ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ސިޔާސީ ބޭފުޅުން މިނިވަންވެގެން ދާއިރު، ޖަލުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ގޭބަންދަށް ބަދަލުކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.
އަހުމަދު ފާއިޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އެކި ގޮތްގޮތުން ސިޔާސީ ބޭފުޅުން މިނިވަން ވަމުންދާއިރު، ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު، ގެއަސް ބަދަލުކުރެވޭނެ އިންސާފުވެރި ގޮތެއް ހޯދަންޖެހޭ ކަމަށެވެ.
ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަން ތުހުމަތު ކުރައްވައި، ފާއިޒު ވިދާޅުވީ ދެބޭފުޅުންގެ މައްޗަށް އިންސާފުވެރި ޝަރީޢަތެއް ހިންގިދާނެ ކަމާމެދު ކުރިންވެސް ސުވާލު އުފެދުނު ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ސިޔާސީ ފަރާތްތަކެއް މިނިވަން ކުރުމަށް އަންގައި، އެކެއް ފެބްރުއަރީގައި އެކޯޓުން ނެރުނު އަމުރުގެ މައްސަލައިގައެވެ.
އެމައްސަލައިގައި ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 8 މެއި 2018 ގައެވެ. އަދި އަލީ ހަމީދު ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 10 މެއި 2018 ގައެވެ.