ވިލި މުއައްސަސާ ކަޕް

އެމްއާރުސީސީ ބަލިކޮށް، އެމްޑަބްލިޔުއެސްސީ ސެމީއަށް

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލެ ފެރީ ޔުނިޓް ގުޅިގެން ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ވިލި މުއައްސަސާ ކަޕްގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ބަލިކޮށް، މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ.

ވިލިމާލެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ ފަހު މެޗުގައި އެމްއާރުސީސީ އަތުން އެމްޑަބްލިޔުއެސްސީ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗު ޝަރަފުވެރިކޮށްދެއްވީ މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރު ބިދަބިން ބޮޑުބެރު ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިމްއެވެ.

އެ މެޗުގައި އެމްޑަބްލިޔުއެސްސީގެ ހުސައިން ހަބީބާއި މުހައްމަދު ދައިސަމް އަބްދުﷲ، އެއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މޫސާ ނަޖާހުއެވެ. އެމްއާރުސީސީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްޑަބްލިޔުއެސްސީގެ ހަސަން ތާއިފްއެވެ.

ރޭގެ މެޗުތަކާއެކު ގްރޫޕު ސްޓޭޖުގެ މެޗުތައް ވަނީ ނިމިފައެވެ. "ގްރޫޕު އޭ"ގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ހަތް ޕޮއިންޓް ހޯދާފައިވާ ވިލިޖޯލިއެވެ. ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހަ ޕޮއިންޓް ހޯދާފައިވާ އެމްޑަބްލިޔުއެސްސީއެވެ. އެ ގްރޫޕުގައި ދެން ހިމެނޭ އެމްއާރުސީސީއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ވިލިމާލެ ޕޮލިހަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މާދަމާ ރޭ 8:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ "ގްރޫޕު އޭ"ގެ އެއްވަނަ ވިލިޖޯއްޔާއި "ގްރޫޕު ބީ"ގެ ދެވަނަ ކްލަބު އެމްޓީސީސީއެވެ. އަދި މާދަމާ ރޭ 9:00ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ "ގްރޫޕު ބީ"ގެ އެއްވަނަ ކްލަބު ވެމްކޯ އާއި "ގްރޫޕު އޭ"ގެ ދެވަނަ އެމްޑަބްލިޔުއެސްސީއެވެ. ސެމީގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލް މެޗަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ވިލިމާލޭގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ފޯރިގަދަ އެ ފުޓްސަލް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލެ ހިޔާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ. އެޓީމުން މުބާރާތުގައި ބައިވެރިވެފައިނުވަނީ ވިލިމާލެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމާ ގުޅިގެންނެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ 5،000 ރުފިޔާއެވެ. އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ ދެ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. އެ މުބާރާތުގެ ސަޕޯޓިން ޕާޓްނަރަކީ ގާޑަން ބްރީޒެވެ. އެންޓަޓެއިންމަންޓް ޕާޓްނަރަކީ ބިދަބިންއެވެ. އޮފިޝަލް އިވެންޓްސް ޕާޓްނަރަކީ ސައިޓް އެންޑް ސައުންޑްސްއެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ. މުބާރާތުގެ ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ އެމްވީއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ވީ މީޑިއާއެވެ.