ވޯލްޑް ކަޕް ކޮލިފައިން

ދިވެހިންގެ އުންމީދުތައް ބޮޑު، ނުކުންނާނީ ވަރުގަދަ ފިލިޕީންސް ޓީމު ބަލިކުރަން: ސެގަޓް

ރާއްޖެއިން ހޯދާ ރަނގަޅު ނަތީޖާތަކާއެކު ދިވެހިންގެ އުންމީދުތައް ވަރަށް ބޮޑުވެފައިވާ ކަމަށާއި ފިލިޕީންސްއަކީ ވަރުގަދަ ޓީމެއް ނަމަވެސް، މެޗަށް ނުކުންނާނީ ދިވެހިންނަށް މޮޅެއް ހޯދައިދޭން ކަމަށް ރާއްޖޭގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ހަވީރު ފިލިޕީންސްއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ސެގަޓް ބުނީ ދިވެހިންގެ އުންމީދުތައް ބޮޑުވެގެން ދިއުމާއެކު ކުރިމަތިވާ ޕްރެޝަރަކީ ރަނގަޅު ކަމެއް ކަމަށާއި ޓީމުން ބޭނުންވަނީ ސަޕޯޓަރުންނަށް ރަނގަޅު ނަތީޖާއެއް ނެރެދެން ކަމަށެވެ.

"ޒުވާން ކުޅުންތެރިންތަކަކާއެކު ނަތީޖާ ނެރެން އަހަރެން ހަވާލުވީ. ކުޅުމުގެ ސްޓައިލާ އެއްޗެހި ބަދަލުކުރަން ވެސް އެދުނު. އެކަމަކު އަހަރެމެން ޒުވާން ކުޅުންތެރިންނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިން. އަހަރެމެން ސާފް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބާއި ވޯލްޑް ކަޕް ކޮލިފައިންގައި ހޯދި ރަނގަޅު ނަތީޖާއާއެކު ހުރިހާ އެންމެން ވެސް މިހާރު ވަރަށް ބޮޑެތި އުންމީދުތަކެއް ކުރޭ. ޕްރެޝަރު އޮތީ އަހަރެންނަށް. އެއީ ރަނގަޅު ކަމެއް. އަހަރެން ބޭނުންވަނީ ސަޕޯޓަރުންނަށް ރަނގަޅު ނަތީޖާއެއް ނެރެދޭން. އަހަރެމެން އެހެން މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެ، އޭޝިއަން ކަޕަށް ކޮލިފައިވުމަށް މަސައްކަތްކުރާނީ. އަހަރެމެންގެ އަމާޒަކީ އެއީ،" އޭނާ ބުންޏެވެ.

ކޯޗު ބުނީ ފިލިޕީންސް މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެކަމަކު ކޮލިފައިންގެ އެންމެ މުހިންމު މެޗަކަށް ވާނީ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗު ކަމަށެވެ. އަދި ބޮޑެތި މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިންމުކަން ވެސް އޭނާ ފާހަގަކުރިއެވެ.

"މިއީ ވަރަށް މުހިންމު މެޗެއް. އެކަމަކު ޑިސައިޑިން ގޭމަށް ވާނީ އެންމެ ފަހުން ކުޅޭ މެޗު. ފިލިޕީންސް މިވަގުތު އޮތީ އަހަރެމެންނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދާފައި. މި މެޗުގައި އަހަރެމެންނަށް ޕޮއިންޓެއް ވެސް ރަނގަޅު. އެކަމަކު އަހަރެމެން ކުޅޭނީ މޮޅެއް ހޯދަން. ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އަހަރެމެން ފިލިޕީންސްއާ ދެކޮޅަށް ތިން މެޗު ކުޅުނިން. ގިނަ ފަހަރު އަހަރެމެން ބަލިވީ. ދިހަ އަހަރަށްފަހު ފިލިޕީންސް އަތުން މޮޅުވުމުގެ ފުރުސަތު މި ލިބުނީ،" އޭނާ ބުންޏެވެ.

ގައުމީ ކޯޗު އިތުރަށް ބުނީ ކޮންމެ ފަހަރަކު ވެސް ފިލިޕީންސް ފެންނަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި އެޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި ރާއްޖޭގެ ޓީމުގައި ވެސް މެޗުގައި ބޭނުންކުރެވޭނެ ގިނަ ކުޅުންތެރިންތަކެއް ތިބިކަން ކޯޗު ފާހަގަކުރިއެވެ.

ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗު ފެށޭނީ މާދަމާ ހަވީރު 4:00ގައެވެ.