ޚަބަރު

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

ލޯކަަލް ކައުންސިލުތަކުގެ ދައުރު ފަސް އަހަރަށް އިތުރު ކުރަން ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިހާރު ކަނޑައަޅާފައިވާ އޮންނަ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރު ދުވަހެވެ. އެ މުއްދަތު ފަސް އަހަރަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވެސް ވަނީ ހިމަނައިފައެވެ. ސަރުކާރުން އެ ބިލު ގައި ހުށަހަޅާފައިވާ ގޮތަށް ފާސް ކޮށްފައިވަނީ އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައެވެ.

ކައުންސިލުތައް ބާރުވެރި ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި މި ބިލުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި އަތޮޅު ކައުންސިލަށް ވަކިން މެންބަރުން އިންތިހާބުކުރާ ގޮތަށް މިހާރު އޮތްގޮތް ބަދަލުކުރުން ހިމެނެއެވެ. ބިލުގައިވާ ގޮތުން، އަތޮޅު ކައުންސިލުތަކުގެ މެންބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުންނެވެ.

ބިލުގައި ބުނެފައިވަނީ، މިއީ ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލުތައް އެކުލަވާލުމަށްޓަކައި ގެންނަ ބަދަލެއް ކަމަށެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ގާނޫނުއަސާސީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ސަރުކާރުން ވަނީ ބިލު ހުށަހަޅައިފައެވެ. ސަރުކާރުން ބުނީ މި އިސްލާހުގެ ބޭނުމަކީ ލޯކަލް ކައުންސިލުތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޔާދަކޮށްދިނުން ކަމަށެވެ.

ހަމަ އެއާއެކު ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގުމަށް މަގުފަހިކޮށްދީ، ކައުންސިލުތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ވެސް ބުނެފައިވެއެވެ.

މިކަންކަން ތަންފީޒު ކުރަން، މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލުތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.