ވޯލްޑް ކަޕް ކޮލިފައިން

ކުޅިވަރުގައި ރާއްޖެއަށް ކާމިޔާބު މަހެއް، ފުޓުބޯޅައިން ވެސް ބޮޑު އުންމީދެއް!

މިމަހަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެއަށް ވަރަށް ކާމިޔާބު މަހެކެވެ. ބޮޑީބިލްޑިން އާއި ބެޑްމިންޓަން އަދި ވޮލީބޯޅައިން މިމަހުގެ ތެރޭގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީފައިވެއެވެ. ގައުމަށް ހޯދައިދިން ފަހުރުވެރި ރަން ވަނަތައް ފާހަގަކޮށް، ދިވެހިން އެ ވަނަތަކަށް އެތުލީޓުންނަށް ޝުކުރު އަދާކުރެއެވެ.

މިމަހު ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ދެ ލޯ މެޑެލް ހޯދި އިރު، ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި ރާއްޖެއިން ވަނީ ދެ ރަން މެޑެއްޔާއި ދެ ލޯ މެޑެލް ހޯދައިފައެވެ. އަދި ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލު ޖާގައެއް ހޯދައި، ފުރަތަމަ ފަހަރަށް އަންހެން ވޮލީގައި ރާއްޖެއިން ވަނީ މެޑެއްޔެއް ކަށަވަރުކޮށްފައެވެ.

އެ ކާމިޔާބީތަކަށްފަހު ދެން އޮތީ ގައުމީ ފުޓުބޯޅަ ޓީމަށް އޮތް ފުރުސަތެވެ. ރާއްޖެއިން އޭޝިއަން ކަޕުން ޖާގައެއް ހޯދުމަށް އަމާޒު ހިފާފައިވާ އިރު، ވޯލްޑް ކަޕް ކޮލިފައިންގައި މިމަހު ކުޅޭ ދެ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު ދެ މެޗެވެ. ހާއްސަކޮށް ފިލިޕީންސާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަކީ އަމިއްލަ ގައުމުގައި ކުޅޭ ދެ މެޗަށް ވުމުން، ދިވެހިން ކުރާ އުންމީދު ވެސް ބޮޑެވެ.

ފުޓުބޯޅައިން އިތުރު ހަރުފަތަކަށް ދާން ޖެހޭ، ދިވެހިން ބޮޑު އުންމީދެއްގައި

މިހާރު ދެކުނު އޭޝިއާގެެ ފުޓުބޯޅައިގައި ރާއްޖޭގެ ނަން ހިނގާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. ސާފް ޗެމްޕިއަންޝިޕް ދެ ފަހަރަކު ކާމިޔާބުކުރެވިއްޖެއެވެ. އެ މުބާރާތުގައި ވާދަކުރާ ކޮންމެ އަހަރަކުވެސް ނިންމާލަނީ ރަނގަޅު ކާމިޔާބަކާއެކުއެވެ. އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ވެސް ދަތުރުކުރެވެއެވެ.

ސާފް ޗެމްޕިއަންޝިޕެކޭ އެއްގޮތަށް ބައިނަލްއަގުވާމީ އެހެން މުބާރާތްތަކުގައި ވެސް ރާއްޖެއިން ރަނގަޅު ނަތީޖާތަކެއް ނެރެން ޖެހެއެވެ. ވޯލްޑް ކަޕަށް ކޮލިފައިނުވެވުނު ނަމަވެސް، އޭޝިއަން ކަޕާ ހަމައަށް ދާން އެބަޖެހެއެވެ. މިހާރު އަމާޒު ހިފަންވީ އެ ފެންވަރަށް ގެންދިއުމެވެ. އޭޝިއަން ކަޕަށް ކޮލިފައިވެ، ރަނގަޅު ނަތީޖާތަކެއް ނެރުމަށެވެ. އެފްއޭއެމް އިން ދާދި ފަހުން ކަނޑައެޅި އަމާޒަކީ ވެސް އެއީއެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ.

އޭޝިއަން ކަޕަށް ވާސިލުވުމުގެ އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް މިހާރު ދިވެހި ސަޕޯޓަރުން ވެސް އުންމީދުކުރެއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް ހުރި ހުރިހާ މެޗަކުން މޮޅުވެވޭނެ ކަމަށް ވެސް އުންމީދުކުރެއެވެ. މިއަދު ހަވީރު ފިލިޕީންސް އަތުން މޮޅުވެ، ގުއާމް އާއި ޗައިނާ އަދި ސީރިއާ ވެސް ބަލިކުރެވޭނެ ކަމަށް އުންމީދުކުރެއެވެ. އެއީ ނުވާންވީ ކަމެއް ނޫނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ރާއްޖޭގެ ޓީމުން ދައްކަމުން އަންނަ ކުޅުން ރަނގަޅެވެ.

ފިލިޕީންސްއަކީ މާ މޮޅު ޓީމެއް ނޫން، އެކަމަކު ސަމާލުވާން ޖެހޭ

ރާއްޖެއިން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ފިލިޕީންސްއާ ދެކޮޅަށް ކުޅެފައެވެ. އޭގެ ތެރެއިން ދެ މެޗަކުން ފިލިޕީންސް މޮޅުވެފައިވާ އިރު، އަނެއް މެޗުން މޮޅުވީ ރާއްޖެއެވެ. ރާއްޖެ މޮޅުވި މެޗަކީ 2009 ވަނަ އަހަރު ފިލިޕީންސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ. އެ މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހު ދެން ރާއްޖެއިން ފިލިޕީންސްއާ ދެކޮޅަށް ކުޅުނީ އޭއެފްސީ ޗެލެންޖް ކަޕް 2014ގެ ސެމީ ފައިނަލުގައެވެ. އެ މެޗު 3-2ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ ފިލިޕީންސްއެވެ. އަދި އެންމެ ފަހުން ކުޅުނު ކުޅުނު މެޗަކީ 2015 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިލިޕީންސްއެވެ.

ތާރީހުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ ނަތީޖާތައް ގޯހެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ ފުޓުބޯޅައިގެ ފެންވަރާއި ފިލިޕީންސް ފުޓުބޯޅައިގެ ފެންވަރާ ދެމެދު މާ ބޮޑު ފަރަގެއް ނެތެވެ. ހާއްސަކޮށް ރާއްޖެއަށް އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ބަދަލު ހިފުމެއްގެ ރޫހެއްގައި ކުޅެފި ނަމަ، މެޗުން މޮޅުވުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު، ރާއްޖެއިން ވިސްނަން ޖެހޭ ކަމެއް އެބައޮތެވެ. ރާއްޖެއެކޭ އެއްގޮތަށް ފިލިޕީންސްގައި ވެސް ހަލުވި ކުޅުންތެރިން އެބަތިއްބެވެ. ކުރިން ރާއްޖެ ބަލިކުރި ފިލިޕީންސްގެ ޓީމުގައި ހިމެނުނު ދެބެއިން ކަމަށްވާ ޖޭމްސް ޔަންގްހަސްބަންޑާއި ފިލް ޔަންގްހަސްބަންޑް މިހާރު ޓީމުގައި ނުހިމެނުނު ކަމުގައިވިޔަސް، އޭރު ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންތަކެއް މިހާރު ވެސް ޓީމުގައި އެބަތިއްބެވެ. ގޯލަށް ނުރައްކާކުރެވޭނެ ފެންވަރުގެ ކުޅުންތެރިން އެޓީމުގައި އެބަ ތިއްބެވެ.

ފިލިޕީންސްއަކީ މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއަށް އުނދަގޫތައް ކުރިމަތިވި ޓީމެވެ. ކޮލިފައިންގައި ފިލިޕީންސް އިން ވަނީ ޗައިނާ ހިފަހައްޓައިފައެވެ. އޭގެ އިތުރުން ފިލިޕީންސްއަކީ މިއަހަރުގެ އޭޝިއަން ކަޕުގައި ވެސް ވާދަކޮށްފައިވާ ޓީމެކެވެ.

ފިލިޕީންސް މެޗުގައި ރާއްޖެއަށް އެޑްވާންޓޭޖް ބޮޑު

ވޯލްޑް ކަޕް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ކުޅެ، 2-1ގެ ނަތީޖާއަކުން ރާއްޖެ ބަލިވި ނަމަވެސް އެ މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ. އެ މެޗަކީ ރަށުން ބޭރުގައި މޮޅު ކުޅުމެއް ދައްކައި، ރާއްޖެއިން ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި މެޗެކެވެ. އެއާ ހިލާފަށް ސީރިއާ އަތުން ފިލިޕީންސް ވަނީ 5-2ގެ ނަތީޖާއަކުން ބަލިވެފައެވެ.

ރާއްޖޭގެ ފަހަތަށް ބަލައިލާ އިރު، ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ)އަކީ އިތުބާރު ހޯދާފައިވާ ތަޖުރިބާކާރު ކުޅުންތެރިންނެވެ. އޭގެ އިތުރުން ހުސައިން ސިފާއު (ކުރޯ) އަކީ ހަލުވި ޑިފެންޑަރެކެވެ. މެދުތެރެ އަދި ފޯވަޑް ލައިނަށް ބަލާ ނަމަ، ފާހަގަކޮށްލަން ޖެހޭ ކުޅުންތެރިން ގިނައެވެ. އޭގެ ތެރެއިން އަލީ އަޝްފާގު (ދަގަނޑޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހަސަން ނާއިޒް (ދާދު) އާއި އަލީ ފާސިރު (ސެންޓޭ) އަދި އަހްމަދު ރިޒުވާން (ރިޒޭ) އަކީ ހަލުވި ކުޅުންތެރިންނެވެ. އެއިން ކޮންމެ ކުޅުންތެރިޔަކީ ސްޕީޑުގެ ބޭނުން ހިފައި، އިދިކޮޅު ގޯލަށް ނުރައްކާކުރެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ.

މިއަދުގެ މެޗަށް ނުކުންނަ އިރު، ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ އަމިއްލަ ދަނޑުގައި ކުޅޭ މެޗަކަށް ވާތީއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ދަނޑުގެ ސަރަހައްދެއް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވުމުން 3000 އެއްހާ ސަޕޯޓަރުންނަށް ދަނޑަށް ވަދެވުނު ނަމަވެސް، އަމިއްލަ ދަނޑުގައި ކުޅުމަކީ ލިބޭނެ ހިތްހަމަޖެހުމެކެވެ. އަދި މެލޭޝިއާއަށް ކުރި ތަމްރީނު ދަތުރަކީ ވެސް އެޑްވާންޓޭޖެއް ކަމަށް ބަލަން ޖެހެއެވެ. އެހެންކަމުން މި އެޑްވާންޓޭޖްތަކުގެ ފައިދާ ނަގައި، ފިލިޕީންސް އަތުން މޮޅެއް ހޯދުން ވަރަށް މުހިންމެވެ. ދިވެހިން ވެސް އެދެނީ މޮޅުވުމެވެ.