ބޮލީވުޑް

ސިއްހަތު ރަނގަޅު ވަންދެން ފިލްމުތައް މެދުކަނޑާލުމަށްފަހު އަމީތާބް ދިގު ޗުއްޓީއަކަށް

ލިވާ މައްސަލައެއްގައި މީގެ ދެހަފުތާ ކުރިން އަމީތާބް ބަޗަން ވަނީ ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

މީގެ ދެދުވަސްކުރިން ހޮސްޕިޓަލުގެ އެނދުމަތީގައި އޮވެ އަމީތާބް ވަނީ ޓުވީޓެއް ކޮށްފައެވެ. ޓުވީޓުގައިވާ ފޮޓޯއިން ފެންނަނީ އަމީތާބްގެ ފަޔެވެ. ބަލަން އޮތީ ޓީވީން ދައްކަމުން ދިޔަ ފުޓުބޯޅަ މެޗެކެވެ. ކެޕްޝަނަކަށް ލިޔެފައި އޮތީ، ފަޔަށް އިސްޓާކީނު އަރުވައިގެން މުޅި ދުވަހު ފުޓުބޯޅަ ބަލަނީ ކަމަށެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަމީތާބް ހޮސްޕިޓަލުން ދޫކޮށްލިކަމުގައި ވިޔަސް ފިލްމީ ދާއިރާއިން ދިގު ޗުއްޓީއެއް ނަގާނެއެވެ.

ނަމަވެސް އެ ޗުއްޓީ އަމީތާބް ނަގަނީ މިވަގުތު ކުޅެމުން އަންނަ ފިލްމު "ޖުންދު" ޑިސެމްބަރުގައި ރިލީސްކުރުމަށްފަހުއެވެ. އެއަށްފަހު އަމީތާބް ސޮއި ކޮށްފައިވާ އެހެން ފިލްމުތަކުގެ މަސައްކަތް ކުރާނީ ބަލި ރަނގަޅުވެ ރަނގަޅު ރެސްޓެއް ވެސް ނެގުމަށްފަހު ކަމަށްވެއެވެ. މިގޮތަކީ އަމީތާބްގެ ދަރިން އަދި އަންހެނުން ޖަޔާ ބަޗަންވެސް ބޭނުންވާ ގޮތް ކަމަށް ވެއެވެ.

އަމީތާބް ދިގު މެޑިކަލް ޗުއްޓީއަކަށް ދާއިރު އޭނާގެ ދެތިން ފިލްމެއް ރިލީސްކުރުމުގެ މަގުމަތީގައި ވެއެވެ. އެއީ ފިލްމު "ޖުންދު" ގެ އިތުރުން ރަންބީރު އާލިޔާ އާއެކު ފެނިގެންދާ ފިލްމު "ބްރާމަސްތުރާ" އަދި އިމްރާން ހަޝްމީއާއެކު ފެނިގެންދާ ފިލްމު "ޗެހެރާ" އެވެ.