ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ޑިރެކްޓަރު ސަސްޕެންޑު ކުރި މައްސަލަ؛ ޑީޖޭއޭ އަށް އެކަން އެގޮތަކަށް ނުކުރެވޭނެ: އުއްތަމަ ފަނޑިޔާރު

މަރިޔަމް ޝަހުދާ

ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހީމް އިއްޔެ ޑީޖޭއޭ އިން ސަސްޕެންޑު ކުރި މައްސަލައިގައި ޑީޖޭއޭ އަށް އެކަން އެގޮތަކަށް ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު އާންމު ކުރި ބަޔާނެއްގައެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމު ކުރި މި ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓުގެ މުވައްޒަފުންނާއި މެދު އިސްލާހީ ފިޔަވަޅު އެޅުމުގެ އަސާސީ ޒިންމާއަކީ އެ މުވައްޒަފެއް ވަޒީފާ އަދާކުރާ ކޯޓު ނުވަތަ އިދާރާގެ ޒިންމާއެއްކަން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ހަމަ މި ގަވައިދުގެ 209 ވަނަ މާއްދާގައި ގަވައިދުން ކަނޑައަޅާ އިޖުރާއަތަކީ އެ ކޯޓަކުން ނުވަތަ އިދާރާއަކުން ފިޔަވަޅު އެޅުމަށް ފަހު، އެކަމާ ބެހޭ ލިޔުން ޑީޖޭއޭ އަށް ފޮނުވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ގަވައިދުގައިވާ ގޮތުން ނަމަ މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް، ޝަރުއީ އިދާރާގެ މުވައްޒަފުންގެ ގަވައިދާ ހިލާފު ވުމުގެ މައްސަލައެއް ނުވަތަ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއްގެ މައްސަލަ ޑީޖޭއޭއަށް ބެލޭނީ އެ މައްސަލައެއް ފުރަތަމަ އެ މުވައްޒަފެއް ވަޒީފާ ކުރާ ކޯޓު ނުވަތަ އިދާރާއަކުން ބެލުމަށްފަހު ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައިވާ ގޮތުން އެފަދަ މައްސަލައެއްގައި ކޯޓެއްގެ މުވައްޒަފަކަށް ފިޔަވަޅު އެޅޭނީ އެ މުވައްޒަފަކު ވަޒީފާ އަދާ ކުރާ ކޯޓު ނުވަތަ އިދާރާގެ މުވައްޒަފުންނާއި ބެހޭ އިސް ވެރިޔާ ކަނޑައަޅާ ފަރާތަކުން ނުވަތަ މުވައްޒަފުންނާއި ބެހޭ އިސް ވެރިޔާ އަށް ކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯޓެއްގެ މުވައްޒަފަކަށް ޑީޖޭއޭ އަށް މިފަދަ ފިޔަވަޅެއް އެޅޭނީ އެ މުވައްޒަފެއް ވަޒީފާ އަދާ ކުރާ ކޯޓު ނުވަތަ އިދާރާއެއްގެ މަޝްވަރާގެ މަތިން ކަން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 220 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ޑީޖޭއޭ އިން އާތިކާ ސަސްޕެންޑުކުރުމަށް ނިންމެވިއިރު ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދާއި ހިލާފުވިިކަމުގެ ޝަކުވާއެއް އެ ކޯޓަށް ހުށަހަޅާފައި ނެތް ކަމަށާއި، އެފަދަ މައްސަލައެއް ކޯޓުން ބަލަމުން ނުދާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޑީޖޭއޭއިން މި ފިޔަވަޅު އަޅާފައިވަނީ އާތިކާއަށް އޭނާގެ މައްސަލައެއް އެ ޑިޕާޓްމަންޓަށް ހުށަހަޅާފައިވާކަން ނާންގައި، ޖަވާބުދާރީވާނެ ފުރުސަތެއްވެސް ނުދީ، ޝަރުއީ ދާއިރާގެ މުވައްޒަދުންގެ ގަވައިދުގެ އެތައް އިޖުރާއަތެއްގެ ބޭރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ޖަވާބުދާރީ ވުމަށް ފުރުސަތެއް ނުދީ ކުއްލިއަކަށް އާތިކާ ސްޕެންޑުކުރުމަކީ ނެޗުރަލް ޖަސްޓިސްއާއި ހިލާފު ކަމެއް ކަމަށާއި، މިއީ މުވައްޒަފުންނާއި މެދު ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުންކޮށް މުވައްޒަފުންނަށް ބުލީ ކުރުމުގެ އަމަލެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސިފަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ކޯޓުތަކުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ކޯޓުތަކުގެ މަސްލަހަތު ގެއްލިގެންދިޔުމުގެ ބިރު އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޑީޖޭއޭ އިން މިގޮތަށް ކަންކުރުމުން އެމަނިކުފާނުގެ ވަޒީފާގެ މަސްއޫލިއްޔަތަށް ހުރަސް އެޅެމުން ދާ ކަމަށެވެ. މިއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ މިނިވަންކަން ކަނޑުވާލައި، ކޯޓުތަކަށް ނުފޫޒާއި ބާރު ހިންގުމުގެ ސަގާފަތެއް އެކުލަވާލައި، ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭނެ ފަދަ މާހައުލެއް އުފެއްދުމަށް ކުރަމުން އަންނަ ގާނޫނާއި ހިލާފު، ދަށު ދަރަޖައިގެ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މިކަންކަން ހުއްޓުވައި، ކޯޓުތަކުގައި އަދުލުވެރިކަމާއެކު މިނިވަން މާހައުލެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ދައުލަތުގެ އެންމެހާ ފަރާތްތަކަށް އެބޭފުޅުންގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.

އިއްޔެގެ ވަގުތެއްގައި ޑީޖޭއޭ އިން އާތިކާ ސަސްޕެންޑުކޮށްފައި ވަނީ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ވަގުތީގޮތުންނެވެ. ތަހުގީގު ނިންމައި ޑީޖޭއޭއިން ވަކިގޮތެއް އަންގަންދެން އޭނާ ސަސްޕެންޝަންގައި ބެހެއްޓުމަށް ޑީޖޭއޭ އިން އިއްޔެ ކަނޑައަޅައި އެކަން އާތިކާއަށް އަންގާފައިވެއެވެ.