މަގުމަތީގެ އެކްސިޑެންޓް

އަންޖުމްގެ މައްޗަށް ކުރާ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި

ހުޅުމާލޭ ހައިވޭ ނިމޭ ހިސާބުން ހުޅުމާލެއާ ވީކޮޅުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި، ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމް ޝަފީގް (13އ) ގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައި ކުރިޔަށް ގެންދަން ނިންމައިފި އެވެ.

އަންޖުމް މަރުވެފައިވަނީ ހުޅުމާލެއާ ވީކޮޅުން ހައިވޭ ފެށޭ ސަރަހައްދުން ސައިކަލުގައި ދަތުރުކުރަނިކޮށް، ފަހަތުން އައި ބަހަކުން ޖެހި ވިއްސައިގެން ގޮސް ތާރުގަނޑުގައި ބޯ ޖެހި، ސިކުނޑިއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ. އެކްސިޑެންޓުގައި އަންޖުމް ވިއްސައިގެން ދިޔަ ވަގުތު އޭނާގެ ބޮލުގައި އޮތް ހެލްމެޓު ބޮލާ ވަކިވެފައިވާކަން، އާންމުވެފައިވާ ބައެއް ފޮޓޯތަކުން އެނގެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އަންޖުމް ވަނީ މަރުވެފަ އެވެ. އަންޖުމްގެ މަންމަ އާމިނަތު އަހުމަދު ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް ފަހުން ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އާމިނަތު އަހުމަދުގެ ހާލު ރަނގަޅުވަމުންނެވެ.

އަންޖުމް އަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 7ޑީ ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ. ފެށުނީއްސުރެ އެ ސްކޫލުގެ އެ ޤުރުއާން ޕޫލުގައި ވެސް ހިމެނޭ ދަރިވަރެކެވެ.