ވިޔަފާރި

ބޭންކްރަޕްސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނަން: ފައްޔާޒު

މާލީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އަންނަ އަހަރު ބޭންކްރަޕްސީ ގާނޫނަކާއި އިންސޮލްވެންސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން މާލޭގައި ގާއިމުކުރި ބިޒްނަސް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ރޭ ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާއަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ބީއެމްއެލްގެ ވަކީލެއްގެ ހައިސިއްޔަތުން ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކޯޓުތަކުގައި އެގްރިމަންޓުތައް ތަންފީޒު ކުރުމަށް ދަތިތަކެއް ދިމާވާއިރު، ރަހުނު ވިއްކައި ނުލެވި ދިގުދެމިގެން ގޮސް ބޭންކާއި ލޯނު ނަގާ ފަރާތާއި މޯގޭޖުކުރާ ފަރާތް އަދި ގެރެންޓީ ދޭ ފަރާތްވެސް އެކަމުގެ ތެރޭގައި ތާށިވެ އެތައް ދުވަހެއް ވަންދެން އުޅެންޖެހޭ ކަމަށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި، އެކަންކަން ހައްލުކުރުމަށް ގާނޫނީ ނިޒާމަށް ބަދަލުތަކެއް ގެނެސް، މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނުތައް ހެދުމުން މުހިންމެވެ.

އެގޮތުން ސަރުކާރުން އަންނަ އަހަރު އެކުލަވާލުމުގެ މަސައްކަތް ފަށާ، އިންސޮލްވެންސީ ގާނޫނަކާއި ބޭންކްރަޕްސީ ގާނޫނުގެ ތެރެއިން ލޯނު ނަގާ ފަރާތްތަކާއި ލޯނު ނުދެއްކޭ ފަރާތްތަކުގެ އިތުރުން ބޭންކުތަކާއި އިންވެސްޓަރުންނަށް ޔަގީންކަން ލިބި، ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ހުންނަ މައްސަލަތައް އަވަހަށް ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގައި އިންސޮލްވެންސީ އެކްޓަކާ ބޭންކްރަޕްޓްސީ އެކްޓެއް މަޖިލީހަށް ހުށަހަޅާނަން. އޭގެ ސަބަބުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދެންނެވި ކަހަލަ ޒަމާންވީ، ދުވަސްވީ ކަންކަމަށް ހައްލެއް ލިބިގެންދާނެ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.