ޚަބަރު

ބަސް އެއްޗެއްގައި ޖެހި އެކްސިޑެންޓުވީކަން ޑްރައިވަރު އަދި ކޮންޑަކްޓަރަކަށް ވެސް ނޭނގެ: އެމްޓީސީސީ

1

ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދުގައި ރޭ ހިނގި އެކްސިޑެންޓުގައި ސައިކަލެއްގެ ފަހަތުގައި އިން 13 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެފައިވާ އިރު، އެއްވެސް އެއްޗެއްގައި ބަސް ޖެހުނުކަން ބަސް ދުއްވަން އިން ޑްރައިވަރަށް ވެސް އަދި ކޮންޑަކްޓަރަށް ވެސް އެނގިފައި ނުވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓުވީ އެމްޓީސީސީގެ ބަހުން ސައިކަލުގެ ފަހަތުގައި ޖެހިގެންނެވެ. ބަސް ދިޔައީ އެކުއްޖާގެ ގައިމަތީން ދުއްވާފައި ކަމަށާއި އެކުއްޖާގެ ސިކުނޑި އޮތީ ނިކުމެފައި ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ. އެކްސިޑެންޓު ވުމުން މަޑުނުކޮށް ބަސް ދިޔައީ ކަމަށާއި ފުލުހުން އެ ބަސް ހުއްޓުވީ ހައިވޭގެ ޔޫޓާން ނަގަން އޮންނަ ހިސާބުން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މި އެކްސިޑެންޓާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެމުންދާ އިރު، މަރުވެފައިވާ އާއިޝަތު އަންޖުމް ޝަފީގުގެ މޫނުދެއްކުން މިއަދު ހެނދުނު ހުޅުމާލޭ ވަގުތީ މިސްކިތުގައި އޮތެވެ. މޫނު ބަލަން ދިޔަ ބައެއް މީހުން ބުނި ގޮތުގައި ކުއްޖާގެ ހަށިގަނޑު މަތީން އެވަރު ބޮޑު ބަހެއް ދުއްވާފައި ދިޔަ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ބޯ ބެންޑޭޖުކޮށް ބަނދެފައި އޮތް އިރުވެސް އެއް ފަރާތުން ލޭގެ އަސަރު ފެންނަން ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެކްސިޑެންޓު ވެފައި ވަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް ރޭ ވަނީ ސޯޝައަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ އަންޖުމް ވެއްޓިފައި އޮންނަ އިރު، ކައިރީގައި މަންމަ އައިމިނަތު އަހުމަދު އޮންނަ ތަނެވެ. އަންޖުމްގެ ބޮލުގައި އޮތް ހެލެމްޓު އޭރު ފެންނާކަށް ނޯވެ އެވެ.

މި އެކްސިޑެންޓު ވީގޮތާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަތައް ފެތުރިފައިވާ އިރު، ބަސް ދުއްވަން އިން ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި ބަސްވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، އެވަރު ބޮޑު އެކްސިޑެންޓެއް ހިނގައިފި ނަމަ، ބަހަށް ވެސް އެނގުންވާނެ ކަމަށާއި ބަހުގައި އެ ވަގުތު 14 ޕަސެންޖަރުން ތިބި އިރު އެމީހުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އެމީހުން ވެސް ބަސް ހުއްޓުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މީގެ އިތުރުން އެއްޗެއް ވިއްސައިގެންދާ ވަރަށް ޖެހިއްޖެ ނަމަ، ވެހިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެސް ވެފައި ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެފަދަ އެއްވެސް ގެއްލުމެއް ބަހުގެ ބޭރު ފުށުން ފެންނަން ނެތް ކަމަށެވެ.

"ބަހުގައި ކޫރުމެއްގެ ހިސާބުވެސް ނެތް. އަދި ބަހުގައި ތިބި އެއްވެސް ބަޔަކަށް އެކްސިޑެންޓެއް ވިކަން ފާހަގަވެފައެއް ވެސް ނެތް. ފުލުހުން އެދަނީ މައްސަލައިގައި ފުރިހަމަ ފޮރެންސިކް ތަހުގީގެއް ކުރަމުން. އޭރުން އަސްލު އެނގޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ." ވަން އަށް މައުލޫމާތު ދެއްވި އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ހާދިސާއަކީ އިންތިހާއަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މަރުހޫމާއަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރާ ކަމަށާއި އާއިލާގެ ހިތާމައިގައި ވެސް އެމްޓީސީސީން ބައިވެރިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ޖަމާލުއްދީންގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި، އަންޖުމް ނިޔާވުމާ ގުޅިގެން އެ އާއިލާ މި ވަގުތު ވަނީ ފުން ހިތާމައެއްގަ އެވެ.

ބަހުން ސައިކަލުގައި ޖެހި، މަޑު ނުކޮށް ދިޔަ ނަމަ އެއީވެސް ސީރިއަސް މައްސަލަ އެކެވެ. އަދި އެކަން ފުރިހަމަޔަށް ބެލި ތަހުގީގު ކުރެވެން ޖެހޭނެ އެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާއިން ރޭ ބުނެފައި ވަނީ އެކްސިޑެންޓުވީ އެމްޓީސީސީގެ ބަހާއި ސައިކަލު ޖެހިގެން ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.