭޖުގެ މެޗުތައް ވަނީ ނިމިފައެވެ. "ގްރޫޕު ބީ" އިން ސެމީގެ ޖާގަތައް ހޯދި ކްލަބު ވެމްކޯ އާއި ކްލަބު އެމްޓީސީސީ، އެއިން ކޮންމެ ޓީމަކުން ހަ ޕޮއިންޓް ހޯދާފައިވެއެވެ. ވެމްކޯ އިން ގްރޫޕުގެ އެއްވަނަ ހޯދީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގައި ދެން ހިމެނޭ މޯލްޑިވް ގޭހާއި ސްޓެލްކޯ، އެއިން ކޮންމެ ޓީމަކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ރޭ 8:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ "ގްރޫޕު އޭ"ގެ އެއްވަނަ ވިލިޖޯއްޔާއި "ގްރޫޕު ބީ"ގެ ދެވަނަ ކްލަބު އެމްޓީސީސީއެވެ. އަދި މާދަމާ ރޭ 9:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ "ގްރޫޕު ބީ"ގެ އެއްވަނަ ކްލަބު ވެމްކޯ އާއި "ގްރޫޕު އޭ"ގެ ދެވަނަ އެމްޑަބްލިޔުއެސްސީއެވެ. ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.