ޚަބަރު

ހަގީީގީ ސިޔާސީ މަގާމުތަކުގެ އަދަދު 400 އަށްވުރެ މަދު ވާނެ: ނަޝީދު

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަގާމުތައް ގިނަ ނޫން ކަމަށާއި ހަގީގީ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ބަޖެޓް ބަހުސްގައި، އަންނަ އަހަރަށް ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އަންނަ އަހަރު 69 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކުރެވެތީ އެކަމާމެދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ނަޝީދު ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 785 ނަމަވެސް އެ އަދަދަކީ ރައީސް އޮފީހުގައި ތިއްބެވި ހުރިހާ މުވައްޒަފުން ހިމަނައިގެން އަރާ އަދަދު ކަމަށެވެ. ރައީސް އޮފީހުގައި ތިއްބަވާ ހުރިހާ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުން ނޫން ކަމުން ހަގީގީ ސިޔާސީ މަގާމުތަކުގެ އަދަދު 400 ވުރެ މަދު ވާނެ ކަމަށެވެ.

"އަޅުގަނޑު ސާފުކޮށް އަރުވާނަން.. ސިޔާސީ މަގާމުތަކުގެ އަދަދަކީ 785. އެއީ ރައީސް އޮފީހުގައި ތިއްބެވި ހުރިހާ ސްޓާފުންނާއެކު. ރައީސް އޮފީހުގެ ސްޓާފުންނަކީ ސިވިލް ސާވިސްގެ މެންބަރުންނެއް ނޫން. އެހެންވީމާ ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި 400 އެއްހާ މީހުން ވެސް ނުމެ އުޅޭ. އަދި ބަޖެޓުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސިޔާސީ މަގާމުތަކަށް ޖުމްލަ، އެއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ބޭފުޅުންނާއެކުގައިދާ އަދަދު ފެނިވަޑައިގަންނަވާނެ. އަދި މީގެ ކުރިން ހުރި އަދަދުވެސް ބަޖެޓުން ފެނިވަޑައިގަންނަވާނެ. އެހެންވީމާ ބޭފުޅުންނަށް ލިބިފައިވާ މައުލޫމާތު އެއީ ކުށޭ ނުވަތަ ނޫންތޯއޭ އެހެން ވިދާޅުވުން ބުއްދިވެރިއެއް ނޫން. ސައްހަ މައުލޫމާތު ބަޖެޓްގައި އެބަ ހިމެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރު ނިމުނުއިރު ސިޔާސީ މަގާމުތަކުގެ އަދަދަކީ 465 އެއް ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް 2020 އަހަރަށް ސަރުކާރުން ލަފާކޮށް މަޖިލީހަށް ހުށަހަޅައި، މިހާރު ބަހުސް ކުރަމުން އަންނަ ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ސިޔާސީ މުވައްޒަފުންގެ ގޮތުގައި 785 މުވައްޒަފުން ސަރުކާރުގައި ތިއްބަވާނެއެވެ. އަދި އެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތަކަށް ބަޖެޓުގައި 331.2 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ބަޖެޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސިޔާސީ މަގާމުތައް އެންމެ ގިނަ ކަމަށް ދައްކާ ރައީސް އޮފީހުގައި 377 ސިޔާސީ މުވައްޒަފުން ހިމެނެއެވެ. އަދި 65 ކޮންޓްރެކްޓް މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ ގޮތުގައި ތިބި 12 މުވައްޒަފުންނާއެކު ރައީސް އޮފީހުގެ މުވައްޒަފުންގެ ޖުމުލަ އަދަދު 465 އަށް އަރައެވެ.