ސިޔާސީ

ޕީޕީއެމް ޕީއެންސީގެ އޮޑިއަކީ މި ޖީލުގެ ކަޅުއޮށްފުންމި: އަދުރޭ

އާނިފާ ހުސެއިން ސިރާޖް

ޕީޕީއެމް ޕީއެންސީގެ އޮޑިއަކީ މި ޖީލުގެ ކަޅުއޮށްފުންމި ކަމަށާއި މި އޮޑިއަށް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އަރަންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް" މި ޝިޔާރުގެ ދަށުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ މެމްބަރުން ޕާޓީއަށް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖެ މިހާރު މި އޮތީ ދީނީ ގޮތުން ކުރިއަށްވުރެ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ގައުމުގެ ދިފާއުގައި ނިކުންނަން ވެއްޖެކަމަށެވެ.

އުތީމު މުހައްމަދު ތަކުރުފާނާއި އޭނާގެ ބައިވެރިން ރާއްޖެއާއި އިސްލާމުދިނުގެ ދިފާއުގައި ކުރެއްވި ދަތުރަށް އަލިއަޅުއްވާލައްވައި އަދުރޭ ވިދާޅުވީ އެ މަސައްކަތައް އެންމެ ބޮޑަށް ހުރަސްއެޅުއްވި ފަރާތަކީ މީދޫ ތަކުރުފާނާއި އޭނާގެ ދަރިފުޅު ކަމަށެވެ. އެގޮތުން މިއަދުވެސް ހަމަ އެގޮތަށް މަސައްކަތް ކުރާ ފާރާތްތައް އެބަ ތިބި ކަމަށާއި ސިޔާސީ ހުރިހާ ލީޑަރުންނަކީ ގައުމުގެ ހައްގުގައި މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ސިޔާސީ ކޮންމެ ބޭފުޅަކީ މިނިވަންކަމަށްޓަކައި ގުރުބާންވެ ވަދައިގަންނަވާނެ ބޭފުޅެއްވެސް ނޫން. ސިޔާސީ ހުރިހާ ބޭފުޅުންނަކީ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރަންވެސް އުޅޭނެ ބައެއް ނޫން. އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ސިޔާސީ ލީޑަރުން އެބައުޅޭ. މިހާރު މިއޮތީ ކޮންމެ ދިވެހި ރައްޔިތަކު ގައުމުގެ ދިފާއުގައި ނިކުންނަންވެފަ. ނިކުމެވަޑައިގެން އަރަން އޮތް އޮޑިއަކީ ހަމައެކަނި ޕީޕީއެމް ޕީއެންސީގެ އޮޑީ. އެއީ މިޖީލުގެ ކަޅުއޮށްފުންމި." އަދުރޭ ވިދާޅުވިއެވެ.

މިއަހަރަކީ ކުރިން ނުކުރާވަރަށް އިސްލާމްދީނަށް ފުރައްސާރަކުރި އަހަރެއް ކަަމަށް މިދިޔަ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށާއި އިސްލާމްދީނަށް ފުރައްސަރަކުރާ ބޭފުޅުން ސްޕްރީމް ކޯޓުގެ ބެންޗުގައި ތިބޭތަން ފެނުމަކީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.

މިހާރު މި ގައުމަށްޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ޕީއެންސިއާ ގުޅިވަޑައިގަތުން ކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ "ޕީއެންސީއަކީ އެއްވެސް ހާލެއްގައި ވަރުވަލިވެގެން ބިރުން ފަހަތަށް ޖެހޭނެ ބައެއް ނޫން. ވަރަށް ކެރިގެން ނިކުމެ މިތިބީ. އެއްްލާ ގާގަނޑަކަށް ގާގާނޑެއް އެއްލާ!" ގޮތައް ކަމަށެވެ.

އެ ޕާޓިއަށް މެންބަރުން އިތުރުކުރުމަށް ރޭ އެ ޕާޓީގެ އޮފީހުގައި ބެއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ކުރިން މި ހަރަކާތް ނުބޭއްވީ މެންބަރުން ނުވާތީ ނޫން ކަމަށާއި 800 އެއްހާ ބޭފުޅުން ހަމައެކަނި މިރޭވެސް ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެެވެ.

ޕީޕީއެމްއާ ވާދަކުރެވޭނެ އިތުރު ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވި އެވެ.